ލާމަރުކަޒީ ނިޒާމާއެކު ރާއްޖޭގެ ހިންގުމަށް ގެންނަމުންދާ ބަދަލުތަކަކީ އިދާރީގޮތުން މިހާތަނަށް ރާއްޖެއަށް ގެނެވޭ އެންމެ ބޮޑު ބަދަލުތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން އިންތިޒާމުކޮށް މިއަދު ލ. އަތޮޅުގައި ފެށި ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގައި ސަރުކާރުން މިހާރު ހިންގާ ތަރައްގީގެ މަޝްރޫއުތައް އަދި ސިޔާސަތުތައް އެކުލަވާލާފައިވަނީ ކޮންމެ ރައްޔިތަކަށް ވެސް، އެ ރައްޔިތަކު އިޚްތިޔާރު ކުރާ ތަނެއްގައި އުފާފާގަތި ކަމާއެކު އާއިލާއެއް ބިނާކޮށް، ދިރިއުޅެވޭނެ މަގުފަހި ކުރެވޭ ގޮތަށް ކަމަށެވެ. މިހާރު ފެށިފައިވާ ރާއްޖެ ޓްރާސްންސްޕޯޓް ލިންކް (އާރްޓީއެލް)އާ އެކު މީގެ ކުރިން ފަހިނުވާ މިންވަރަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ފަހިވެ ވަކިވަކި ރަށްތަކުގެ އިގްތިސޯދީ ހަރަކާތްތަކަށް އިތުރަށް ދިރުން ލިބިދީފައިވާ ކަމަށްވެސް ފާހަގަކުރެއްވި އެވެ.
"މިދަންނަވާ ތަނަވަސްކަމުގެ މިސާލެއް ދަންނަވާނަން. ތަކަން-މާރަންދޫގެ ހިކަނދި ރާނބާ، އެންމެންވެސް އަބަދުވެސް ބޭނުންވޭ. ހަމަ އެގޮތަށް، ކެލާ ބާރަށުގެ ފަލަމަޑިއަށް، ރަށްތަކުން އިންތިޒާރުކުރޭ. އަދި މިނޫނަސް، އެތައް ރަށެއްގެ އާދަޔާ ޚިލާފް "މާދަރީ އުފެއްދުން ހުރޭ". އާރްޓީއެލް މެދުވެރިކޮށް، މިތަކެތި ފީނުވެ ބޮޑު ތިލަދުންމައްޗަށް ރައްދު ކުރެވި، އެރަށަކަށް އެރަށެއްގެ އަގު، އިރު އޮއްސުމުގެ ކުރިން މިހާރު ލިބޭ" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ސޯލިހް ވަނީ ސިއްހީ ނިޒާމު ފުރިހަމަ ކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުންވެސް ވާހަކަދައްކަވާފަ އެވެ. އެ ގޮތުން ސްޕެޝަލިސްޓް ޑޮކްޓަރުންގެ އައުޓްރީޗް ޕްރޮގްރާމާއި، މޯބައިލް ލެބޯޓަރީގެ ހިދުމަތް އެ ހިދުމަތް ކުރިން ނެތް ރާއްޖޭގެ ހުރިހާ ރަށަކަށް މިހާރު އަމާޒުކުރެވި ސިއްހީ ދާއިރާގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށްދާ ކަމުގައިވެސް ވިދާޅުވި އެވެ.
މިއަހަރުގެ ހައި އެޗީވާސް އެވޯޑް ހާސިލްކުރި ދަރިވަރުންގެ އަދަދާއި އަދި މުޅިދުނިޔެއާ ވާދަކޮށް، އެކަހެރި ކުދި ރަށްރަށުގެ މަދަރުސާ ތަކުގެ ދަރިވަރުން ހޯދި މަތީ ނަތީޖާތަކުން، ލާމަރުކަޒީ ނިޒާމާއެކު ރަށްރަށުގެ ތައުލީމީ ނިޒާމަށް ސަރުކާރުން ގެނެސްދެއްވި ހެޔޮ ބަދަލު ފެނިގެންދާ ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.
އަސާސީ ބައެއް ހިދުމަތްތައް ކަމުގައިވާ ފެނާއި ނަރުދަމާ 2018ގައި ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގައި މީހުން ދިރިއުޅޭ 70 އިންސައްތަ އަށް ވުރެ ގިނަ ރަށުގައި ގާއިމުކޮށްފައެއް ނުވެ އެވެ.
އެކަން ފާހަގަކުރައްވާ ރައީސް ސޯލިހް މިއަދު ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ގާއިމުކޮށް ނިންމުމަށް އަމާޒު ހިފައިގެން އެމަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތްތައް ނިންމަމުން އަންނަނީ އެ ހިދުމަތްތަކަކީ، ލާމަރުކަޒީ ޖަޒީރާ ދިރިއުޅުމާ، މުޅިރާއްޖޭގެ ތަރައްގީ، އޭގެ މައްޗަށް ބިނާވާ އަސާސްތައް ކަމުގައިވާތީ ކަމުގައިވެސް ވިދާޅުވި އެވެ.
ފެނާއި ނަރުދަމާގެ އިތުރުން ފާއިތުވި 70 އަހަރުން އަތޮޅުތަކުގައި ގާއިމުކޮށްފައިހުރި ކަރަންޓް މެގަވޮޓްގެ ޖުމްލަ އަދަދު މިހާރު ދެގުނަ އިތުރުކޮށް، ކަރަންޓް ދިނުމުގެ މުޅި ނިޒާމަށް ހެޔޮ ބަދަލެއް ގެނެސްދީފައިވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
"ބާވެ ހަސްނެތި އުވެމުން، ނިވެމުން، ކަނިވަމުންދާ ހުރިހާ އިންޖީނުގެތަކުގެ ގަދައަޑާ، ބޯދުމާ، ގެނދަބުޅިން، ރައްޔިތުން މިންޖު ކުރުމުގެ ބޮޑު މަޝްރޫޢު، ފެނަކައިން ހިންގަމުން އެބަގެންދޭ. އާ ޖޯރަކާ އިތުރު ހޯސްޕަވަރުގެ ޖަނަރޭޓަރުތައް، ޒަމާނީ އާއިންޖީނުގެ ތަކުގާ އެދަނީ ބަހައްޓަމުން. ޖަޒީރާ ދިރިއުޅުމަށް އިތުރު ހަކަތަ އެދަނީ ލިބެމުން. ދުރު އަދި މެދު ރާސްތާގައި، އިޢާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ އަމާޒަށް ސަރުކާރުން މިދަނީ މަސައްކަތްކުރަމުން" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ސަރުކާރުގެ ހުރިހާ ސިޔާސަތެއް މިހާރު ފަރުމާވެ ހިނގަމުންދަނީ ލާމަރުކަޒީ ނިޒާމަކީ މައިގަނޑު އަސާސްކަމުގައި ބަލައިގެން އެއްރަށް އަނެއް ރަށާ ގުޅިލާމެހިގެން ހިނގާ ޖަޒީރާ ދިރިއުޅުމަށް މަގުފަހިވާ ގޮތަށް ކަމަށެވެ.
ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ބާރުތައް ދީގެން ރަށްތައް ތަރައްގީކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.