ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޕީޖީން މިދިޔަ މަހު 235 ދައުވާ އުފުލި

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މިދިޔަ މަހުގެ ތެރޭގައި 189 މީހެއްގެ މައްޗަށް 235 ދައުވާ އުފުލައިފި އެވެ.

ޕީޖީ އޮފީހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އޯގަސްޓް މަހުގެ ތެރޭގައި ކޯޓުތަކަށް ހުށަހެޅުނު ދައުވާތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ.

އޯގަސްޓް މަހު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ 73 މައްސަލައާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 32 މައްސަލަ އާއި މަސްތުވާތަކެތި މުއާމަލާތުކުރުމުގެ 13 މައްސަލައަކާއި މަސްތުވާތަކެތި ޕެޑްލްކުރުމުގެ ފަސް މައްސަލަ ހިމެނެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ޕީޖީ އޮފީހުން މިދިޔަ މަހު ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ވައްކަން ކުރުމުގެ 21 މައްސަލައަކާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ 19 މައްސަލަ ހިމެނެ އެވެ.

އޯގަސްޓް މަހު އެންމެ ގިނަ މައްސަލަތައް ހުށަހަޅާފައިވަނީ ޑްރަގް ކޯޓަށެވެ. އެ ކޯޓަށް 63 މައްސަލަ ހުށަހަޅާފައިވާއިރު ކްރިމިނަލް ކޯޓަށް 62 މައްސަލަ ހުށަހަޅާފައިވެ އެވެ.

ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި ދައުވާކުރުމަށް އެދި 271 މައްސަލައެއް އެ އޮފީހުގެ ޑިއުޓީ ޕްރޮސިކިއުޝަނަށް މިދިޔަ މަހު ހުށަހެޅުނެވެ. މީގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ 82 މައްސަލަ އާއި ވައްކަމުގެ 58 މައްސަލަ އާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 47 މައްސަލަ ހިމެނެ އެވެ.

އޯގަސްޓް މަހު ޕީޖީ އޮފީހަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 76 މައްސަލަ ބަލައިގެންފައިވާއިރު އިތުރު މައުލޫމާތު ސާފުކުރުމަށް 138 މައްސަލަ ވަނީ އަނބުރާ ފޮނުވާލާފަ އެވެ. އެކި ސަބަބުތަކާ ހުރެ 57 މައްސަލައެއްގައި ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށް ޕީޖީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.