ލައިފްސްޓައިލް

ހިތްވަރުގަދަ މަޔަކު ދަރިފުޅު ސަލާމަތްކުރަން މިނިކާވަގަކާ ތަޅާފޮޅައިފި

ދަރިންނަށްޓަކައި މައިންގެ ހިތުގައި އޮންނަ ލޯތްބަކީ ދުނިޔޭގައިވާ އެހެން އެއްވެސް ޖަޒުބާތަކާ އެއްވަރުގެ ލޯތްބެއް ނޫނެވެ.

ދަރިފުޅުގެ ފުރާނައަށް ނުރައްކާވާ ދަނޑިވަޅުގައި މައިމީހާ އެ ދަރިފުޅު ސަލާމަތްކުރަން އެ ނުރައްކަލާ ކުރިމަތިލަނީ އަމިއްލަ ފުރާނައަށް ފަރުވާލެއް ނެތި އެވެ.

ދާދިފަހުން ހިނގި މި ފަދަ ހާދިސާއެއްގައި އިންޑިއާގެ މަދްޔަޕްރަދޭޝްގެ އަވަށެއްގައި ދިރިއުޅޭ 25 އަހަރުގެ މަންމައަކު ވަނީ އޭނާގެ 15 މަހުގެ ކުޑަ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރުމަށް މިނިކާވަގަކާ ކުރިމަތިލާފަ އެވެ. މި ދެ މައިންނަށް މިހާރު ގެންދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މި ހާދިސާ ހިނގާފައިވަނީ އުމާރިއާ ޑިސްޓްރިކްޓްގައި އޮންނަ ރޮހާނިއާ އަވަށުގަ އެވެ. މިއީ ބަންދަވްގަރް ޓައިގާ ރިޒާވްއާ ޖެހިގެން އޮންނަ އަވަށެކެވެ.

އަރްޗަނާ ޗައުދަރީ ނަމަކަށް ކިޔާ މި ޒުވާން މަންމަ ފަހުން ކިޔައިދިން ގޮތުގައި އޭނާގެ ދަރިފުޅު ރަވީރާޖް ގޮވައިގެން އޭނާ ދަނޑަށް ދިޔައީ ބޮޑުކަމުދާން ޖެހިގެންނެވެ.

އެމީހުންގެ ގޭގޭގައި ފާޚާނާ ނުހުންނާތީ އަވަށުގެ މީހުން އާންމުކޮށް ފާޚާނާ ކުރަނީ ދަނޑުތަކަށް ގޮހެވެ. ކުއްލިއަކަށް އައި ނައިތަނެއް ނޭނގި މިނިކާވަގެއް އެ ދެމައިންނާ ދިމާލަށް ފުންމައިގެން އައިސް ތުއްތު ދަރިފުޅު ޖަހައިގަތީ ކަމަށް އަރްޗަނާ ބުންޏެވެ.

މިނިކާވަގު ހިފާފައި ހުރީ ކުއްޖާގެ ބޮލުގަ އެވެ. ކުއްޖާ ސަލާމަތްކުރަން އެ ކުއްޖާގެ މަންމަ މިނިކާވަގާ ކުރިމަތިލުމުން މިނިކާވަގު ދެން ހަމަލަދިނީ އަންހެން މީހާ އަށެވެ.

މިނިކާވަގާއި އަންހެން މީހާ ތަޅާފޮޅަމުން ދިޔައިރު އަންހެން މީހާ ވަރަށް ބާރަށް ހަޅޭއްލަވަމުން ދިޔުމުގެ ސަބަބުން އެ ހިސާބުގަނޑުން ދިޔަ ބަޔަކަށް އެ އަޑު އިވެގެން އައިސް ދަނޑީބުރިން ތަޅަން ފެށުމުން ކުޑަ ކުއްޖާ ދޫކޮށްލާފައި މިނިކާވަގު ވަލުތެރެއަށް ވަދެ ފިލި އެވެ.

އަރްޗަނާގެ ފިރިމީހާ ބޯލާ ބުނި ގޮތުގައި މިނިކާވަގުގެ ހަމަލާގައި އެމީހުންގެ ދަރިފުޅުގެ ބޮލަށާއި ބޮނބިފަޅިއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ހުރި ކަމަށެވެ. އަދި އަރުޗަނާގެ ދެ އަތަށާއި ބުރަކައްޓަށް ވަރަށް އަނިޔާވެފައި ހުރި ކަމަށެވެ.

ފޮރެސްޓް އޮފިސަރުންގެ ޓީމަކުން މިހާރު ދަނީ މި މިނިކާވަގު ހޯދަން މަސައްކަތް ކުރަމުންނެވެ.

އަރްޗަނާގެ އާއިލާ ދިރިއުޅޭ އަވަށާ ކައިރީގައި ޓައިގާ ރިޒާވް އޮންނާތީ އެތަނުން ދޫވެގެން ބައެއް ފަހަރަށް މިނިކާވަގު އަވަށަށް އަރައި މީހުންނާއި ކުޑަކުދިންނަށް ހަމަލަ ދެއެވެ. އަދި ބައެއް ފަހަރު މި ފަދަ ހަމަލަތަކުގައި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ފުރާނަ ގެއްލިފައިވެސް ވެއެވެ.