އައިޖީއެމްއެޗް

އައްޑޫ އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެނީ

Sep 8, 2022

އައްޑޫ ސިޓީގައި އިއްޔެ ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިިފި އެވެ.

މި އެކްސިޑެންޓް ހިނގީ އިއްޔެ މެންދުރުފަހު 2:00 ހާއިރު އަނިޔާވި މީހާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ކައިރިން ހިނގާފައި ދަނިކޮށް ދުއްވާފައި އައި ލޮރީ އަކުން ޖެހިގެންނެވެ.

އަނިޔާވި މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ.

އެ ހޮސްޕިޓަލްގެ އޮފިޝަލަކު އިއްޔެ އަވަސް އަށް ވިދާޅުވީ އެކްސިޑެންޓާ ގުޅިގެން އަނިޔާވި މީހާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ފުއްޕާމެއަށް ވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އައްޑޫ އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސް އެ ހޮސްޕިޓަލްގެ އެމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވި އެވެ.

ފުލުހުން ބުނީ އެކްސިޑެންޓްގެ މައުލޫމާތު އިއްޔެ މެންދުރު ރިޕޯޓްކޮށްފައިވާތީ އެކަން ހިނގާދިޔަ ގޮތް ބަލަމުންދާ ކަމަށެވެ.