ހޮލީވުޑް

ކާންޔޭ ވެސްޓް "ފްރެންޑްސް" ހެއްވާ ނޫންކަމަށް ބުނުމުން ކޯޓްނީ ކޮކްސް ރައްދު ދީފި

ކާންޔޭ ވެސްޓް އިންސްތަގްރާމްގައި ކުރި ޕޯސްޓްތަކެއްގެ ތެރޭގައި "ފްރެންޑްސް" ސީރީޒަކީ ހެއްވާ، މަޖާ ސީރީޒެއް ނޫން ކަމަށް ބުނެފި އެވެ.

އޭގެ ފަހުން، އެހެން ޕޯސްޓެއްގައި އެއީ އޭނާ ކޮށްފައިވާ ޕޯސްޓެއް ނޫން ކަމަށާއި އެހެން މީހަކު އޭނާ ލިޔާ ފާޑަށް ކޮށްފައިވާ ޕޯސްޓެއް ކަމަށް ބުންޏެވެ.

ކާންޔޭ އިތުރަށް އެ ޕޯސްޓްގައި ބުނެފައިވަނީ އެއީ އޭނާ ލިޔުނު ޕޯސްޓެއް ނޫން ނަމަވެސް އެ ސީރީޒް ހަމަ ހެއްވާ ނޫން ކަމަށް އޭނާއަށް އެހެން ބުނެވުނު ނަމައޭ ހިތަށް އަރާ ކަމަށެވެ.

މިކަމާ ގުޅިގެން "ފްރެންޑްސް" ސީރީޒްގެ ހަ ތަރިންގެ ތެރެއިން "މޮނިކާ ގެލާ"ގެ ރޯލް އަދާކުރި ކޯޓްނީ ކޮކްސް ކާންޔޭގެ ޕޯސްޓްގެ ރައްދުގައި އިންސްތަގްރާމް ޕޯސްޓެއް ކޮށްފައިވެ އެވެ.

މި ޕޯސްޓްގައި ފެންނަނީ ކާންޔޭ އާއި ޓީ-ޕޭންގެ "ހާޓްލެސް" ލަވަ އަޑުއަހަމުން އިންސްތަގްރާމް ޗެކް ކުރާ ތަނެވެ.

ކަންޔޭގެ އެ ޕޯސްޓް ކިޔުމަށްފަހު، ކޯޓްނީ، ކާންޔޭގެ ލަވަ ނިއްވާލުމަށްފަހު ދާތަން ފެނެ އެވެ. އަދި އެ ޕޯސްޓްގެ ކެޕްޝަންގައި ކާންޔޭގެ ނަމުގެ ސްޕެލިން ނުރަނގަޅުކޮށް "ކޭން"ގެ ގޮތުގައި ލިޔެފައިވެ އެވެ. މި ޕޯސްޓަށް "ފްރެންޑްސް" ސީރީޒްގެ "ފީބީ ބުފޭ" ލީސާ ކުޑްރޯ ވަނީ ލައިކް ދީފަ އެވެ.

ކާންޔޭ ވެސްޓަކީ އާންމުކޮށް ކޮންމެވެސް ކަމަކާ އަނގަ ގަދަވެގެން، ރުޅިގަދަވެގެން ނޫނީ ހިތްހަމަނުޖެހިގެން ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްކޮށް ހުންނަ މީހެކެވެ.

ދާދިފަހުން ކާންޔޭ ވަނީ އޭނާގެ ކުރީގެ އަނބި މީހާ ކިމް ކާޑޭޝިއަންއާއި ކިމްމެ މަންމަ ކްރިސް ޖެނާ އަދި ކިމްގެ ކުރީގެ ލޯބި ވެރިޔާ ޕީޓް ޑޭވިޑްސަންއާ ބެހޭގޮތުން ޕޯސްޓްތަކެއް ކޮށްފަ އެވެ.