ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ފަހަތުން އަރައި 1-4 އިން މަޔޯކާ ބަލިކޮށް ލީގުގެ އެއްވަނަ އަށް އަލުން އަރައިފި އެވެ.
ރެއާލް މެޗަށް ނުކުތްއިރު ލީގުގެ އެއްވަނައިގައި އޮތީ 13 ޕޮއިންޓް ހޯދާފައިވާ ބާސެލޯނާ އެވެ.
އެންމެފަހުގެ މޮޅާ އެކު ރެއާލަށް އަލުން އެއްވަނަ ލިބުނީ 15 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ ދެވަނައިގައި އޮތްއިރު ތިން ވަނައިގައި އޮތް ވިޔަރެއާލް އާއި ހަތަރު ވަނައިގައި އޮތް އެތުލެޓިކް ބިލްބާއޯ އަދި ފަސް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ.
ރެއާލް މެޑްރިޑަކީ ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ސަތޭކަ އިންސައްތަ ރެކޯޑް އޮތް ހަމައެކަނި ޓީމެވެ.
މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގާއި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ރެއާލުން އާ ސީޒަން ވެސް ފެށީ ވަރުގަދަކޮށެވެ.
މެޗަށް ރެއާލުން ނުކުތީ އަނިޔާގެ ސަބަބުން ކަރީމް ބެންޒެމާ ނުލަ އެވެ. ބެންޒެމާ އަށް އަނިޔާވީ މިދިޔަ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ސެލްޓިކް އަތުން އެޓީމު މޮޅުވި މެޗުގަ އެވެ.
އަނިޔާގެ ސަބަބުން މި ހަފްތާ ރެއާލް ކުޅޭ ޗެމްޕިއަންސް ލީގު މެޗާއި އަންނަ އާދީއްތަ ދުވަހު ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ ލީގު މެޗުގައި ބެންޒެމާ ނުފެންނާނެ އެވެ.
ރޭގެ މެޗުގައި ރެއާލުން މޮޅަށް ކުޅެމުން ދަނިކޮށް 35 ވަނަ މިނެޓުގައި ލިބުނު ފުރުސަތުގެ ބޭނުން ހިފައި މަޔޯކާގެ ވެޑެޓް މުރިގީ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. އެކަމަކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މިޑްފީލްޑަރު ފެޑެރިކޯ ވަލްވެޑޭގެ މޮޅު ގޯލުން ރެއާލް ނަތީޖާ ހަމަހަމަކުރި އެވެ. އަމިއްލަ ހާފު މެދުން ލިބުނު ބޯޅަ މަޔޯކާގެ ތިން ކުޅުންތެރިން ކަޓުވާލުމަށް ފަހު ގޮސް ވަލްވެޑޭ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ރެއާލުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ 72 ވަނަ މިނެޓުގައި ވިނީޝަސް ޖޫނިއާ ޖެހި ލަނޑުންނެވެ. އޭގެފަހުން މެޗުގެ 89 ވަނަ މިނެޓާއި އިތުރު ވަގުތުގެ ފަހު މިނެޓުގައި ރެއާލުން ލީޑު އިތުރަށް ފުޅާކުރި އެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ ރޮޑްރީގޯ އާއި ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އެވެ. މިއީ މިދިޔަ ސީޒަނަށް ފަހު ޗެލްސީ ދޫކޮށް ރެއާލަށް ބަދަލުވިފަހުން ރުޑިގާ ރެއާލަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.