ވާހަކަ

އިޙްސާސްވޭ

( 8 ސެޕްޓެމްބަރ 2022 އާ ގުޅޭ )

"މާޔަލް... ނޮޓް މާޔާ." ހެމުންހެމުން އެ އަންހެންކުއްޖާ ބުންޏެވެ. އައިރިކް ރަކިވިއެވެ. އޭނާއަށް އަޑުއިވުނީ މާޔާއޭ ބުނީ ހެންނެވެ. އެހެންވިޔަސް އޭނާއަށް އޮޅުނީކަން ނުދެއްކިއެވެ.

"މާޔާ ސޫޓްސް ޔޫ. އަހަރެން ކިޔާނީ މާޔާ." އައިރިކް ޔަގީންކަމާއެކު ބުނެލިއެވެ. އިހުނަށްވުރެ ބޮޑަށް މާޔަލް ހީނގަތެވެ.

"އިންޓްރެސްޓިން." ހުނުން ހުއްޓާލާފައި މާނަވީ ގޮތަކަށް ބަލަން އިނދެ މާޔަލް ބުންޏެވެ.

"އޮފީސް ގަޑިއެއްނޫންތަ؟. ނުހޯދާނެތަ؟." އައިރިކް ވާހަކައެއް ނުދައްކާ އިންނަން ފެށުމުން މާޔަލް އަހާލިއެވެ. އެއްވަރަކަށް ހިނިތުންވެ އިނދެ އައިރިކް ބަލާ ގޮތުން މާޔަލް ލަދުގަތީ ކަހަލައެވެ.

"މެންދުރު ކާން އެންމެން ނުކުމެވީ. މާޔާ އުޅެނީ އޮފިހެއްގަތަ؟." އައިރިކް ސުވާލުކުރިއެވެ.

"ފިހާރައެއްގަ... ފްލާވާ ޝޮޕެއްގަ." މާޔަލް ބުންޏެވެ.

"ފްލޯރިސްޓެއްތަ؟." ސަމާސާގެ ރާގެއް އައިރިކްގެ އަޑުގައި ހުއްޓެވެ. ޖަވާބެއްގެ ގޮތުން މާޔަލް ހޫން ލައްވާލިއެވެ.

"ވެޑިންގަ... އެރޭ އަސްލު އަހަންނަށް އޮޅުވާލީ ދޯ. ފެމެލީއޭ ބުނީމަ. އަހަރެން ހޯދިން. އެރޭ ކައިވެނި ކުރީ ޒުހޫރުބެގެ ހަގު ކުއްޖާ. އެމީހުންނާ މާޔާއާ ތިމާގެ ކަމެއްނެތްކަން އެނގޭ. އެކަމަކު އެ ފެމެލީގެ ކުދީންކަން ތިބީ ރެޑް ޑްރެސްގަ." އައިރިކް ފާހަގަކޮށްލިއެވެ.

"ލޭގެ ގުޅުމެއްނެތި، ތިމާގެ ކަމެއް ނެތަސް ފެމެލީއަށް ވެދާނެއެއްނު. ވަރަށް އިންވެސްޓިގޭޓް ކޮށްފިން ދޯ." މާޔަލްގެ ފަހު ޖުމްލައާއެކު ހީނލިއެވެ. އެ ހުނުމުގައި އައިރިކް ބައިވެރިވިއެވެ.

"ހޯދަން މަސައްކަތް ކޮށްލިން. އަސްލު މާޔާ ދުށުމަށް ބޭނުންވެފަ ހުރިވަރުން." ޖަޒުބާތުތައް ސިއްރުކުރާން ގަސްދުނުކުރާކަން އައިރިކްގެ ވާހަކައިން ދޭހަވެއެވެ.

"އަހަންނާ ގުޅުން އޮތީ ބްރައިޑްއާ. ވަރަށް ގާތް ފްރެންޑެއް އެއީ. ފެމެލީއާ ގުޅުން އޮތީ އެހެންވެ." މާޔަލް ކިޔާދިނެވެ.

އެރޭ ކައިވެނި ކުރީ މާޔަލްގެ އެކުވެރިޔާ ޒިލްމާއެވެ. މަދު ރައްޓެހިންކޮޅެއް ތިބިއިރު މާޔަލް އެންމެ އިތުބާރުކުރާ އޭނާއާ އެންމެ ގާތްކޮށް އުޅޭ ދެ ރަޙުމަތްތެރީންގެ ތެރެއިން އެކަކީ ޒިލްމާކަން އައިރިކް ކައިރީ ބުންޏެވެ. ޒުހޫރާއި ޚަދީޖާއަކީ ޒިލްމާގެ މައިންބަފައިންނެވެ. އައިރިކް ބުނިހެން އެ މީހުންގެ ތިބެނީ ދެ ކުދީންނެވެ. އެއީ ޒިލްމާއާއި އޭނާގެ ދޮށްޓަށް ހުންނަ ޒީނިޔާއެވެ. އައިރިކްއާ އެ ޢާއިލާއާ ގުޅުން އޮތީ ޒުހޫރުގެ ފަރާތުންނެވެ. ޒުހޫރަކީ އައިރިކްގެ ކާފަ ސަލްމާނުގެ ކައިރީ ޒުވާން އުމުރުއްސުރެ މަސައްކަތުގައި އުޅުނު މުވައްޒަފެކެވެ. ކާރުދުއްވަން ދަސްކޮށްދީ ސަލްމާނުގެ ޚާއްޞަ ޑްރައިވަރަށް ޒުހޫރުވަނީ ވެފައެވެ. ސަލްމާނު ނިޔާވުމާއެކު ޒުހޫރު ވެސް އަމިއްލައަށް ވަޒީފާ ދޫކޮށްލީއެވެ. އޭނާ ބޭނުންވީ އަމިއްލަ މަސައްކަތެއް ފަށާށެވެ. އައިރިކްމެންގެ ޢާއިލާގެ ލޯބިވަނީ ޒުހޫރު ހޯދާފައެވެ. ބައްޕަގެ އިޚްތިރާމާއި ލޯބި ޒުހޫރުގެ މައްޗަށް އޮތްއިރު ބައްޕަނެތް ދުނިޔޭގައި ވެސް އެ ގާތްކަން ބާއްވަން ޝަބްނަމް އިސްކަން ދިނެވެ. ޒުހޫރުގެ ހަގު ދަރިފުޅު ޒިލްމާގެ ކައިވެނި ހަމަޖެހި ވަލީމާގެ ކާޑު ހިފައިގެން އައިރިކްމެންގެއަށް އައީ ވެސް ޚުދު ޒުހޫރެވެ. އެފަދަ ޙަފުލާތަކަށް ޝަބްނަމް އަބަދުވެސް ދާނީ އިސާކާއެކުއެވެ. ނަމަވެސް އެރޭ އިސާކުގެ ބަދަލުގައި ޝަބްނަމް ގޮވައިގެން އައިރިކްއަށް ދާން ޖެހުނީ ބައްޕަ ރަށުގައި ނެތީމައެވެ.

ކައި ނިމެންދެން މާޔަލްއާއި އައިރިކްއާ ދެމެދު އެތައް ވާހަކައެއް ދެއްކުނެވެ. ދެ މީހުންގެ މެދުގައި ރައްޓެހިކަން އުފެދިއްޖެއެވެ. މާޔަލްގެ ގާތުން ފޯނު ނަންބަރަށް އައިރިކް އެދުނެވެ. މާޔަލް ވިސްނާލަން ބޭނުންވީ ފަދައިން ހިމޭންވެލިއެވެ. މޭޒުމަތީ ބާއްވާލެވިފައި އޮތް އޭނާގެ ފޯނަށް ވެސް ބަލާލިއެވެ. އެ ހަރަކާތްތަކުން މިފަހަރު އައިރިކްއަށް މާޔަލްގެ ނިންމުން އަންނާނޭ ގޮތް ނަގައިގަންނަން އުނދަގުލެއް ނުވިއެވެ. އައިރިކްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ފަޓުލޫނު ޖީބުން އޭނާގެ ފޯނު ނަގައި ދެއަތުގެ ތެރޭ ހިފަހައްޓާލިއެވެ. މާޔަލް ނަންބަރު ދޭނޭ އިރެއްގެ އިންތިޒާރުގައި އިން މީހަކު ފަދައިންނެވެ. މާޔަލް އަތްދިއްކޮށްލީއެވެ. އައިރިކްގެ ފޯނު އޭނާއަށް ދޭށޭ އިޝާރާތްކުރާ ފަދައަކުންނެވެ. ފަސްޖެހުމެއްނެތި ފޯނުގެ އިސްކުރީނު ހުޅުވާލާފައި މާޔަލްގެ އަތުގެ ތެރެއަށް އައިރިކްގެ ފޯނު ލައިދީފިއެވެ. އެއާއެކު މާޔަލްގެ އިނގިލިތައް ފޯނުގައި ހަރަކާތްތެރިވީތަން ފެނުނެވެ. އަނބުރާ އައިރިކްއަށް ފޯނު ދިންއިރު އޭގައި ފޯނު ނަންބަރެއް ޖަހާފައި އޮތެވެ.

"އުނދަގޫވާވަރު ނުކުރައްޗޭ." މާޔަލް ބުނެލިއެވެ. ނަމަވެސް އައިރިކް ވަކި އެއްޗެއް ނުބުންޏެވެ.

އެ ދުވަހުގެ މެންދުރު ކެއުމުގައި އައިރިކްއާ ބައިވެރިވުމަށްފަހު މާޔަލް އެނބުރި ދިޔައީ އެކަންޏެވެ. ފިހާރައަށްކަން އެނބުރި ދާނީ މާޔަލް ބުނިއިރު އެހިސާބަށް އައިރިކް ގެންގޮސްދޭން އުޅުމުން ވެސް މާޔަލް ޤަބޫލުނުވީއެވެ. ދެމީހުންގެ ރައްޓެހިކަން ފެށުނީ އެ ދުވަހުއެވެ. ފޯނު ނަންބަރު ލިބުމުން މާޔަލްއަށް އައިރިކް ގުޅައެވެ. ކޮންމެ ރެއެއްގެ ބާރަ ޖަހާއިރުއެވެ. އޭނާ މާޔަލްއާ ވާހަކަދައްކަނީ ހަމައެކަނި އެ ގަޑީގައެވެ. އެހެން ވަގުތުތަކުގައި އެ ދެމެދުގައި ފޯނުން މެސެޖު ބަދަލުކުރެއެވެ. ބައެއްފަހަރު މަސައްކަތުގައި އަވަދިނެތި އުޅޭން ޖެހުމުން ކުރާ މެސެޖުތައް ބަލައި ވަގުތުން ރައްދު ދޭން ދެ މީހުންނަށް ވެސް ދަތިވާ ވަގުތު އާދެއެވެ. އެހެންވިޔަސް ވަގުތުވީހާ އަވަހަކަށް ދެ މީހުން ވެސް ރައްދު ފޮނުވައެވެ. ނަމަވެސް އައިރިކްއާ ބައްދަލުކުރާން މާޔަލް އެއްބަހެއް ނުވެއެވެ. އައިރިކް ދޭ އެއްވެސް ދަޢުވަތެއް މާޔަލް ޤަބޫލެއްނުކުރެއެވެ. ދެމީހުން އެކުގައި ބޭރަށް ދިއުން ރަނގަޅު ޚިޔާލަކަށް މާޔަލްއަށް ނުވަނީއެވެ. އެމީހުންގެ މެދުގައި އޮތް އެކުވެރިކަމަށް ދެ މަސްވުމުން އައިރިކް އެ ގުޅުމާމެދު އޮތް ގަސްދު މާޔަލްއަށް ހާމަކުރާން ނިންމިއެވެ. އޭނާއަށް މާޔަލްދެކެ ނުހަނު ބޮޑަށްވަނީ ލޯބިވެވިފައެވެ. ހަޔާތުގެ ބައިވެރިޔާއަށް އެ އަންހެންކުއްޖާ ހެދުމަށް އައިރިކްވަނީ ނިންމާފައެވެ. އޭރުން މާޔަލް ނުފެންނާތީ ލިބޭ މާޔޫސްކަން ނިމުމަކަށް އަތުވެދާނޭކަމަށް އައިރިކް އުންމީދުކުރިއެވެ. އޭނާ އަބަދުވެސް ހުންނަނީ މާޔަލްއާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވެފައެވެ. އެ ފުރުޞަތު މާޔަލް ނުދެނީއެވެ. މާޔަލް ފަސްޖެހޭ ސަބަބެއް ދެނެގަންނާކަށް އައިރިކްއަކަށް ނޭނގެއެވެ. އައިރިކްގެ އިޙްސާސްތައް ހާމަކުރީ ފޯނުކޯލުންނެވެ. އެރޭ މާޔަލް ގިނަ ވާހަކަތަކެއް ނުދައްކައެވެ. އައިރިކްއަށް ޖަވާބެއް ވެސް ނުދިނެވެ. ޖެހިގެން އައި ރޭ މާޔަލްއަށް އައިރިކް ގުޅުމުން ފޯނުކޯލެއް ނުނެގިއެވެ. އޭގެ އަނެއް ދުވަހު މާޔަލް މެސެޖުކުރީ އޭނާއަށް ވަގުތު ދިނުމަށެވެ.

މާޔަލްއާއި އައިރިކްއާ ދެމެދުގައި ވާހަކަދެއްކުނީ އޭގެ 1 ހަފްތާ ފަހުންނެވެ. އެރޭގެ ފޯނުކޯލު ތިންގަޑިއިރަށް ދެ މިގެން ދިޔައެވެ. އެހާ ދިގުކޮށް އެ ނޫނީ ދެމީހުން ފޯނުގައި ތިބެފައެއް ނެތެވެ. އައިރިކްދެކެ މާޔަލްއަށް ލޯބިވެވުނީއެވެ. ނަމަވެސް އޭނާ އެރޭ އައިރިކްގެ ލައްވާ ވަޢުދެއް ކުރުވިއެވެ. މާޔަލްގެ އަމިއްލަ ދިރިއުޅުމުން އައިރިކްއަށް ފުރުޞަތުދޭން އޭނާ ބޭނުންވިޔަސް އެކަމަށް ވަގުތު ބޭނުންވާކަން ހާމަކުރިއެވެ. ބަރާބަރު އެއްމަސް ފަހުން ދެ މީހުން ބައްދަލުވާން މާޔަލް ކަނޑައެޅިއެވެ. އެހާތަނުން އައިރިކްގެ ކުރިމަތީ ހުންނާނީ އައިރިކްގެ މާޔާކަން މާޔަލް ބުންޏެވެ. އޭރުން ހުރިހާ ގޮތަކުން ވެސް އޭނާ ވާނީ އައިރިކްގެ ހައްޤަކަށްކަން ބުންޏެވެ. އެއްވެސް ސުވާލެއް ނުކޮށް އެއް މަސް ވަންދެން އިންތިޒާރު ކުރެވިދާނެތޯ މާޔަލް ސުވާލު ކުރިއެވެ. އަދި ދެ މީހުން ބައްދަލުވުމުން މާޔަލް މިހާތަނަށް ކިޔާނުދޭ ވާހަކައެއް އައިރިކްއަށް ކިޔާދޭނޭކަން ވެސް ބުންޏެވެ. އެ ސުވާލަށް ޖަވާބުދޭން އައިރިކް ވިސްނުންތަކެއް ނުވިސްނައެވެ. އެއް މަސް ދުވަހަކީ އޭނާގެ ނަޒަރުގައި ގިނަ ދުވަހެއް ނޫނެވެ. މާޔަލްގެ ލޯތްބަށް ޓަކައި އޭނާއަށް އެވަރު ކުރެވިދާނެކަމުގެ ޔަގީންކަން އަމިއްލަ ނަފްސުގެ މައްޗަށް އެބައޮތެވެ. ދެން އޮތީ މާޔަލް ހާމަކުރާން އުޅޭ ހަޤީޤަތެވެ. ކޮންމެ ހާލެއްގައި ވެސް އައިރިކް ހުރީ މާޔަލް ބަލައިގަންނާށެވެ. އޭނާގެ ހިތް ދެން ބަދަލެއް ނުވާނެއެވެ. މާޔަލްގެ އެދުން ފުރިހަމަކޮށްދޭން އޭނާ ވަޢުދުވީ އެ ޔަގީންކަންމަތީއެވެ.

1 މަސް ވަންދެން މަޑުކުރާން އައިރިކް ލައްވާ ވަޢުދު ކުރުވި ނަމަވެސް ކެތްނުކުރެވުނީ މާޔަލްއަށެވެ. އެރޭ އެއީ ފުރަތަމަ ފަހަރަށް މާޔަލް އިސްވެ އައިރިކްއަށް ގުޅި ރެޔެވެ. ލޯބިވެރީންނަށް ވާން ބޭނުންވާކަން މާޔަލް ހާމަކުރަމުން ދިޔައިރު އެ އަޑުގައި އެހެންޏާ ނުވާ ޖޯޝެއްވިއެވެ. ލޯބީގެ ޖަޒުބާތުގައި ނުހިފެއްޓިގެން އުޅޭ ކަހަލައެވެ. އެރޭ ދެމެދުގައި ލޯބީގެ އެތައް އިޤްރާރުތަކެއް ވެވުނެވެ. ވެހެމުންދިޔަ ވާރޭގައި އައިރިކްގެ އަތުގެ ތެރޭގައި ވުމަށް މާޔަލް އެދުނެވެ. ލޯބިވާވަރު އައިރިކްއަށް އެރޭ ތަކުރާރު ކުރެވުނު އަދަދެއް ނޭނގެއެވެ. އުފަލުން ދެ ފުރާނަ އުދުއްސައިގަނެދާނެ ކަހަލައެވެ.

"މާޔާ... ލެޓްސް ގޯ އައުޓް." ކެތްނުވެގެން އައިރިކްއަށް ބުނެވުނެވެ.

"މިރޭ... ނޫން. މިރޭ ރަނގަޅެއްނޫން. މިގޮތަކަށްނޫން އަހަރެމެން ބައްދަލުވާންވާނީ." މާޔަލް ބުނެލިއެވެ.

"އެހެންވީރު ޓެންތްއަށް ރެޑީވޭ. އަހަންނާއެކު ޕާފެކްޓް ޑޭޓަކަށް ދާން." އައިރިކް އެދުނެވެ.

"ވެއިޓް... އެއީ ކޮން ދުވަހެއް. ކަލަންޑަރު ބަލާފަ އިނގޭނީ" މާޔަލް ބުންޏެވެ. އޭނާ ވަގުތުކޮޅެއް އެކަމުގައި ނެގިއެވެ.

"އޯކޭ. ޓައިމް އެންޑް ޕްލޭސް ބުނޭ. އެތަނަކުން ދެ މީހުން ބައްދަލުވާނީ. ޑްރެސްކޯޑު ވެސް." ތަންކޮޅެއް ބޮޑަށް ހީނލާފައި މާޔަލް ވާހަކަދެއްކިއެވެ. ދެ މީހުން ބައްދަލުވާނޭ ތަނާއި ވަގުތު އައިރިކް ކަނޑައެޅިއެވެ. މާޔަލް ގާތު ރަތްކުލައިގެ ހެދުމެއްގައި އައުމަށް އައިރިކް އެދުނެވެ. އެއާއެކު އިހުނަށްވުރެ ބާރަށް މާޔަލް ހީނލިއެވެ. އަދި އޭނާގެ ޑައިރީގައި އެ ޚާއްޞަ ބައްދަލުވުން ނޯޓުކޮށްފިންކަން މާޔަލް ބުނެލިއެވެ.

"މާޔާ ޕްލީޒް. އައި އޭމް ގޮއިން ކްރޭޒީ އޯވާ ޔޫ.... މިރޭ، މިވަގުތު މާޔާގެ ކައިރީ ހުންނަން ބޭނުންވަނީ." ކެތްމަދުވެފައިވާ ރާގެއްގައި އައިރިކް ބުނެލިއެވެ.

"ޕޭޝަންސް މިސްޓަރ އައިރިކް އިސާކް." މާޔަލް މިހެން ބުނެ ނިކަން ބާރަށް ހޭންފެށިއެވެ.

އެރެއަކީ އައިރިކްއަށް ހަޔާތުގައި އެންމެ އުފާވެރި ވަގުތުކޮޅެވެ. ކުރަމުން އައި ފޮނި އުންމީދުތައް ފުރިހަމަވާން އުޅޭކަމުގެ ޔަގީންކަން އޭނާއަށް ލިބިއްޖެއެވެ. އެރެއަށްފަހު ދެމެދުގައި ފޯނުކުރާލެއް ގިނަވިއެވެ. ދައްތަ ކައިވެނި ޙަފުލާއަށް މާޔަލް ތައްޔާރުވަމުން އައެވެ. އައިރިކްއަށް އައީ ހުރިހާކަމެއްގެ ވާހަކަ ކިޔާދެމުންނެވެ. އެރޭގެ ޙަފުލާއަށް ތައްޔާރުވެގެން ހުރި ގޮތް ފޮޓޯ ނަގައި އައިރިކްއަށް މާޔަލް ފޮނުވިއެވެ. އެކުގައި ގެންދަން ބޭނުންވާކަން މާޔަލް ފޮނުވި މެސެޖުން ހާމަކުރިއެވެ. ނަމަވެސް އަދި ވަގުތު ނުޖެހޭކަން ބުނީ ވެސް ޚުދު މާޔަލްއެވެ.

ކުރި ތަދުބީރުގެ ނިޔާ ތަގުދީރު އިއްވީ ނުހަނު ހިތިކޮށެވެ. މުޅި ރާއްޖެއަށް ކުރަމުން އައި ވިއްސާރައިގެ ސަބަބުން ވާރޭ ހުއްޓާނުލައެވެ. ރާޅުގަނޑު ސަރަޙައްދުން އުދައަރަމުންދިޔައެވެ. ބާރު ވައިރޯޅީގެ ޒޫން އަޑު ކަނޑައިގެން ނުދެއެވެ. އެރޭ އައިރިކް ހުރީ ހުޅުމާލޭގައެވެ. އޮފީސްކަމެއްގައި ގޮހެވެ. މާޔަލްކޮށްފައި އޮތް މެސެޖު ފެނުނީ ބައްދަލުވުން ނިންމާލި ފަހުންނެވެ. އޭނާ މާޔަލްއަށް ގުޅިއެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. މާޔަލް އުޅެނީ ހުޅުމާލޭގައިކަން އެނގެއެވެ. ނަމަވެސް އޭނާ އުޅޭ އެޑްރެހެއް އައިރިކްއަކަށް ނޭނގެއެވެ. ކާރަށް އަރައި ދުއްވާލަން އުޅެނިކޮށް މާޔަލްގެ ކޯލު އައިރިކަށް ލިބުނެވެ.

"ކޮންއިރަކުން ގެއަށް އަންނަނީ. ވާރޭ އެބަވެހޭ މިހާރު ވެސް." ފޯނުކޯލު ނެގިގޮތަށް އައިރިކް ވާހަކަދެއްކިއެވެ.

"ކޮއްކޮގެ ފްރެންޑަކާއެކީ މާލޭގަ މަޑުކުރާ ވާހަކަދެއްކީ. އެކަމަކު އަހަރެން ބޭނުމީ ދާން. ރިކް ކޮންތާކު؟ އަދިވެސް ހުޅުމާލޭގަތަ." މާޔަލް ބުންޏެވެ.

"ދެންމެ ނިމުނީ. ފޯނު ބަލާލީ ނިންމާފަ. އެހެންވެ މެސެޖަށް ރިޕްލައި ނުކުރެވުނީ. އަހަރެން ވެސް މިވިސްނަނީ މިކޮޅުގައި މަޑުކޮށްލަން. މާދަމާ މާޔާއާ މީޓުކޮށްލާފަ މާލެ ދާން ބޭނުމީ." އައިރިކް ބުންޏެވެ.

"ކާރުގަ މިއުޅެނީ. ފަހަރެއްގަ އަހަރެން ތިކޮޅަށް ދާނީހެން ހީވަނީ. އަދި ޔަގީނެއްނޫން." މާޔަލް ބުންޏެވެ.

"އެކަނިތަ؟. އެހެންވީރު މަޑުކުރޭ. އަހަރެން މިދަނީ ތިކޮޅަށް. މިރޭ މާޔާ އެކަނި ދަތުރުކުރާކަށް ނުފެނޭ." އައިރިކް ނިކަން އަވަހަށް ބުންޏެވެ.

"ރިކް. އިޓްސް އޯކޭ. އަދި ގޮތެއް ނުނިންމަން. ކޮންތާކު މިރޭ ރިކް މަޑުކުރާނީ." މާޔަލް ސުވާލުކުރިއެވެ.

"ރައްޓެއްސެއްގެ ގެސްޓްހައުސްގަ. ބަލާދަންތަ؟. ގޮވައިގެން މިކޮޅަށް އަންނަން." ލާނެތް ހިނިތުންވުމަކާއެކު އައިރިކް ވާހަކަދެއްކިއެވެ.

ފޯނުކޯލު ނިންމާފައި އައިރިކް ކާރު ދުއްވާލިއެވެ. ގެސްޓްހައުސްއަށް ދާން ގަސްދުކުރި ނަމަވެސް އޭނާގެ ހިތް އެދެމުންދިޔައީ އެހެން ކަމަކަށެވެ. ކާރުގެ މިސްރާބު މާލެއަށް ދިއުމަށް ބަދަލުކޮށްލީ އެހެންވެއެވެ. އޭނާއަށް މާޔަލް ހުރީ ކޮންތާކުކަން އެނގެއެވެ. ދެން ހުރި އެކުވެރިޔާގެ ކައިވެނި ހަމަޖެހިފައި އޮތުމުން އޭގެ ކުރީން އެމީހުން ދިޔައީ "ބެޗެލާސް ޕާޓީ" ފާހަގަކުރާށެވެ. އެކަހަލަ ކަންކަމުގައި މާޔަލްއަށްވުރެ އޭނާގެ ކޮއްކޮގެ ފޯރިގަދަކަން އައިރިކްއަށް އެނގެނީ މާޔަލް ކިޔައިދޭ ވާހަކަތަކުންނެވެ. މާޔަލް ވެސް އެތަނުގައި ހުންނަން ބޭނުންނުވެގެންކަން އެ އުޅެނީ އައިރިކްގެ ޟަމީރު ދެނެގަތެވެ. އެހެންވެގެންނާއެކީ އައިރިކް ގަސްދުކުރީ މާޔަލް ބަލާ އަންނާށެވެ. ދެމީހުން ބައްދަލުވާން ކަނޑައެޅި ތާރީޚަށް ފަރުވާލެއްނެތިއެވެ.

ހުޅުމާލޭގެ މަގުތައް އޮތީ ފަޅަށެވެ. ބުރިޖަށް އައިރިކް އެރިއެވެ. އާދަޔާ ޚިލާފަށް އެރޭ ދުއްވާ އެއްޗެހި މަދެވެ. ހާލަކުން ފަހަރެއްގައި ކާރެއް ދާތަން ނޫނީ ނުފެނެއެވެ. އެވެސް މާލެއިން ހުޅުމާލެއަށް އަންނަ ކާރުތަކެވެ. މާޔަލްއަށް އައިރިކް ގުޅިއެވެ. އޭނާ ބަލާ މާލެ އަންނަނީކަން ބުނާން ވެގެންނެވެ. ނަމަވެސް މާޔަލްގެ ފޯނު ހުރީ އެންގޭޖްވެފައެވެ. އޭނާ ފޯނެއްގައި އިނީއެވެ. ދެތިން ފަހަރު އައިރިކް ގުޅިއެވެ. އެއިން ކޮންމެ ފަހަރަކުވެސް މާޔަލް އިނީ ކޯލެއްގައިކަން އިސްކުރީނަށް އަރައެވެ. ނަސީބަކުން އައިރިކް މާޔޫސްވާހާ ގިނައިރެއް ނުވިއެވެ. އޭނާއަށް މާޔަލް ގުޅައިފިއެވެ.

"ރިކް... ގެސް ވަޓް." އައިރިކްއަށްވުރެ ކުރީން މާޔާ ވާހަކަދެއްކިއެވެ.

"ނޭނގުނު." އައިރިކް ބުނެލިއެވެ.

"މިދަނީ ރިކް ކައިރިއަށް. ފޮގެޓް ދަ ޑޭޓް. ރިކްއެކީ ކޮންމެ ވަގުތުކޮޅެއް ޕާފެކްޓްވާނެކަން އެނގޭ. ސޯ، ލެޓްސް މީޓް ޓުނައިޓް. އައި ކާންޓް ވެއިޓް އެނީމޯ" މާޔަލް އިއްވާލިއެވެ.

އައިރިކްއަށް ލިބުނީ ސިހުމެކެވެ. އޭނާއަށް ކާރުގެ ބުރެކި ޖައްސާލެވުނެވެ. ހިސާބަކަށް ޓަޔަރުތައް ކައިގެން ދިޔަކަން އިޙްސާސް ކުރެވުނެވެ. ދުއްވާއެއްޗެހި ނެތި މަގު ހިތަކަށް ލިބިފައިވުމުން އޭނާ އައީ ބާރު ދުވެއްޔެއްގައެވެ. އަވަހަށް މާޔަލްގެ ގާތަށް ދާން ކެތްމަދުވެފައި ހުރެއެވެ. ބާރުބާރަށް އައިރިކް ހޭންފެށިއެވެ.

"ކޮންތާކު ތިހުރީ. އަހަރެން ވެސް މިދަނީ މާޔާގެ ކައިރިއަށް. މިރޭ މާޔާއާ މީޓުވެއްޖެއްޔާ ވާނެގޮތެއްވެސް ނޭނގޭ. ވަރިހަމަތަ." އައިރިކްއަށް ބުނެވުނެވެ.

"ލެޓްސް ބީ ޓުގެދާ. ރިކް... އައި ލަވް ޔޫ އެންޑް އައި ވޯންޓް ޔޫ." މާޔަލްގެ އަޑުގައިވީ އަސަރުން އައިރިކްގެ ކަނދުރާގައިވީ ލޯލިތައް ކޮޅަށް ޖެހުނެވެ. އިޙްސާސްތައް ފުންވެ ވަރުގަދަ ބޭނުންވުމުގެ ޖަޒުބާތުގައި އޭނާ ޖެހިއްޖެއެވެ. މާޔަލްއާއެކު އެރޭވުމަށް އޭނާގެ ޚިޔާލުގައި މަންޒަރުތައް ކުރަހަމުންދިޔައެވެ.

ހުޅުލެއާ ކައިރިވަނީކަން އައިރިކް ބުންޏެވެ. އެހިސާބުން ކާރު އަނބުރާލަން އޭނާ ގަސްދުކުރިއެވެ. މާޔަލް ގާތު އޭނާ ހުޅުލެއާ ކައިރީގަ މަޑުކޮށްގެން ހުންނާނެކަން ބުންޏެވެ. އޭރު މާޔަލް ވެސް އެހިސާބަށް އަރާ ހަމަވަނީއެވެ. ދުރުން އަންނަ ކާރު އައިރިކްއަށް ފެނުނެވެ. އެ އަންނަނީ ނުހަނު ބާރަށް ދުއްވާފައިކަން އެނގެއެވެ. އައިރިކް މަގަށް ބަލާލާފައި ކާރުގައި ލަނބާލިއެވެ. އެނބުރި ހުޅުމާލެއަށް ދާން އޮތް ލޭނަށް އޭނާ އެޅިއެވެ. ނަމަވެސް އެވަގުތު ފޯނުގައި އިން މާޔަލް ގޮވާއަޑު އިވުނެވެ. ހާސްކަމާއެކު އޭނާ އައިރިކްއަށް ގޮވިއެވެ. އައިރިކް ވެސް ދިޔައީ ސިއްސައިގެންނެވެ. ބާރު ދުވެލީގައި އައި ކާރު މަތަނުވެ ހަމަގެއްލި ކަހާލައިގެން އެ އައިގޮތަށް ޖެހުނީ އައިރިކްގެ ކާރުގައެވެ. ދުއްވަމުންދިޔަ އައިރިކްގެ ކާރު އެ ކާރުން ނައްޓުވާލަން ކުރި މަސައްކަތް ބޭކާރުވިއެވެ. (ނުނިމޭ)