ވިޔަފާރި

މިދިޔަ އަހަރު ޖީއެސްޓީގެ އާމްދަނީ 32 ޕަސެންޓް އިތުރުވި

Jan 13, 2016
  • މިދިޔަ އަހަރު ޖީއެސްޓީން ހަ ބިލިއަން ރުފިޔާ
  • ބީޕީޓީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ

މިދިޔަ އަހަރު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި ދައުލަތައް ލިބުނު އާމްދަނީ 32 ޕަސެންޓް އިތުރުވެފައިވާ ކަމަށް މީރާގެ ހިސާބުތަކުން ދައްކައިފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކޮށްފައިވާ މިދިޔަ މަހުގެ އާމްދަނީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 13 ބިލިއަން ރުފިޔާ އެވެ. އެއީ އޭގެކުރީ އަހަރު ލިބިފައިވަނީ 11.4 ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު 13.2 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޖީއެސްޓީގެ ގޮތުގައި ލިބުނު ހަ ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރު ލިބުނު 4.5 ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު 32 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ) ގެ ގޮތުގައި މި އަހަރު ލިބިފައިވަނީ 2.6 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރު ލިބުނު 2.4 ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު ހަ ޕަސެންޓް އިތުރުވުމެކެވެ.

މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި މިދިޔަ އަހަރު ލިބިފައިވަނީ 1.2 ބިލިއަން ރުފިޔާ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ލިބުނީ 1.1 ބިލިއަން ރުފިޔާ އެވެ. މިއީ ހަ ޕަސެންޓުގެ އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީ އިތުރުވި ނަމަވެސް މިދިޔަ މަހު ދައުލަތައް ލިބުނު އާމްދަނީ ވަނީ ދަށަށް ގޮސްފަ އެވެ. މީގެ ސަބަބަކީ ޓޫރިޒަމް ހީނަރުވުމެވެ.