ރައީސް މުހައްމަދު ނަޝީދު

މެންބަރުން ޖަލްސާގައި ނެތުމަކީ ވާޖިބު އަދާނުކުރުން: ނަޝީދު

Sep 13, 2022
2

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް މެންބަރުން ހާޒިރުވާ އަދަދު ވަރަށް ބޮޑަށް މަދުވުމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ފެށިިއިރު މަޖިލީހުގެ ތަޅުމުގައި ހާޒިރުވެ ތިއްބެވީ 24 މެންބަރުންނެވެ. ސަލާމުގައި ހަ މެންބަރުން ތިއްބެވިއިރު ރަސްމީ ދަތުރުފުޅުގައި ތިން މެންބަރުން ތިއްބެވީ ރަށުން ބޭރުގަ އެެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް 87 ދާއިރާ އިން މެންބަރުން އިންތިހާބުކޮށްފައިވާ ކަމަށެވެ. އެކަމަކު ޖަލްސާ އަށް އެންމެ 24 މެންބަރުން ހާޒިރުވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"87 މެންބަރުންގެ އިއްޒަތްތެރި މަޖިލީހެއްގައި އަދި ގަވައިދުން މުސާރަ ލިބެމުންދާ ތަނެއްގައި ހެނދުނުގެ ޖަލްސާ ފަށާއިރު 24 މެންބަރުން ތިބުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ގާނޫނީ ވާޖިބަށް އަޅުގަނޑުމެންނަށް ފަރުވާތެރިކަން ނުބެހެއްޓުން" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށޭއިރު މެންބަރުން ހާޒިރުވާ އަދަދު މަދުވާތީ ކުރީގެ ޖަލްސާތަކުގައި ވެސް އެ މައްސަލަ ރައީސް ނަޝީދު ފާހަގަކުރައްވާފައިވެ އެވެ.

މަޖިލީހުގެ ޖަލްސާތަަކަށް ހާޒިރުވާ މެންބަރުންގެ އަދަދު މަދުވާތީ ސޯޝަލްމީޑިއާގައި އާންމުން ވެސް އެކަން ފާހަގަކޮށް މެންބަރުންނަށް ފާޑު ކިޔަ އެވެ.