ހޯރަފުށީ އެއާޕޯޓް

ހޯރަފުށި އެއާޕޯޓަށް ހާއްސަ ޖެޓީ ހެދުމުގެ މަސައްކަތް ފަށައިފި

Sep 8, 2022
1

ހއ. ހޯރަފުށީ އެއާޕޯޓަށް އަރާފޭބުން ފަސޭހަކުރުމަށްޓަކައި ހާއްސަ ޖެޓީއެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

ސަރުކާރުން މިމަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި -- އެމްޓީސީސީ މިމަސައްކަތް ފެށީ އިއްޔެ އެވެ.

ސަރުކާރުން 5.99 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާ މިމަޝްރޫއުގެ 18،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، ޕްރީކާސްޓް އެލް ބްލޮކްސް ބޭނުންކޮށްގެން ޖެޓީ ހެދުމާއި، ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

ހޯރަފުށީގައި އަޅާފައިވާ އެއާޕޯޓަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އަމަލީ ހުރިހާ މަސައްކަތެއް ކުރިއަށް ގެންގޮސް ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލާފައިވާ މަޝްރޫއެކެވެ.

ހޯރަފުށި އެއާޕޯޓް ނޮވެމްބަރު 19، 2020 ގައި ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް ސޯލިހް އެވެ.

ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ހޯރަފުށީ އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 8،635 ސްކޮޔާ މީޓަރުގެ އޭޕްރަންއަކާއި، ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، ޕާކިން އޭރިއާއަކާއި، ފަޔާ އެކްސެސް މަގެއް ހިމެނެ އެވެ.

ހޯރަފުށި އެއާޕޯޓް ހަދާފައިވާ އެރަށު ފަޅުތެރޭގައި އެއާޕޯޓަށް ވަކިން ބިން ހިއްކައިގެންނެވެ. އަދި ހިއްކި ބިމުގައި އެއާޕޯޓް އަޅައި އެއާޕޯޓާއި ހޯރަފުށި ވަނީ ކޯޒްވޭ އަކުން ގުޅާލާފަ އެވެ.