ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މެންބަރުންގެ އަދަދު ހިފަހައްޓަން ރައީސް ތާއީދު

Sep 8, 2022

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވަން ގާނޫނުއަސާސީއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހުށަހަޅުއްވާފައިވާ އިސްލާހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތާއީދު ކުރައްވައިފި އެވެ.

ގާސިމްގެ އިސްލާހަށް ރައީސް ސޯލިހް ތާއީދުކުރައްވާ ކަމަށް ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު އެވެ.

މިއުވާން ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ރައީސް ތާއީދު ކުރައްވާ ކަމަށެވެ. އެކަމަކު އެއީ މަޖިލީހުގައި މިހާރު ހިމެނޭ 87 މެންބަރުންގެ އަދަދު އެ މިންވަރުގައި ހިފެހެއްޓުން ކަމަކަށް މިއުވާން ވިދާޅެއް ނުވެ އެވެ.

"ރައީސްގެ ވިސްނުންފުޅަކީ ކޮންމްވެސް ވަރެއްގެ ލިމިޓެއް އިނުން. ވަކި ގޮތެއް ރިކޮމެންޑެއް ނުކުރައްވާ. ޕާޓީތަކާވެސް މަޝްވަރާކުރުމަށް ފަހު ގޮތެއް ނިންމަވާނީ،" މިއުވާން ވިދާޅުވި އެވެ.

ގާސިމްގެ ހުށަހެޅުމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މީގެކުރިން ތާއީދުކުރައްވާފައިވެ އެވެ.

ގާނޫނުއަސާސީއަށް ގާސިމް އިބްރާހިމް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 87 މެންބަރުންނަށް ވުރެ އިތުރު ނުވާނެ ގޮތެއް ހެދުމަށެވެ. މިބިލްގެ ފުރަތަމަ ކިޔުން އިއްވާ ބިލް މަޖިލީހަށް ތައާރަފްކޮށްފައި ވަނީ މިމަހުގެ 31 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގަ އެވެ.

ގާސިމް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 ކަމަށް ގާނޫނުއަސާސީގައި ލިޔުމަށާއި 87 އިންތިހާބީ ދާއިރާ ކަނޑައެޅުމަށްފަހު އެއިން ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް މެންބަރު އިންތިހާބު ކުރުމަށެވެ.

ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި މިހާރު ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސްހާސް މީހަކަށް ނުވަތަ ފަސްހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ތިބެން ވާނެ ކަމަށެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ ފަސްހާހަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށްވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެންބަރެއް ހުންނަން ޖެހޭނެ ކަމަށެވެ.