ފްލައިމީ

ވައިގެ ދަތުރުފަތުރުގައި ވިލާ އެއާއިން އާސަންދައަށް އެއްބާރުލުން ދެނީ

ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި އާސަންދަ ކުންފުންޏާއި ވިލާ އެއާ ޕްރައިވެޓް ލިމިޓެޑުން ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ސަބަބުން އާސަންދަ ސްކީމްގެ ދަށުން ދޭންޖެހޭ ހިދުމަތްތަކަށް، ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ވިލާ އެއާ އިން އާސަންދަ ކުންފުންޏަށް ދޭނެ އެވެ.

ކުއްލި ހާލަތުގައި ބަލިމީހުން ވައިގެ މަގުން ގެންދިއުމުގައި މި އެއްބަސްވުމުގެ ސަބަބުން އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަން އާސަންދަ ކުންފުނިން ފާހަގަ ކުރެ އެވެ.

މީގެއިތުރުންވެސް ވިލާ އެއާގެ ފްލައިޓްތައް ދަތުރުކުރާ އެއާޕޯޓްތައް ހުންނަ ރަށްރަށުގެ ރައްޔިތުންނާއި އެ ރަށްރަށާއި ކައިރީގައި ހުންނަ ރަށްރަށުގެ ރައްޔިތުންނަށްވެސް ލުއި ފަސޭހަތަކެއް ލިބިގެންދާނެކަން އާސަންދަ ކުންފުނިން ފާހަގަކުރެ އެވެ.

މިއެއްބަސްވުމުގައި އާސަންދަ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގެވެ. ވިލާ އެއާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތައް، ވިލާ އެއާގެ ފްލައިމީ އިން ފަށާފައިވަނީ އޮކްޓޫބަރު 1، 2011 ގައެވެ. ވިލާ އެއާގެ ދަތުރުތަކުގައި ބޭނުންކުރަނީ އޭޓީއާރް 500-72 މަރުކާގެ ފްލައިޓެވެ.

ވިލާ އެއާއިން މިހާރު ދަތުރުކުރާ މަންޒިލްތަކުގެ ތެރޭގައި އދ. މާމިގިއްޔާއި ބ. ދަރަވަންދޫ ހިމެނެ އެވެ. ވިލާ އެއާއިން މީގެ ކުރިން ވަނީ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށްވެސް ދަތުރުކޮށްފަ އެވެ.