ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ޖިންސީ އެދުންވެރިކަން ފުއްދަން ބޭނުންކުރާ މާމުއީގެ ވައްތަރެއް މަނާކޮށްފި

ޖިންސީ ބަލިކަށިކަމަށް ބޭނުންކުރާ ދެ ޑޮކްޓަރީ ބޭހެއް ހިމެނޭ މާމުއިގެ ބާވަތެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.

އެ އޮތޯރިޓީ އިން މިއަދު ބުނެފައިވަނީ ސެކްޝްއަލް އެންހޭސްމެންޓް އަދި އިރެކްޓައިލް ޑިސްފަންކްޝަންއަށް ބޭނުންކުރާ ޑޮކްޓަރީ ބޭހެއް ކަމަށްވާ ޓެޑަލަފިލް އަދި ސިލްޑްނަފިލް ހިމެނޭ މާމުއި ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ކަމަށެވެ.

ރާއްޖެއަށް އެތެރެކޮށްފައިވާ އުފެއްދުންތަކަކީ ފްރޯޑްކޮށްގެން އުފައްދާފައިވާ އުފެއްދުންތަކެއް ކަމަށް ޔުނައިޓެޑް ސްޓޭޓްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (ޔޫއެސް އެފްޑީއޭ) އިން އެލާޓްކޮށްފައިވާ ކަމަށްވެސް އެ އޮތޯރިޓީ އިން ބުނެ އެވެ.


އެމްއެފްޑީއޭ އިން ވަނީ ރާއްޖެ އެތެރެކޮށްފައިވާ މި ދެ ބޭސް ހިމެނޭ މާމުއިތަކުގެ ފޮޓޯތައް ނަމާއެކު ހާމަކޮށްފަ އެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އުފެއްދުންތައް ބޭނުންކުރުމާއި ވިއްކުމަކީ މަނާކަމެއް ކަމަށް އެފްޑީއޭ އިން ވަނީ ވުނެފަ އެވެ.