ދުނިޔެ

ކޮވިޑަށްފަހު ޝީ ގައުމުން ބޭރަށް

ޗައިނާގައި 2019 ވަނަ އަހަރުގެ ފަހުކޮޅު ކޮވިޑް ފެތުރިގަތް ފަހުން ރައީސް ޝީ ޖިންޕިން ގައުމުން ބޭރަށް ކުރަައްވާ ފުރަތަމަ ދަތުރުފުޅުގައި އުޒްބެކިސްތާނަށް ވަޑައިގަންނަވަނީ އެވެ.

އުޒްބެކިސްތާންގެ ސަމަރުގަންދުގައި މި މަހު 15 – 16 ގައި އޮންނަ "ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން" (އެސްސީއޯ) ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ޝީ ޖިންޕިން އުޒްބެކިސްތާނަށް ވަޑައިގަންނަވާނެކަން ޗައިނާގެ ފޮރިން މިނިސްޓްރީން ވެސް ވަނީ މީޑިއާ އަށް ކަށަވަރުކޮށްދީފަ އެވެ.

ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވާ ޗުނިޔިން ވިދާޅުވި ގޮތުގައި ކައުންސިލްގައި ހިމެނޭ ގައުމުތަކުގެ ވެރިން މި އަހަރު އޮން އެސްސީއޯ ސަމިޓްގެ 22 ވަނަ ސެޝަންގައި ބައިވެރިވެ ވަޑައިގެން ގައުމުތަކާ މުޚާތަބުކުރައްވާނެ އެވެ.

ތަަރުޖަމާން ވިދާޅުވި ގޮތުގައި އުޒްބެކިސްތާން އާއި ކަޒަކިސްތާންގެ ވެރިން ދެއްވި ރަސްމީ ދައުވަތެއް ގަބޫލުކުރައްވައި، އެ ދެ ގައުމަށް ވެސް ޝީ ޖިންޕިން ވަޑައިގަންނަވާނެ އެވެ.

މިއީ ކޮވިޑްގެ ހާލަތާ ގުޅިގެން ޝީ ޖިންޕިން ގައުމުގައި ދުވަސްތަކެއް ވަންދެން މަޑުކުރެއްވުމަށް ފަހު، ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރަށް ވާތީ ބައިނަލްއަގްވާމީ ޚަބަރު އޭޖެންސީތަކުން ޝީ ޖިންޕިން އަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭނެ ކަމަށް ބެލެވެ އެވެ.

މި އަހަރުގެ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އަދި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ދުނިޔޭގެ ސިޔާސީ މަސްރަހު އެނބުރެމުންދާ ގޮތުން މިއީ ދުނިޔޭގެ ކެމެރާތައް ވަރަށް ބޮޑަށް ފޯކަސްކުރާނެ ސަމިޓެއް ކަމަށް ބެލެވެ އެވެ.

މި ސަމިޓްގައި ޝީ ޖިންޕިން އަދި ރަޝިއާގެ ރައީސް ބައްދަލު ކުރައްވާނެ ކަމަށް ވެސް އަޑުތައް އޮތީ ފެތުރިފަ އެވެ. މިހެން ކަންވެއްޖެ ނަމަ އެ ބައްދަލުވުން ވާނީ ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން ދެ ރައީސުން -- ޕޫޓިން އާއި ޝީ ބައްދަލުކުރައްވާ ފުރަތަމަ ފަހަރަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި ސަމިޓަށް ވަޑައިގެންނެވި ނަމަވެސް ޕޫޓިން އަދި ޝީ ޖިންޕިންއާ ބައްދަލުކުރައްވާނެ ކަމެއް ސާފެއް ނޫނެވެ. އެހެން ނަަމަވެސް ޕާކިސްތާންގެ ވަފުދާ ބައްދަލުކުރައްވާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

ސީއެސްއޯ ގައުމުތަކަކީ އިންޑިއާ، ޕާކިސްތާން، ޗައިނާ، ރަޝިއާ، ތަޖިކިސްތާން، ކަޒަކިސްތާން ކިރުގިސްތާން އަދި އުޒްބެކިސްތާން އެވެ.

މި ސަމިތްގައި އޮބްޒާވަރުންގެ ގޮތުގައި މޮންގޯލިއާ، އީރާން، އަފްޣާނިސްތާން އަދި ބެލަރޫސް ބައިވެރިވާނެ އެވެ. އަދި އަރުމޭނިއާ، ސްރީ ލަންކާ، ނޭޕާލް، ކެމްބޯޑިއާ އަދި އަޒަރުބައިޖާން ވާހަކަދައްކަން ފުރުސަތު ދެވޭނެ އެވެ.

މި ފަހަރުގެ ސަމިޓްގައި އީރާނަށް މެމްބަރުކަން ދިނުން އޮންނާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވެސް މި ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވެއެވެ.