ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރްއާ އެކު ނަހަމަ ގުޅުންތަކެއް ހިންގުމާ ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާއަށް ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ކްރިމިނަލް ކޯޓުގައި އިއުތިރާފްވެއްޖެ އެވެ.
ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށް -- ނުވަތަ ލިވާތުގެ ސާފު ދައުވާއެއް ނޫނެވެ.
މި މައްސަލައިގެ ޝަރީއަތް ފެށުމުގެ ގޮތުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާ އިއްވުމުން ނާޒިމް ވަނީ ދައުވާއަށް އިއުތިރާފްވެފަ އެވެ. އަލަމްގީރްއާއެކު ނަހަމަ ގުޅުންތަކެއް ހިންގި ނަމަވެސް ލިވާތު ނުކުރާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ނާޒިމް ދައުވާއަށް އިއުތިރާފްވުމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ ވަނީ އަވަސް ނިޔާގައި މައްސަލަ ނިންމާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހަފްތާގައި ހުކުމް ކުރަން ވަނީ ނިންމާފަ އެވެ.
ބަދުއަހްލާގީ މައްސަލަތަކެއް ހިމެނޭ ދައުވާއެއް ކަމަށްވުމުން މި މައްސަލަ ކޯޓުގައި ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.
ނާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ކޯޓުގައި މިއަދު އިއުތިރާފްވި ނަމަވެސް އަލަމްގީރް އާއި އެކު ނާޒިމް ކަމަށް ބުނާ މީހަކު ފެންނަ ވީޑިއޯއެއް މީގެކުރިން ސޯޝަލް މީޑިއާގައި އާންމުވުމުން އެ ވީޑިއޯގައި ފެންނަނީ އޭނާ ނޫން ކަމަށް ނާޒިމް ވިދާޅުވެފައިވެ އެވެ. އަދި އެ ވީޑިއޯ އަކީ އެޑިޓެއް ކަމަށް ވެސް ވަނީ ވިދާޅުވި އެވެ.
އަލަމްގީރް ވެސް މީގެ ކުރިން ކުށަށް އިއުތިރާފްވުމުން ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.
މި މައްސަލައިގައި ނާޒިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ އިތުރުން ފުލުހުންގެ ޑްރަޑް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުން ދިޔަ އަބްދުއްރަހްމާން ރަފީގުގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ ކޮށްފަ އެވެ.