މިއުވާން މުހައްމަދު

"ފިގުހު އެކަޑަމީ" އެކުލަވާލުމުގެ މަސައްކަތް އެބަކުރަން: މިއުވާން

Sep 8, 2022

ގާތްގަނޑަކަށް "މަރުވެފައި އޮތް" ފަތުވާ ދޭ މަޖިލިސް އަލުން އެކުވާލުމަށްޓަކައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މި މައުލޫމާތު ހާމަކުރެއްވީ އޭނާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުވާ މަޖިލިސް އަލުން އެކުލަވާލުމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިއުވާން ވިދާޅުވީ މިސަރުކާރުގެ ގުޅިފައިވާ ޕާޓީތައް ހިމެނޭ ކޯލިޝަންގެ މެނިފެސްޓޯގައި އޮތީ "ފިގުހު ކޮމިޓީ" އެއް އެކުލަވާލުން ކަމަށްވާތީ އެ މަސައްކަތް ކުރުމަށްޓަކައި މަޖިލީހުގައި މިހާރު ހިނގަމުންދާ ދައުރަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.

"ފިގުހު އެކަޑަމީ އެކުލަވާލުމުން ފަތުވާ މަޖިލީހުން އެކުރާ މަސައްކަތް ފިގުހު އެކަޑަމީން ކުރަމުން ދާނެ،" މިއުވާން ވިދާޅުވި އެވެ.

މިހާރު އޮތް ފަތުވާ މަޖިލީހަށް މެންބަރުން އައްޔަންކޮށް އެ މަޖިލިސް އަލުން ހިންގުމާ ގުޅޭގޮތުން އެއްވެސް އެއްޗެއް މިއުވާން ވިދާޅުވެފައެއް ނުވެ އެވެ. އަދި ފަތުވާދޭ މަޖިލީހުގެ ނަން ފިގުހު އެކަޑަމީ އަށް ބަދަލުކުރާނެ ކަމަކަށްވެސް ސާފުކޮށް ވިދާޅުވެފައެއް ނުވެ އެވެ.

ދީނީ މައްސަލަތަކުގައި ހާއްސަކޮށް ހިލާފު އުފެދޭ މައްސަލަތަކުގައި ފަތުވާ ނެރުމުގެ ޒިންމާ ހަވާލުކޮށް ފަތުވާ މަޖިލިސް އެންމެ ފުރަތަމަ އެކުލަވާލީ އޭޕްރިލް 25، 2016 ގައެވެ.