މާލޭގައި 8،000 އަށް ވުރެ ގިނަ މީހުން އިއްޔެ މިނީ ބަހުގައި ދަތުރުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ރަސްމީކޮށް ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ދުވަހު 2،257 މީހަކު ދަތުރުކޮށްފައިވާއިރު އަންގާރަ ދުވަހު 3،200 މީހުން އަދި އިއްޔެ އެކަނިވެސް 8،024 މީހަކު މިނީ ބަހުގައި ދަތުރުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.
އިއްޔެ ހަމައެކަނި އޯކިޑް މަގު ރޫޓުން އެކަނި ވެސް 3094 މީހުން، އަމީނީމަގުން 2،416 އަދި ސޯސަން މަގުން 2،514 މީހުން ދަތުރު ކުރި އެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ދެނީ ތިން ރޫޓަކުންނެވެ. އެއީ އަމީނީ ރޫޓާއި، ސޯސަން ރޫޓާއި އޯކިޑް ރޫޓެވެ. އޯކިޑް ރޫޓުން އިއްޔެ 3،094 މީހުން، ސޯސަން ރޫޓުން 2،514 މީހުން އަދި އަމީނީ ރޫޓުން 2،416 މީހުން ހިދުމަތް ހޯދާފައިވެ އެވެ.
އެމްޓީސީސީން ބުނީ މާލޭގައި މިނީ ބަހުގެ ހިދުމަތް ތަރައްގީކުރަން އަދި ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ދުވަހުން ދުވަހަށް ކުރާނެ ކަމަށެވެ. އަދި މާލޭގައި އެއް ދުވަހެއްގައި މިނީ ބަހުގައި 10،000 މީހުން އުފުލުމުގެ ގާބިލް އެބަހުރި ކަމަށްވެސް އެމްޓީސީސީން ބުނެފައިވެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ވިދާޅުވީ މިނީ ބަހުގެ ހިދުމަތް ރައްޔިތުން ބަލައިގެންފި ކަމަށެވެ. އެހެންކަމުން ހިދުމަތް އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ކުރަމުންދާނެ ކަމަށެވެ.
ބަހުގެ ހިދުމަތް ހަފްތާގެ ހުރިހާ ދުވަހަކު ހެނދުނު 5:45 އިން ރޭގަނޑު 12:15 އަށް ލިބޭނެ އެވެ.
މިނީ ބަހުގެ ދަތުރުތައް އިންތިޒާމުކޮށްފައިވަނީ މާލޭގެ ހަތަރު އަވަށް ކަވަރުކުރެވޭ ގޮތަށެވެ. ބަސް ދަތުރުކުރާ ރޫޓުތަކުގައި ޖުމްލަ 40 ބަސް ސްޓޮޕް ހަދާފައިވާއިރު ކޮންމެ ސްޓޮޕަކަށް ކޮންމެ 15 މިނެޓަކުން ބަސް ގާތްކުރާނެ އެވެ.
މާލޭގައި ބަހުގެ ހިދުމަތް ދިނުމަށް 18 ބަސް ބޭނުންކުރާއިރު، އަށް ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަތަކެއް ހަދާފައިވާ ބަސްތަކެކެވެ. ހާއްސަ އެހީއަށް ބޭނުންވާ ބަސްތަކުގައި 20 ގޮނޑި އަދި އެހެން ބަސްތަކުގައި 22 ގޮނޑި ހުރެ އެވެ. މީގެއިތުރުން 10 މީހުންނަށް ކޮޅަށް ހުރެގެން ދަތުރުކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފަ އެވެ.