ކްރިމިނަލް ކޯޓް

ނާޒިމް އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ޝަރީއަތް ފަށަނީ

ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރުއާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ގާނޫނީ ވަކީލް، ނާޒިމް އަބްދުއްސައްތާރުގެ ޝަރީއަތް މިއަދު ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އެވެ. އެ މައްސަލައިގެ ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވަނީ މިއަދު މެންދުރު 1:30 އަށެވެ.

އެއްޖިންސުން ހިންގުން ފަދަ ޖިންސީ ގުޅުންތަކާ ގުޅޭ މައްސަލަތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. އެހެންކަމުން މި މައްސަލަ ވެސް ކުރިއަށް ގެންދާނީ ސިއްރުކޮށްގެންނެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމުގެ އިތުރުން ދެ މީހަކަށް މިދިޔަ މަހުގެ 18 ވަނަ ދުވަހު ދައުލަތުން ދައުވާ ކުރި އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ އިތުރުން ފުލުހުންގެ ޑްރަޑް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުން ދިޔަ އަބްދުއްރަހުމާން ރަފީގުގެ މައްޗަށެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލަ ފުލުހުން އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ. އަދިވެސް އަންނަނީ މީހުން ބަންދުކުރަމުންނެވެ. މި ތިން މީހުންގެ އިތުރުން، އިތުރު ހަ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

މި މައްސަލައިގައި އަލަމްގީރުގެ މައްޗަށް ކުށް ސާބިތުވެ، ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ. އޭނާ ވަނީ ކޯޓުގައި ކުށަށް އިއުތިރާފްވެފަ އެވެ.

އަަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުން ދެނެގަނެވޭ ވަރަކުން ފުލުހުން ގެންދަނީ އެމީހުން މަސައްކަތް ކުރާ އިދާރާތަކަށް އެ މައުލޫމާތު ހިއްސާކުރަމުންނެވެ. އެގޮތަށް ފުލުހުން ހިއްސާ ކުރާ މައުލޫމާތަށް ބުރަވެ އިދާރާތަކުން މިހާރު ވަނީ ބައެއް މުވައްޒަފުން ސަސްޕެންޑްކޮށް އަދި ބައެއް މީހުން ވަޒީފާތަކުން ވެސް ވަކިކޮށްފަ އެވެ.