އެފްއޭއެމް

ޒުވާން ޓީމު ސައުދީ އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެ

އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް އޭގައި 20 އަހަރުން ދަށުގެ ރާއްޖޭގެ ފުޓްބޯޅަ ގައުމީ ޓީމު ރޭ ސައުދީ އަރަބިއާ ބައްދަލުކޮށް 11-0 އިން ޒުވާން ފުޓްބޯޅަ ޓީމު ބަލިވެއްޖެ އެވެ.

ސައުދީގައި މިހާރު ކުޅެމުންދަނީ އަންނަ އަހަރު އުޒްބެކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން މެޗުތަކެވެ. ފުރަތަމަ މެޗުގައި އުޒްބެކިސްތާން އަތުން ދިވެހި ޓީމު ބަލިވީ 0-7 އިންނެވެ. މި ގްރޫޕުގައި ރާއްޖެ އަށް ބާކީ އޮތީ ޗައިނާ އާއި މިޔަންމާ މެޗެވެ.

ރޭގެ މެޗަށް ނުކުތް ދިވެހި ޓީމުގެ ފުރަތަމަ އެގާރައަށް ވަނީ ދެ ބަދަލެއް ގެނެސްފަ އެވެ. އެއީ އުޒްބެކިސްތާން މެޗުގައި ބެންޗުން ކުޅެން އެރި މުހައްމަދު ނާބިތު ހުސައިން އާއި މުހައްމަދު ފާލިލް ފާއިގް ހިމެނުމެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސައުދީ އިން ވަނީ ހަ ގޯލު ޖަހައިފަ އެވެ. ސައުދީގެ އަނެއް ފަސް ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ. ސައުދީގެ އަބްދުﷲ ހާދީ ރަދީފް އާއި މެޝާރީ ފަހާ، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މެޗުގައި ހެޓްރިކް ހަދައިފަ އެވެ.
ރާއްޖެ ހިމެނޭ ގްރޫޕުގެ އެއް ވަނައިގައި އޮތީ ދެ މެޗުން މޮޅުވި އުޒްބެކިސްތާނެވެ. ރޭ އެޓީމުން ވަނީ 3-0 އިން މިޔަންމާ ބަލިކޮށްފަ އެވެ.

ދެ މެޗުން ބޮޑު ތަފާތަކުން ބަލިވުމާ އެކު ރާއްޖެ މިހާރު ވަނީ ގާތްގަނޑަކަށް ފުރުސަތު ބަންދުވެފަ އެވެ. ގްރޫޕް ސްޓޭޖުގައި ރާއްޖެ ދެން ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ ބުދަ ދުވަހުގެ ރެ އެވެ.