އެފްއޭއެމް

ތިންވަނަ ޑިވިޝަނުގައި ބައިވެރިވާން އިތުރު ފުރުސަތެއް

Sep 12, 2022

ތިން ވަނަ ޑިވިޝަނުގައި ބައިވެރިވެފައިވާ ޓީމުތަކުން މުބާރާތަށް ތައްޔާރުވުމަށް އިތުރު ވަގުތު ބޭނުންވާތީ އާއި ބައެއް ޓީމުތަކުން މުބާރާތުގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދެމުންދާތީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެ މުބާރާތުގައި ވާދަކުރުމުގެ މުއްދަތު އިތުރުކޮށް މުބާރާތް ފެށުން ފަސްކޮށްފި އެވެ.

އެފްއޭއެމުން އިއްޔެ މީޑިއާތަކާ ހިއްސާކުރި ބަޔާނުގައި ބުނީ ކުރިން އަންނަ މަހުގެ އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ތިންވަނަ ޑިވިޝަން މިއަހަރުގެ ނޮވެމްބަރު 12 ވަނަ ދުވަހަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މި ބަދަލާ އެކު އިތުރު ޓީމުތަކަށް މި ޑިވިޝަނުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެކަމަކު މުބާރާތުން ފުރުސަތު ލިބެނީ އެފްއޭއެމް އިން ކަނޑައަޅާ މިންގަނޑަށް ކްލަބް ލައިސަންސިން ފުރިހަމަކުރާ ޓީމުތަކަށެވެ.

އެފްއޭއެމްގެ ބަޔާނުގައި ބުނީ މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާ އެކު ކްލަބް ލައިސަންސިން ޕޮލިސީގެ ދަށުން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް އޮކްޓޫބަރު 25 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މުބާރާތާ ގުޅިގެން ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިއުންތައް އީމެއިލް ކުރަން ޖެހެނީ [email protected] އެވެ.

ތިންވަނަ ޑިވިޝަނުގައި ބައިވެރިވާ ޓީމުތަކުން 12 ކަމެއް ފުރިހަމަކުރަންޖެހެ އެވެ. މީގެތެރޭގައި ކްލަބުގެ ބޯޑު މެމްބަރުންގެ ލިސްޓާއި ކްލަބުގެ އޯގަނައިޒޭޝަން ޗާޓް ހިއްސާކުރުން ހިމެނެ އެވެ.

މިދިޔަ އަހަރުގެ ތިންވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ބުރު ސްޕޯޓްސް ކްލަބެވެ. ފައިނަލުގައި ބިސް ބުރު ސްޕޯޓްސް ކްލަބާ ވާދަކޮށް ބުރު ސްޕޯޓްސް ޗެމްޕިއަންކަން ހޯދީ 11-0 އިން މޮޅުވެގެންނެވެ. އޭގެފަހުން މިއަހަރު އޮތް ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިންގައި ވާދަކޮށް ބުރު ސްޕޯޓްސް މިހާރު ވަނީ އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެފަ އެވެ.