މާލޭގެ ދެކުނު ފަރާތު ބަނދަރު ސަރަޙައްދުގައި ސީސީޓީވީ ކެމެރާ ހަރުކޮށް އެ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުން ވަރުގަދަކޮށްފި އެވެ.
މާލޭގެ ދެކުނު ފަރާތު ބަނދަރު ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ހަރުކޮށްފައިވާ ސީސީޓީވީ ކެމަރާ ނިޒާމާއި މިސަރަހައްދުން ވޯޓާ ސަޕްލައި ފެން ލިބޭނެ އިންތިޒާމު އިފްތިތާހު ކުރީ މިސަރަހައްދުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މިސަރަހައްދުގެ ސެކިއުރިޓީ 24 ގަޑިއިރު ބެލެހެއްޓުމުގެ ގޮތުން 15 ސީސީޓީވީ ކެމެރާ ހަރުކޮށްފައިވެ އެވެ. މިކެމަރާތަކުން ބަނދަރުގެ މެރީބްރައުންއާ ވީކޮޅުން ފެށިގެން ސްޓެލްކޯގެ ޕަމްޕް ސްޓޭޝަނާ ހަމައަށް ސެކިއުރިޓީ ބަލަހައްޓަމުންދާނެ އެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު ވިދާޅުވީ މި މަޝްރޫއަކީ މުޅި މާލެ ބެލެހެއްޓޭ ގޮތަށް ސީސީޓީވީ ކެމަރާ ހަރުކުރުމަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށެވެ.
ފުރަތަމަ ފިޔަވަހީގައި މާލެ އާއި ވިލިމާލޭގެ ހުރިހާ މިސްކިތެއްގައި ކެމެރާ ހަރުކޮށް މިސްކިތްތަކުގެ ސެކިއުރިޓީ 24 ގަޑިއިރު މިހާރު ދަނީ ބަލަހައްޓަމުންނެވެ.
މޭޔަރު ވިދާޅުވީ ކެމަރާ ހަރުކުރުމުގެ ތިންވަނަ ފިޔަވަހީގެ ދަށުން މާލޭ އުތުރު ފަރާތު ބަނދަރު ސަރަހައްދުގައި ވަރަށް އަވަހަށް ސީސީޓީވީ ކެމަރާ ހަރުކޮށް 24 ގަޑިއިރު އެ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
"މި ސަރައްހައްދަފަހު މާލޭގެ އެކި ސަރަހައްދުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ސީސީޓީވީ ކެމެރާ ހަރުކޮށް ނިންމާލުން އެއީ އަމާޒެއް،" މޭޔަރު ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ބަނދަރުގައި އަޅާފައި އޮންނަ އުޅަނދުތަކުން ވައްކަން ކުރުމަކީ އާންމުންގެ ވަރަށް ބޮޑު ޝަކުވާއެއް ކަމަށެވެ. ނަމަވެސް ކެމަރާ ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިމުމުން އެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.