ބޭންކް އޮފް މޯލްޑިވްސް

ގެ އަޅަން ބީއެމްއެލްގެ އެހީ ލިބޭ ފަރާތްތައް އިއުލާންކޮށްފި

Sep 12, 2022
1

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިއަހަރު ކުރީކޮޅު އިއުލާން ކުރި ހައުސިން ގްރާންޓް ލިބޭ ފަރާތްތައް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ހާމަކޮށްފި އެވެ.

ބީއެމްއެލްގެ ހައުސިން ގްރާންޓް އިއުލާން ކުރީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުގެ ހިލޭ އެހީގެ ދަށުން ތިން އާއިލާއަކަށް ދިރިއުޅުމަށް ގެ އިމާރާތްކޮށް ފަރުނީޗަރު ހޯދައިދިނުމަށެވެ. މިފަދަ އެހީއަކަށް ބޭނުންވެފައިވާ އާއިލާތައް ފާހަނގަކޮށް ހިލޭ އެހީއަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލީ ޖަމިއްޔާތަކާއި ކައުންސިލްތަކަށެވެ. މި ގޮތުން ލިބުނު ހުށަހެޅުންތައް ވަޒަންކުރުމަށް ފަހު ހައުސިން ގްރާންޓް ލިބޭ ފަރާތްތައް ބީއެމްއެލް އިން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.

ހައުސިން ގްރާންޓް ލިބޭ ފަރާތްތައް

  • ސުކޫން، ށ. ފުނަދޫ - ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ޔުނިޓީ ސްޕޯޓްސް އެކަޑަމީ އިން
  • ޢިޝާ، ނ. ވެލިދޫ - ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ވެލިދޫ ފިއުޗަ ފައުންޑޭޝަން އިން
  • ސަންހިޔާ، އދ. މާމިގިލި - ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ފެލްކޮން ޔޫތު އެންޑް ރެކްރިއޭޝަން އިން

ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އައިޝަތު ނޫރައްދީން ވިދާޅުވީ ހައުސިން ގްރާންޓް ފަދަ ޕްރޮޖެކްޓްތަކުގެ އެހީގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބޭންކްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ ސްޓްރެޓަޖީގެ ބޮޑު އަމާޒެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މުޖުތަމައުގައި އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އަދި އަޅުގަނޑުމެންގެ އުއްމީދަކީ މި ހައުސިން ޕްރޮޖެކްޓްތަކަށް ފޯރުކޮށްދޭ މާލީ އެހީގެ ސަބަބުން އާއިލާތަކުގެ ދިރިއުޅުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ހެޔޮ ބަދަލެއް އައުން،" އައިޝަތު ނޫރައްދީން ވިދާޅުވެފައިވެ އެވެ.

ހައުސިން ގްރާންޓް ތައާރަފް ކުރީ ނޮވެންބަރު މަހު ފާހަގަކުރާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމައަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިންނެވެ.