ވާހަކަ

އިޙްސާސްވޭ

( 6 ސެޕްޓެމްބަރ 2022 އާ ގުޅޭ )

އަލަތު ދެމަފިރިންނާ ބައްދަލުކޮށް ތަހުނިޔާ ކިޔާފައި މަންމަ އެދުނުހެން ޒުހޫރުގެ ދެމަފިރިންނާ ވެސް އައިރިކް ސަލާމްކުރިއެވެ. އެނބުރި ދާންވަންދެން ހޯލު ތެރޭގައި ޖަހާފައިވާ މޭޒުތަކުން މޭޒެއްގެ ދޮށުގައި މަޑުކޮށްލަން އައިރިކްއަށް ޝަބްނަމް ޚިޔާލުދިނެވެ. މަޑުމަޑުން އިސްޓޭޖުން ފައިބައިގެން އައިރިކް އައެވެ. ވަށައިގެން ނަޒަރު ހިންގަމުންނެވެ. މޭޒުތައް މީހުންނާއިގެން ފުރިފައިވާއިރު މާޙައުލުގައި އެހާ އަޑުގަދައެވެ. އެކަނިމާއެކަނި އެ ނުދަންނަ މީހުންތަކުގެ ތެރޭ އުޅޭން އައިރިކްއަށް އުނދަގޫވިއެވެ. ފުއްޕާހަމެއް ކުއްލިއަކަށް ގޮވީ އެވަގުތެވެ. މައްޗަށް ބަލާލެވުނު ހިނދު އޭނާގެ ލޮލުގައި އަޅައިގަތީ ރަތް ފިނިފެންމަލެކެވެ.

ޙަފުލާގެ ހޯލުތެރޭގައި ހިނގާ ކަންކަން ފެންނަ ގޮތައް މަތީގައި ހަދާފައި ހުރި ބައިގަ މީހަކު ހުރިކަން އައިރިކްއަށް ޔަގީނެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ފާރުބުރިމަތިން ބޭރަށްވާހެން އަޅުވާލާފައި އޮތް އެމީހެއްގެ އަތެވެ. އަދި އެ އަތުގައި އޮތް ރަތް ފިނިފެންމަލެވެ. އޭނާ ގެނައި ހަރަކާތަކާއެކު އެ އަތުން މާ ދޫވެ ހޯލުތެރެއަށް ވެއްޓުނެވެ. ތިރީގައި ހަރަކާތްތެރިވަމުންދިޔަ ޒުވާން އަންހެން ގުރޫޕެއްގެ ތެރެއިން ކުއްޖަކު އެ ފިނިފެންމާ ނެގިތަން އައިރިކް ދުށްޓެވެ. ނަމަވެސް އައިރިކްގެ ސަމާލުކަން ހުއްޓުނީ މަތިން ބޯދިއްކޮށްލި އަންހެން ކުއްޖާއަށެވެ. އެއްއަތުން ކަންފަތުގައި ފޯނު ޖައްސާލައިގެން ހުރެ ފާރުބުރި މަތިން އޭނާ ގުދުވެލައި ހޯލުތެރެއަށް ނަޒަރު ހިންގާލީއެވެ. އައިރިކްގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލީ އިޚްތިޔާރަކާއި ނުލައެވެ. ހޯލުތެރެއަށް އައިރިކްގެ ނަޒަރު ދަތުރުކޮށްލީ ހިތުގައި އުފެދުނު ގަސްދެއްގެ ސަބަބުންނެވެ. އެއް އަތްތިލަ ފަޓުލޫނުގެ ޖީބަށް ކޮށްޕާލައިގެން ހުރެ އޭނާ ހިނގައިގަތެވެ. މައްޗަށް އަރަން ހުރި ސިޑީގެ ހަރުފަތްތަކުން އަރަން ފެށީ މީހާ ނިކަން ހަމަޖެހިގެން ހުރެއެވެ. މައްޗަށް އެރުމާއެކު މާ ދުރުނޫން ހިސާބެއްގައި އެކަނިމާއެކަނި ހުރި އަންހެންކުއްޖާ އައިރިކްއަށް ފެނިއްޖެއެވެ. ހިމަ ހަށިގަނޑުގެ ބައްޓަމަށް ހެޔޮވަރުކޮށްލެވިފައި ރަތް ހެދުމުގައި އައިރިކް އޭނާ އެއްވަރުކުރީ ފޮޅިލާފައި އިން ތާޒާ ރަތް ފިނިފެންމަލަކާއެވެ. އަލިއެޅިލާ ގޮތުން އޭނާ ލައިގެން ހުރި ރަތް ހެދުމުގައި ވިދުމެއްވާކަން ފާޅުވެލައެވެ. ހަށިގަނޑުގެ ހިމަކަމާއެކު ލައިގެން ހުރި ހެދުން ވެސް ދިގުކޮށް ހުރީތީ އެ އަންހެންކުއްޖާ ދިގުކަމަކަށް ދައްކައެވެ. ފިޔަވަޅު މަޑުޖެހިލައިފަ ވެސް އައިރިކް ކުރިޔަށް އަންނަން ފެށިއެވެ. އެ އަންހެންކުއްޖާއާ ދިމާއަށް ނޭނގޭ ބާރަކުން އޭނާ ދަމާފައި ގެންދާ ފަދައިންނެވެ.

ފޯނު ތިރިކޮށްލައިގެން އެއަށް ބަލަން އެ އަންހެންކުއްޖާ ހުރި ގޮތުން ހީވަނީ ކަމަކާ ގަޔާނުވެފައި ހުރީ ހެންނެވެ. އެ ނުތަނަވަސްކަމުގެ އަސަރު އެ ދިގު މޫނާ ނުގުޅެޔޭ އައިރިކްގެ ހިތް ވަގުތުން ބުނެލައިފިއެވެ. އެހިނދު އައިރިކްއަށް ފެނުނީ އެ އަންހެންކުއްޖާ ގެންގުޅުނު ކުޑަކުޑަ ދަބަހުގެ ތެރެއަށް ފޯނުލުމާއެކު ފުންނޭވާއެއް ދޫކޮށްލި ތަނެވެ. އަދި އެ ހަރަކާތާއެކު ނުހަނު އަވަހަށް އޭނާގެ މޫނުން އުދާސްކަމުގެ އަސަރު ފިލައިގެން ހިނގައްޖެއެވެ.

އައިރިކް އަންނަ ކަމުގެ ހިލަންވުމާއެކު އެ އަންހެންކުއްޖާގެ ނަޒަރު އަމާޒުވެލައިފިއެވެ. އައިރިކް ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ. އޭނާ ވެސް ކަންތައް ކުރީ ހަމަ އެފަދައިންނެވެ.

"ޔޫ... ޔޫ ލުކް ގޯޖަސް އިން ދެޓް ޑްރެސް." އަންހެންކުއްޖާ ކައިރީ ހުއްޓިލުމާއެކު އޭނާއަށް ފަރުވާތެރިކަމާއެކު ބަލާލަމުން އައިރިކްއަށް ބުނެލެވުނެވެ. ހަޤީޤަތުގައި އޭނާގެ ހިތުގައި އޮތް ލަފުޒުތައް ބޭރުކޮށްލެވުނީ ނޭނގުމެއްގައެވެ. އެ އަންހެންކުއްޖާގެ ދެ ލޮލުން ހައިރާންކަމެއް ފާޅުވެލިއެވެ. އެ ރޭގެ އެ ޙަފުލާގައި އެފަދަ ތާރީފެއް އޭނާއަށް މީހަކު ކުރީ އަލަށް ކަހަލައެވެ.

"ޓްރޫލީ." އައިރިކް އިތުރުކޮށްލިއެވެ. އަމިއްލަ ނަފްސުގެ މައްޗަށް ވެރިވި ޔަގީންކަމާއެކުއެވެ. ނަޒަރު ވަކިކޮށްލަން އުނދަގޫވާ ފަދަ ރީތިކަމެއް ފެނުމުން ތާރީފުނުކުރަންވީ ކީއްވެ ހެއްޔެވެ. އައިރިކްގެ ހިތުގައި އާ ދިރުމެއް އެ ރީތިކަން އުފައްދައިފިއެވެ.

ރަކިވީ ފަދައަކުން އެ އަންހެންކުއްޖާ ނަޒަރު ވަކިކޮށްލިއެވެ. ފާރުބުރީގައި އަތްއަޅުވާލައި ހޯލުތެރެއަށް އޭނާ ބަލަން ފެށިއެވެ. ތިރީ ތުންފަތުގައި ދަތްއަޅައި ހިފަހައްޓާލި ގޮތުން ހީވީ ފާޅުވާން އުޅުނު ހިނިތުންވުމަށް އިޒުނަ ދޭން އޭނާ ބޭނުންނުވާ ކަހަލައެވެ.

"މި ވެޑިންގަ... ތީ މެހެމާނެއްތަ؟." އައިރިކް އަހާލިއެވެ.

"ފެމެލީ ސައިޑުން." އެ އަންހެންކުއްޖާ ބުނެލިއެވެ. މިފަހަރު ހައިރާންވީ އައިރިކްއެވެ.

"ބްރައިޑް އޯ ގްރޫމް." އައިރިކް އަހާލިއެވެ.

"ތީނަ..." އެ އަންހެންކުއްޖާ ސުވާލުގެ ރާގުގައި ބުނެލިއެވެ.

"ފެމެލީ." އެއްމިޔަކަނުން ހިނިތުންވެލަމުން އައިރިކް ބުނެލިއެވެ.

އެރޭގެ އެ ޙަފުލާގައި އެއީ ކޮން އަންހެންކުއްޖެއް ކަމެއް އައިރިކްއަށް އެއްގޮތަކަށް ވެސް ނޭނގުނެވެ. އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ދޭން ބޭނުންނުވާ ކަހަލައެވެ. އައިރިކްގެ ސުވާލުތަކުން ޒާތީ ކަމަކާ ސުވާލުކޮށްފިނަމަ އެ އަންހެންކުއްޖާ ބަދަލުކޮށްލަނީ ހިނިތުންވުމެކެވެ. އެންމެ ކުޑަމިނުން ނަން އަހާލުމުން ނަމެއް ވެސް އޭނާ ނުބުންޏެވެ. އެހެންވިޔަސް ދެމެދުގައި ދެކެވުނު ވާހަކަތަކުގައިވީ ސަމާސާ ގޮތެވެ. ފުރަތަމަ ބައްދަލުވުމުން ވެސް ދެމެދުގައި ވާހަކަދައްކަން ފަސޭހަ ގޮތެއް ހުރިކަން އައިރިކްއަށް ފާހަގަވިއެވެ. ޚާއްޞަކޮށް އެ އަންހެންކުއްޖާގެ ހިނިތުންވުމަށް އޭނާގެ ހިތް ދޫވެއްޖެއެވެ.

"ދާން ޖެހިއްޖެ." އައިރިކްގެ ފޯނަށް ޝަބްނަމް ގުޅުމުން އޭނާ ބުންޏެވެ.

"އޯކޭ. ގުޑްނައިޓް." އެ އަންހެންކުއްޖާ ބުނެލިއެވެ.

އައިރިކް ދާން ހިނގައިގަނެފައި ހުއްޓުނެވެ. އެނބުރި އެ އެންހެންކުއްޖާއާ އަލުން ކުރިމަތިލިއެވެ. ދެމީހުން ހިނިތުންވެލިއެވެ. ހަމަ އެހިނދުން އެ ހިނިތުންވުން ލުއި ހުނުމަކަށް ބަދަލުވިއެވެ. ދެ ހިތުގައި އެވަގުތުވީ ޝުޢޫރު ދެނަތިބީ ހަމަ އެ ދެ މީހުން އެކަންޏެވެ.

"އައި ވިލް ފައިންޑް ޔޫ... ލޭޑީ އިން ރެޑް..." ހިނިއައިސްފަ ހުރެ އައިރިކް އެއްލޯ މަރާލިއެވެ. އެ އަންހެންކުއްޖާ ހައިރާންވީކަން ދައްކަން ދެ ލޯ ބޮޑުކޮށްލިއެވެ. އަދި ލޭޑީ އިން ރެޑްއޭ ކިޔާލީ އައިރިކް އޭނާއަށް ދިން ނަމާމެދު ހިނިއައިސްފަ ހުރެއެވެ. އެނބުރިލުމުގެ ކުރީން އެ އަންހެންކުއްޖާއާ ކޮށްލި ވަކިވުމުގެ ސަލާމެއް ފަދައިން އައިރިކް ލަސްގޮތަކަށް ބޯޖަހާލިއެވެ. ދެން ނިކަން ފާޑުވެރިކޮށް ފަޓުލޫނުގެ ދެޖީބަށް އަތްތިލަ ކޮށްޕާލައިގެން ހުރެ ހިނގައިގަތެވެ.

"މާޔާ..." ޚިޔާލުތަކުގެ ތެރެއަށް ގެއްލި އިނދެ އައިރިކްގެ ހިތް ގޮވާލިއެވެ. އޭނާ އާކުރަމުން އެ ދަނީ އޭނާއާއި މާޔާގެ ހަނދާންތަކެވެ. ދެމީހުންގެ ފުރަތަމަ ބައްދަލުވުން ހިނގައިދިޔަ ގޮތެވެ. އޭނާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވިއެވެ. މަޑުމަޑުން ތުންތެޅިލިއެވެ. ސިއްރުން ލޭޑީ އިން ރެޑްއޭ އައިރިކް ކިޔާލީއެވެ.

ކުއްލިއަކަށް މަރާލެވިފައިވީ ލޯ ހުޅުވާލަން އައިރިކްއަށް މަޖުބޫރުވީ ވާރޭގެ ސަބަބުންނެވެ. ބޯކޮށް ވެހިގަތް ވާރޭގެ ފެންތިކިތައް ބިމުގައި ޖެހި ބުރައިގެން ދާއިރު އައިރިކް އިށީނދެ އިން ސިޑީގެ ހަރުފަތްތަކާ ހަމައަށް ފޯރަންފެށިއެވެ. އޭނާގެ ދެފައިތިލަ ތެމުމުގެ ކުރީން އައިރިކް ތެދުވިއެވެ. ސަރަކައްލީގެ ހިޔަލަށް ވަދެ ލަކުޑި ރެއިލިންގް ކައިރީ އައިރިކް މަޑުކޮށްލިއެވެ.

"ވާރޭއަށް ލޯބިކުރާވަރު އަހަންނަށް އެނގޭ. އެއަށްވުރެ ބޮޑަށް އަހަރެންދެކެ ލޯބިވެޔޭ ބުނީމެންނު. ޔޫ ހޭވް ނޯ ރައިޓް ޓު ފޮގެޓް އަސް. ފޮގެޓް މީ... ދެން ކީއްވެ އަހަރެންގެ މަތިން ހަނދާންނައްތާލީ. މާޔާ ބޭނުންވީ އެއްވެސް ކަމެއް ނުވާކަމަށް ހަދަންތަ؟. މުޅީން އާ ފެށުމެއްތަ؟. އެހެންވެތަ އަހަރެން ތި ދިރިއުޅުމުން ފޮހެލީ. ތި ވުޖޫދުގައި ވެސް އަހަރެން ނުވާކަހަލަ." ކުރިމައްޗަށް ނަޒަރު ހުއްޓާލައިގެން ހުރެ އައިރިކް ބުންޏެވެ. އޭނާގެ ހިތުގައި އެ ޝަކުވާތަކުގެ ސަބަބުން ގަދަ ރިހުމެއް ނުފިލާވެއެވެ. ހަރަކާތެއް ކުރެމެއްނެތި އައިރިކް ހިމޭންވެލިއެވެ. އެ ހިމޭންކަމުގެ ތެރެއިން އޭނާ މާޒީގެ އޮޅިގަނޑު ހުރަސްކުރިއެވެ. އެ ހަނދާންތައް ފިޔަވައި މިވަގުތު އޭނާގެ އަތުގައި އެކައްޗެއް ވެސް ނުވާ ކަހަލައެވެ. އެ ރީތި ސޫރަ ހޯދަމުން ހަނދާނުގެ އެ މަންޒަރުތައް ކުލަކުރާން އައިރިކް ފެށިއެވެ.

އެއީ ޚާއްޞަ ދުވަހެކެވެ. ދެބެންވެގެން ކުރިޔާލާ އެ ދުވަހަށް މަންމައަށް ހަދިޔާ ތައްޔާރުކުރިއެވެ. ހެނދުނުގެ ނާސްތާގައި ބައިވެރިވާން އައީ ދުވަހުގެ ފުރަތަމަ ބައްދަލުވުން މަންމައާއެކު ފެށޭ ވަގުތުވީމައެވެ. އައިތަންއަށްވުރެ ކުރީން އައިރިކް އެ ދުވަހު ސައިކޮޓަރިއަށް އައެވެ. އަތުގައި އޮތް މާބޮނޑި މަންމައަށް ދިއްކޮށްލީ ލޯތްބާއެކީއެވެ. އަންހެނުންގެ ދުވަހުގެ ތަހުނިޔާ މަންމައަށް އައިރިކް ކިޔެވެ. އަދި އޭނާގެ އަނެއް އަތުގައި އޮތް ހަދިޔާ މަންމައަށް ދިއްކޮށްލިއެވެ. މަންމަގެ ހިނިތުންވެފައިވާ މޫނަކީ އޭނާގެ ދުވަސް ރަނގަޅަށް ދާނޭކަމުގެ ރަމްޒެކެވެ. އެ ދުވަސްވީ އައިރިކް ހަނދާނުން ފުހެލަން ދަތިވީ ދުވަހަކަށެވެ. އުންމީދުކޮށްގެން ހުރިކަމެއް ހާސިލުވީ އޮފީހަށް އެ ދުވަހު ނުކުތީމައެވެ. އަންހެނުންގެ ދުވަހަށްވާތީ އޮފީހުގެ އަންހެން މުވައްޒަފުންނަށް ޓަކައި ޚާއްޞަ ކަންކަން ރޭވިފައި އޮތެވެ. އޮފީހުގެ މަސައްކަތްތައް ފެށުނީ މެންދުރުވީ ފަހުންނެވެ. އައިރިކް ހުރީ އޭނާގެ ކެބިންގެ ބިއްލޫރި ބިތް ކައިރީ ހުއްޓިއެވެ. މަގުމައްޗަށް ބަލާށެވެ. އޭނާއަށް އެ އަންހެންކުއްޖާ ދެވަނަ ފަހަރަށް ފެނުނީ އެވަގުތެވެ. އޭނާގެ މަޑުމައިތިރި ނަފްސުގެ ހިފެހެއްޓުން ގެއްލުނެވެ. އޮފީސްތެރޭގައި ބެހި ފިނިފެންމާތަކުން މަލެއް އައިރިކްގެ މޭޒުމަތީ އޮތެވެ. އެ ހިފައިގެން ކެބިންއިން ނުކުމެ އޮފީހުގެ ބޭރުގައި ހުރި ލިފްޓާ ހަމައަށް އައިރިކް އައީ ދުވަމުންނެވެ. އޭނާގެ ހަރަކާތްތައް ހުރީ ޚުދު އޭނާއަށް ވެސް މީގެ ކުރީން ފެނިފައިނުވާ ދަރަޖައެއްގައެވެ. އެތައް މުވައްޒަފުންނެއްގެ ބެލުންތަކަށް ކުޑަވެސް ފަރުވާލެއް ނެތް ފަދައެވެ. ލިފްޓު އައުން ލަސްވުމާއެކު ދުއްވައިގަތީ ސިޑިއާ ދިމާއަށެވެ. ހަވަނިބުރިން އޭނާ ތިރިއަށް ފޭބީ ހަރުފަތްތަކުގެ މަތިން ފުމެމުންނެވެ. މަގުމައްޗަށް ނުކުމެވުމާއެކު އައިރިކް ވަށައިގެން ހޯދާލިއެވެ. މީހުންނަށްވުރެ ދުއްވާ އެއްޗެހި ގިނަ ވަގުތެކެވެ. ދުވާރުކައިރީ ގަސް އިންދާފައި ހުރި ކޮށިގަނޑުގައި އެއްއަތުން ހިފަހައްޓާލައިގެން އަނެއް އަތުން ކަންފަތުގައި ފޯނުޖައްސާލައިގެން ހުރި އަންހެންކުއްޖާ އައިރިއަށް ފެނިއްޖެއެވެ. ޖީބުން ނެގި ރުމާލުން އަވަސްއަވަހަށް މޫނުމަތި ފުހެލައި ގަމީހާއި ޓައީ ރަނގަޅުކޮށްލިއެވެ. ދެން ދުވެފައި އައިސް އޭނާގެ ކުރިމައްޗަށް އައިރިކް އެރިއެވެ. އޭނާ ސިހުނެއްކަމަކު އައިރިކްއާ ނަޒަރު ސީދާވެލުމުން ހިނިތުންވެލިއެވެ. އޭނާއަށް ވެސް އައިރިކް އެނގުނީކަން ޔަގީނެވެ. އޭނާގެ ފޯނުކޯލު ނިމެންދެން އައިރިކް މަޑުކޮށްލިއެވެ.

"ލޭޑީ އިން ރެޑް." ފޯނު ތިރިކޮށްލި ވަގުތު އައިރިކް އެ އަންހެންކުއްޖާއަށް ބުނެލިއެވެ. އެ އަންހެންކުއްޖާ ނިކަން ފުޅާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އައިރިކްގެ އަތުގައި އޮތް ފިނިފެންމާ ދިއްކޮށްލިއެވެ. އަންހެނުންގެ ދުވަހުގެ ތަހުނިޔާ އޭނާގެ މަންމައަށްފަހު ކީ ދެވަނަ އަންހެނަކީ އެއީއެވެ.

"އޯ... ތޭންކްސް." މަލުގައި ހިފަމުން އެ އަންހެންކުއްޖާ ބުންޏެވެ.

"މިހިސާބުގަތަ އުޅެނީ." އައިރިކް އަހާލިއެވެ.

"ކަމަކު އައީ. މިހާރު ދާން މިދަނީ." އެ އަންހެންކުއްޖާ ބުންޏެވެ.

"ވަގުތު އެބައޮތްތަ؟." ވަކިވާން ބޭނުންނުވާ ރާގެއްގައި އައިރިކްއަށް އަހާލެވުނެވެ. ކައިވެނި ޙަފުލާ ތެރެއިން އެމީހުން ދިމާވީފަހުން ބައްދަލު މިވީ އަދިކިރިޔާއެވެ. ބަރާބަރު އެއް މަސް ފަހުންނެވެ. އެ އަންހެންކުއްޖާ ހޯދަން އައިރިކް ބޭނުންވީ ނަމަވެސް އޭނާއަށް ވަނީ ކޮޅެއް ނުފެނިފައެވެ. އެހެންހުއްޓާ ދެވަނަ ބައްދަލުވުން ވެސް މިވީ އިއްތިފާގަކަށެވެ.

"ވަގުތު ބޭނުންވަނީ ކޮންކަމަކަށް؟." އެ އަންހެންކުއްޖާ އަހާލިއެވެ. އައިރިކްއަށް ހީނލެވުނެވެ. ސީދާ ޖަވާބެއް ނުދީ އަބަދުވެސް ސުވާލަކުން ވާހަކަދައްކާ ގޮތް އައިރިކްގެ ޝައުގުވެރިކަން އެ އަންހެންކުއްޖާއާ މެދު އިތުރުކުރުވައެވެ.

"އަހަންނާއެކު ލަންޗަށް ދަޢުވަތުދޭން. ޕްލީޒް." އައިރިކް ބުންޏެވެ. އެ އަންހެންކުއްޖާ ވިސްނާލިއެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. އައިރިކްގެ ކެތްތެރިކަން ކުޑަވެފައިވާވަރު އޭނާގެ ދެ ލޮލާއި މޫނުން ބޭޒާރުވިޔަސް މިވަގުތު އޭނާގެ ފަރުވާލެއް ނެތެވެ. އެ އަސަރުގައި ޖެހިގެންވިޔަސް އެ އަންހެންކުއްޖާ އޭނާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން އެއްބަސްވާނެ ނަމައެވެ. ހިފަހައްޓައިގެން ހުރެ ނޭވާ ދޫކޮށްލެވުނު ފަދަ އިޙްސާސެއް އައިރިކްއަށް ކުރެވިގެން ދިޔައެވެ. އޭނާ ހުށަހެޅި ދަޢުވަތު އެ އަންހެންކުއްޖާ ޤަބޫލުކުރީއެވެ. ނިކަން އަވަހަށް އެ އަންހެންކުއްޖާ ގޮވައިގެން އައިސް އައިރިކް މަޑުކޮށްލީ އޮފީހުގެ ބޭރުން ގަނެފައި އޮތް ޕާކިން ލޮޓުގައި އޮތް ކާރުގެ ކައިރީގައެވެ. ދޮރުހުޅުވާލައި އެ އަންހެންކުއްޖާއަށް އަރާން އޭނާ ފުރުޞަތު ދީގެން ހުއްޓެވެ.

އާންމުކޮށް ރެސްޓޯރެންޓް ތަކަށް ދިއުމަކީ އައިރިކް ކުރާކަމެއް ނޫނެވެ. އެފަދަ ތަނަކަށް އާދެވުނިއްޔާ އާދެވިފަ ހުރީ އޮފީހުގެ ކަމެއްގައެވެ. އެގޮތުން އޭނާއަށް އެންމެ ކަމުދިޔަ ރެސްޓޯރެންޓަށް އެ އަންހެންކުއްޖާ ގޮވައިގެން އައިރިކް އައެވެ. އާންމުކޮށް ފެންނަ މޫނަކަށްވާތީ ރެސްޓޯރެންޓުގެ ވެއިޓަރުންނާއި އެވަގުތު ހުރި މެނޭޖަރަށް އައިރިކް ވަކިކުރާން އެނގުނެވެ. ހުސްކޮށް ހުރި މޭޒެއްގެ ދޮށަށް އައިރިކްމެން ގޮވައިގެން ވެއިޓަރު އައެވެ. އެމީހުން ދޭ ޚާއްޞަކަމަށް އެ އަންހެންކުއްޖާ ބަލަމުންދާކަން އައިރިކްއަށް ވެސް ފާހަގަވިއެވެ. އެހެންވެ އެއީ ކީއްވެކަން އޮޅުންފިލުވައިދޭން އައިރިކް އަވަސްވެލިއެވެ. އޮފީހުން ބޭރުގައި ބޭއްވޭ ބައްދަލުވުންތައް ގިނަ ފަހަރު ބާއްވަނީ އެ ރެސްޓޯރެންޓުގައިކަން އައިރިކް ހާމަކުރިއެވެ. މޭޒުދޮށުގައި އެމީހުން ހަމަޖެހި ކެއުމަށް އޯޑަރުކުރުމަށްފަހު ދެމީހުން އެކަނިވިއެވެ.

"އައިރިކް. ޔޫ ކެން ކޯލް މީ ރިކް." އައިރިކް އަމިއްލަ ތަޢާރަފެއް ދިނެވެ. އެ އަންހެންކުއްޖާ ވެސް ނަން ބުނެލިއެވެ.

"މާޔާ." ހިތްއަވަސްވުން އެކުލެވުނު ހިނިތުންވުމަކާއެކު އައިރިކް ކިޔާލިއެވެ. އެއާއެކު އެ އަންހެންކުއްޖާ ބޯހޫރާލިއެވެ.

"މާޔަލް... ނޮޓް މާޔާ." ހެމުންހެމުން އެ އަންހެންކުއްޖާ ބުންޏެވެ. އައިރިކް ރަކިވިއެވެ. އޭނާއަށް އަޑުއިވުނީ މާޔާއޭ ބުނީ ހެންނެވެ. އެހެންވިޔަސް އޭނާއަށް އޮޅުނީކަން ނުދެއްކިއެވެ.

"މާޔާ ސޫޓްސް ޔޫ. އަހަރެން ކިޔާނީ މާޔާ." އައިރިކް ޔަގީންކަމާއެކު ބުނެލިއެވެ. އިހުނަށްވުރެ ބޮޑަށް މާޔާ ހީނގަތެވެ.

"އިންޓްރެސްޓިން." ހުނުން ހުއްޓާލާފައި މާނަވީ ގޮތަކަށް ބަލަން އިނދެ މާޔާ ބުންޏެވެ. (ނުނިމޭ)