( 11 ސެޕްޓެމްބަރު 2022 އާ ގުޅޭ )
ދުރުން އަންނަ ކާރު އައިރިކްއަށް ފެނުނެވެ. އެ އަންނަނީ ނުހަނު ބާރަށް ދުއްވާފައިކަން އެނގެއެވެ. އައިރިކް މަގަށް ބަލާލާފައި ކާރުގައި ލަނބާލިއެވެ. އެނބުރި ހުޅުމާލެއަށް ދާން އޮތް ލޭނަށް އޭނާ އެޅިއެވެ. ނަމަވެސް އެވަގުތު ފޯނުގައި އިން މާޔަލް ގޮވާއަޑު އިވުނެވެ. ހާސްކަމާއެކު އޭނާ އައިރިކްއަށް ގޮވިއެވެ. އައިރިކް ވެސް ދިޔައީ ސިއްސައިގެންނެވެ. ބާރު ދުވެލީގައި އައި ކާރު މަތަނުވެ ހަމަގެއްލި ކަހާލައިގެން އެ އައިގޮތަށް ޖެހުނީ އައިރިކްގެ ކާރުގައެވެ. ދުއްވަމުންދިޔަ އައިރިކްގެ ކާރު އެ ކާރުން ނައްޓުވާލަން ކުރި މަސައްކަތް ވީ ބޭކާރުވިއެވެ.
ބުރާންތިވެ އައިރިކްގެ ދެ ކަންފަތް ބައްވެފައި ވެއެވެ. އައިރިކްއަށް ހަރަކާތް ކުރާން ދަތިވިއެވެ. ލޮލާއެކު މޫނުގެ އެއްފަޅި ތެމެމުންދާކަމުގެ އިޙްސާސް ކުރެވެއެވެ. ފާޑަކަށް މުޅި ހަށިގަނޑަށް އައްސިކަމެއް ވެރިވެފަ ވާ ކަހަލައެވެ. ފުސްކަމެއްގެ ތެރެއިން ފެންނަމުން ދިޔަހެން އޭނާއަށް ފެނުނީ ލޭގެ ކޯރެއްގައި ހަރަކާތް ކެނޑެމުންދިޔަ މާޔަލްއެވެ. އޭނާގެ މާޔާއެވެ. އެ ހާލުގައި އޭނާގެ މާޔާ ވާތަން ދުށުމަކީ އައިރިކްގެ ހިތާއި ފުރާނައަށް ކެތްވާވަރު ކަމަކަށް ނުވާނެއެވެ. ސިކުނޑި އެކަން ދޮގުކުރާން އަވަސްވެލީއެވެ. ހަޤީޤަތް އޮޅުވާލަން އޭނާއާ ސިކުނޑި އެއްބާރުލުން ދިނީއެވެ. ހިނދުކޮޅެއް ފަހުން އައިރިކްއަށް ތުނިކޮށް ވެހެމުންދިޔަ ވާރޭ އިޙްސާސް ކުރެވެން ފެށިއެވެ. އެއާއެކު ކަންފަތުގައި މާޔާ ރިކްއޭ ގޮވާލި އަޑު ޖެހުނެވެ. އޭނާގެ ބާރުކޮށްލެވިފައިވާ މުށުގެ ތެރޭގައިކަން އަދިވެސް ފޯނު އޮތީ އެނގުނީ ދެނެވެ. ނަމަވެސް އޭނާއަށް ހަރަކާތެއް ނުކުރެވުނެވެ. ތަދާއި ވޭނުން ކުކުރެމުންދިޔައީ އިޚްތިޔާރެއް ނެތިއެވެ. މަޑުމަޑުން ލޯ މައްޗަށް އަނދިރިވަމުން ދާކަން އެނގޭއިރު މީ އޭނާގެ އެންމެ ފަހުވަގުތުތޯ އަމިއްލަ ޟަމީރާ ސުވާލުކޮށްލެވުނެވެ.
ހޭ އެރި ވަގުތު އައިރިކްގެ ނޭފަތުގައި ފުރަތަމަ ވެސް ޖެހުނީ ހޮސްޕިޓަލް ތަކުގައި ހަރުލާފައި ހުންނަ ކެމިކަލްއާއި ބޭސް ވަހެވެ. އަނދިރިކަން ވެރިވެފައި އޮތް ގޮތުން އޭނާއަށް ހޭނުލެވެނީބާއޭ ހިތަށް އެރިއެވެ. ނަމަވެސް ލޮލުގައި އަޅާފައި އޮތް ބެންޑޭޖު ފާހަގަވިއެވެ. ބޮލާއި މުޅި ހަށިގަނޑުގައި ރިހުން ހުއްޓެވެ. މޫނުގައި ކަނާއަތް ޖައްސާލިއެވެ. ވައަތު ލޯ ބޮލާއެކު ވަނީ ބެންޑޭޖުކޮށްފައެވެ. އެހެންވީރު އަނެއް ލޮލަށް ނުފެންނަނީ ކީއްވެ ހެއްޔެވެ؟.
"ދަރިފުޅު... އައިތަން، އަވަހަށް ދޭ... ނަރުސް ކުއްޖަކަށް ގޮވާލަން ދޭ." އައިރިކްގެ ނުހަނު ގާތުން އިވުނީ އިސާކުގެ އަޑެވެ. ދެން އޭނާގެ ގައިގާ ބައްދާލީ މަންމަކަން އައިރިކްއަށް ޔަގީނެވެ. މަންމަގެ ރުއިމާއި ގިސްލުމުގެ އަޑުން އައިރިކް ފިނިވެ ގަނޑުވާ ގޮތް ވިއެވެ. އެހެންވިޔަސް އެންމެ ކަންބޮޑުވީ މަންމަ ނުފެންނާތީއެވެ. އެއްވެސް ތަނެއް ނުފެންނަނީއެވެ.
"މަންމާ... އަހަރެންނަކަށް ނުފެނޭ... އެއްވެސް އެއްޗެއް ނުފެނޭ. މުޅިތަން ކަޅު އަނދިރިގަނޑެއް ކަހަލަ. މަންމާ، ކީއްވެތަ އަހަންނަށް ނުފެންނަނީ." އައިރިކް ސުވާލުކުރާން ފެށިއެވެ.
ޚިޔާލުގެ ވާފަށް ބުރިކޮށްލުމާއެކު އައިރިކް މޫނުގައި ދެއަތުން ފިރުމާލިއެވެ. ފިނިނޭވާއަކުން މޭފުރާލުމާއެކު އޭނާ އެނބުރުނީ ކޮޓަރިއާ ދިމާއަށެވެ. ހިތުގައި އޮތީ އެންމެ އަޒުމެކެވެ. އޭނާގެ މާޔާއަކީ އޭނާގެ ހައްޤެއް ކަމެވެ. ދެވަނަ ފަހަރަށް ވެސް މާޔާގެ ހިތަށް ލޯބިވާން އައިރިކް ދަސްކޮށްދޭނެކަމެވެ.
* * * * *
ރަޒާގެ ޢާއިލާގެ އެންމެ ހަގު ކުއްޖާގެ ޖަނާޒާގެ ކަންކަން ހަމަޖެހުމުން މަޒްހަރާއެކު އާމާލް ގެއަށް އައެވެ. ފަތިސް ނަމާދުގެ ފަހުން ވަޅުލަން ހަމަޖެހިފައި އޮތުމުން ފަތިހު ދާން ނިންމައިގެންނެވެ. ގެއަށް ވަންއިރު ސިޓިންރޫމު ސޯފާގައި އެމީހުން އަންނަންދެން އިވާން އިނެވެ. މާޔަލް ގަޔާނުވިޔަސް އެކަން ހިތުގައި ފަރުދާކުރެވިފައި ވިއެވެ. މަލަކްއާއި އިވާން ތިބީ ފިލްމެއް ބަލާށެވެ. އެންމެންގެ ތެރޭގައި އިނދެ ވެސް މާޔަލްގެ ޚިޔާލުގައި ކުރެހިފައިވީ އައިރިކްގެ ސޫރައެވެ. އެ ޒުވާނާއާ އޮތް ގުޅުމާ މެދު އޭނާއަށް ވިސްނެނީއެވެ. އައިރިކް ކަމުދާން ފަށައިފިކަން އޭނާ އެއްބަސްވާން ބޭނުންނުވަނީއެވެ. އޭނާގެ ހިތް ބުނާން އުޅޭ ކޮންމެ ފަހަރަކު އެކަމަށް ހުރަސް އަޅަނީ ޚުދު މާޔަލްއެވެ. ބިރުގަންނީއެވެ. ދިރިއުޅުމަށް އަންނާނޭ ބަދަލާމެދުއެވެ. އެ ނިންމުމާމެދުއެވެ. ރަނގަޅު ނިންމުމަކަށް ނުވެދާނޭތީއެވެ. އެހެންވިޔަސް ފުރަތަމަ ކަމަކަށް މާޔަލް ބޭނުންވަނީ އެކްސިޑެންޓްގެ ހަޤީޤަތް ހޯދާށެވެ. އައިރިކްއާ އެކްސިޑެންޓްވީ ސަބަބެވެ. އިވާން އެރޭ ހުރި ތަނެކެވެ. މާޔަލްއަށް ކަމެއް އިވާން ސިއްރު ކުރަނީ ނޫންބާއެވެ. ކާރުގައި މާޔަލް ދަތުރު ކުރުމަކީ އާންމުކަމެކެވެ. އޭނާ ދުއްވަނީ ނުހަނު ބަލައިގެންނެވެ. ވީއިރު އެރޭ ކާރުގެ ހަމަގެއްލިގެން ދިޔައީ ކިހިނެއްބާއެވެ. އެއީ ވެސް މާޔަލް އެނގެން ބޭނުންވާ ކަމެކެވެ. ކައިރީގައި އުޅޭ އެންމެންނަށް އިތުބާރު ކުރެވިދާނެކަމާމެދު މިހާރު މާޔަލްއަށް ޝައްކެވެ. ޔަގީނުން ވެސް އޭނާއަށް އޮޅުވާނުލާނޭ އެކަކު އެބަހުރިކަން އެނގެއެވެ. އެއީ އައިތަންއެވެ. އޭނާ މާޔަލްއާ ކުރިމަތި ނުލިނަމަ މިއިން އެއްވެސް ސުވާލެއް އުފައްދާނޭ ފުރުޞަތެއް ނުލިބުނީހެވެ. ހަޤީޤަތް ނޭނގޭ ކަންތައް ގަނޑެއް އުޅޭކަމުގެ ހިލަން ވެސް ނުވީހެވެ. އިވާންއާ ކައިވެނި ކުރުމުގެ ކުރީން ހުރިހާ ސުވާލެއް ޖަވާބު މާޔަލް ހޯދަން ޖެހޭނެކަން ޤަބޫލުކުރެއެވެ. ކެނޑައެޅި ތިން މަހުގެ މުއްދަތު ހަމަވާން ދޮޅުމަހެއްހާ ދުވަހަށް ވީއިރު މާޔަލްއަށް ދެން މިފަދަ ފުރުޞަތެއް ނުލިބޭނެއޭ ހީވަނީއެވެ. އެހެންވީމަ ވަގުތު ބޭކާރު ކުރެވޭކަށް އޭނާއަށް ނެތެވެ.
ޖެހިގެން އައި ހުކުރު ދުވަހެވެ. މާޔަލްއަށް ޗުއްޓީ ދުވަހެކެވެ. އޭނާ އިވާންގެ ކޮއްކޮ، އައިމީއަށް ގުޅިއެވެ. ދެ އަންހެން ކުދީން އެކުގައި ނުކުމެނުލާތާ ގިނަ ދުވަސް ވެފައިވާކަން މާޔަލް ފާހަގަކުރިއެވެ. އަދި އޭނާގެ ދަޢުވަތެއް ކަމުގައި ބުނެ ހަވީރު ބޭރަށް ނުކުމެލާން މާޔަލް އެދުނެވެ. އައިމީގެ ފަރާތުން އެ ޚިޔާލަށް ހޫނު ތަރުޙީބެއް ލިބުނެވެ. އެކުއްޖާ ހުރީ މާޔަލް ނުބުނެގެން ކަހަލައެވެ. މާޔަލްއާއެކު ދާން އެގޭ ދޮށަށް އޭނާ އަންނާނޭކަން ބުނީ ނިކަން ޖޯޝާއެކީއެވެ.
އަސުރު ނަމާދުން ފޭބި ވަގުތު މާޔަލްގެ ފޯނު ރިންގުވާން ފެށިއެވެ. އައިމީ ތައްޔާރުވަމުން ގުޅީއޭ މާޔަލް ހީކުރިއެވެ. ރީތިވާ މޭޒުގެ ގޮނޑި މައްޗަށް އޮޅާލާފައި އޮތް މުސައްލަ ލާފައި މާޔަލް ހަލުވިކޮށް އައިސް އެނދުމަތިން ފޯނު ނެގިއެވެ. ހަރަކާތްތައް މަޑުޖެހި ފޯނުގެ އިސްކުރީނަށް ބަލަން މާޔަލް ހުއްޓެވެ. އައިރިކްގެ ކޯލެކެވެ.
"ހެލޯ." މާޔަލް މަޑުމަޑުން ބުންޏެވެ.
އައިރިކްއާ ވާހަކަދައްކާހިތް ވާއިރު އޭނާގެ ކޯލުތަކަށް ބީރުކަންފަތެއް ދީގެން ހުރުމުގެ މާނައެއް ނެތްކަމުގައި މާޔަލް ދުށްޓެވެ. ހިތުގެ މިސްރާބު މިހާރު އެނގެއެވެ. ލަގަން ދޫކޮށްލީ އެ އިޙްސާސްތަކުގެ މައްޗަށެވެ. މަންޒިލަށް ވާސިލުވިޔަސް ނުވިޔަސް ހެޔޮ ކަމަށެވެ. ޔަގީނުން ވެސް ކޮންމެވެސް ހިސާބަކުން އޭނާ ގޮތެއް ނިންމަން ޖެހޭނެކަން އެނގެއެވެ. ހަޔާތަށް އެޅިފައިވި ދެ ހިޔަނިން ކުރެ އެކަކު ޚިޔާރު ކުރާން ޖެހޭ ވަގުތު އަންނާނެއެވެ. އެ ދެ މީހުން ވެސް އޭނާދެކެ ލޯބިވާކަމަށް ދައުވާ ކުރެއެވެ. ހިތުގެ ރާގު އެނގޭ އިރުވެސް މާޔަލްގެ ހިތްހަމަޖެހުން ގުޅިފައިވަނީ އެތަނުން ކާކާކަމެއް ނިންމަން ޚުދު އޭނާއަށް މާ އަވަހީއެވެ. އެހެންވިޔަސް މާޔަލް ބޭނުމީ އެ ވަގުތު ޖެހެންދެން އޭނާގެ ހިތް އޮޔާދާން ދޫކޮށްލާށެވެ. އައިރިކްއާއެކު ހޭދަކުރާ ވަގުތުތަކުން ލިބޭ ހިތްހަމަޖެހުމުގެ އިޙްސާސްގައި ދުވަސްކޮޅަކު އުޅޭށެވެ. އަދި އެ ދުވަސްތަކުގައި އިވާންއާއެކު ހަމަޖެހިފައި އޮތް ކައިވެނީގެ މަތިން ހަނދާންނައްތާލާށެވެ. ހަމަ ކުޑަކުޑަ ދުވަސްކޮޅަކަށެވެ. ވިސްނާނީ އޭގެ ފަހުގައެވެ. ގޮތެއް ނިންމަންވީ ވަގުތު ޖެހުނީމައެވެ.
"މިއުޅެނީ ފްރެންޑަކާ އެކީ ބޭރަށް ނުކުމެލަން. އެ ނޫނީ ނެތް ކަމެއް." އައިރިކް ދެއްކި ވާހަކައަށް މާޔަލް ބުނެލިއެވެ.
"އަހަރެން ތިކޮޅަށް ގޮސްފިއްޔާ ބައްދަލުވެދާނެތަ." އައިރިކް އަހާލިއެވެ.
"ކޮންއިރަކު." މާޔަލް އަހާލިއެވެ.
"މިރޭ. ނުވައެއް ޖަހާކަންހާއިރު." އައިރިކް ބުންޏެވެ.
"އެންމެ ރަނގަޅު." މަޑުކޮށްލުމަށްފަހު މާޔަލް ޖަވާބު ދިނެވެ.
އައިރިކް މާ ގިނަ ވާހަކަތަކެއް ނުދެއްކިއެވެ. ފޯނުކޯލު ނިންމާލައިފަ ފޯނަށް ބަލަން މާޔަލްއަށް އެނދުގައި އިނދެވުނެވެ. އޭނާގެ ހަނދާނަށް އައީ އައިރިކްއަށް ގުޅާފައި އަންނާށޭ ބުނި ރެއެވެ. ވެހެމުންދިޔަ ވާރޭއަށް ބެލުމެއްނެތި އިތުރު ސުވާލެއް ވެސް ނުކޮށް އައިރިކް އައެވެ. މާޔަލްގެ އެންމެ ބުނެލުމަކުންނެވެ. އެރޭ އައިރިކް ގާތު އަންނާށޭ ބުނެވުނީ އެއީ އޭނާގެ ހިތުގެ ގޮވާލުމަކަށްވީމައެވެ. އެކަން އެނގި ހުރެ ވެސް އެއްބަސްވާން ބޭނުންނުވީއެވެ. ހަމައެއާއެކު އެރޭ ކާރުތެރޭ މާޔަލް އިނީ ހާސްވެ ޖެހިލުންވުމުގެ އިތުރުން ވާހަކަދައްކަން ވެސް އުނދަގޫވެފައެވެ. ޑްރައިވަރު ހަބީބުގެ ކުރިމަތީ އައިރިކް ޖެހިލުމެއްނެތި ވާހަކަދެއްކި ނަމަވެސް މާޔަލްއަށް ވާހަކަދައްކަން ފަސޭހަނުވީއެވެ. މިރޭ ވެސް ވާނީ އެހެންބާއޭ މާޔަލް ހިތަށް އަރަމުންދިޔައެވެ.
ހަވީރު ހަތަރެއް ޖެހިއިރު މާޔަލް އިނީ ތައްޔާރުވެގެން ނުކުމެ ސިޓިންރޫމު ސޯފާގައެވެ. އޭނާގެ ކައިރީ މަންމަ އިނީ ފޯނުގައެވެ. މައިރާއަށް ގުޅައިގެންނެވެ. ރަޒާގެ ޢާއިލާގެ ހާލު އޮޅުންފިލުވާށެވެ. އާމާލް މެންދުރަށް ކެއްކީ އެ ޢާއިލާއާއެކީއެވެ. ތަށިބަރިތައް ހިފައިގެން އެގޭ ދޮށަށް މެންދުރު ދިޔައީ ވެސް އާމާލްއާއި މަޒްހަރާ ވެގެންނެވެ. މާޔަލް ވެސް ދޮންތިއާ މެސެޖުން ވާހަކަދެއްކިއެވެ. ގޭތެރޭގެ ހާލަތު އޮޅުންފިލުވިއެވެ.
"ރަޒާބެ މަންމަ އައީތަ؟." އާމާލް ފޯނުކޯލު ނިންމާލުމާއެކު މާޔަލް އަހާލިއެވެ.
"ނާދޭ، ޚަބަރެއް ވެސް ނުވޭ. އެ ވާހަކަ އަހަރެމެން ނުދެއްކިޔާ ރަނގަޅުވާނީ. ކޮބާތަ އައީމީ. އެކުއްޖާއަށް އަދިވެސް ތައްޔާރު ނުވެވެނީތަ؟." އާމާލް ވާހަކަ ބަދަލުކޮށްލިއެވެ. މީހުންގެ ނުބައި ވާހަކަ ދަރީންގެ ކައިރީ ދައްކަން އާމާލް ބޭނުންނުވީއެވެ.
"މިއަންނަނީއޭ ބުނިފަހުން ބައިގަޑިއިރު ވެއްޖެ. ފަހެއް ނުޖަހަނީސް މިހިސާބަށް ލައްވާލައިފިއްޔާ ރަނގަޅު." ހިނިއައިސްފަ އިނދެ މާޔަލް ބުންޏެވެ.
"މާދަމާ މީ މައްޔު ދައްކަން ދާން އޮތް ދުވަސް. އެކަން ހަނދާންނައްތާ ނުލައްޗޭ." އާމާލް ހަނދާންކޮށްދިނެވެ.
"ބޭސްތައް ކާން ނުޖެހޭނަމަ." މާޔަލްއަށް ބުނެވުނެވެ.
"އަލްޙަމްދުލިއްﷲ، ބޭސް ކާތީ އަވަހަށް ފަސޭހަ އެވަނީ. ނޭފަތުން ލޭ އައުން ވެސް ހުއްޓިއްޖެއެއްނު. އެކަމާ ވެސް ކިހާ އުނދަގޫވާތީ ދަރިފުޅު އުޅުނީ." އާމާލް ފާހަގަކުރިއެވެ. އޭނާގެ ވާހަކައަށް އެއްޗެއް ބުނަން މާޔަލް އުޅުނެވެ. ނަމަވެސް ގޭގެ ބެލް އަޅާލި އަޑު އިވުނީ އެވަގުތެވެ. އެއާއެކު މާޔަލް ސޯފާއިން ތެދުވެއްޖެއެވެ. ހަލުވިކޮށް ދޮރު ހުޅުވަން އައީ އެ އައީ އައިމީއޭ ކިޔަމުންނެވެ.
"ހޭ ބިއުޓިފުލް." ހުޅުވާލި ދޮރުގެ ކުރިމަތީ ހުރީ އައިމީއެވެ. އޭނާ މާޔަލްގެ ގައިގާ ބައްދާލިއެވެ.
"އިވާން..." އައިމީއާއެކު ހުރި އިވާން ފެނުމުން މާޔަލް ސުވާލު އުފެދުނެވެ.
"ދޮންބެ ފަހަތުން އަޅުވާލައިގެން އެއައީ. މައްޔު ކައިރިއަށް އަންނަނީކަން އެނގިގެން." އައިމީ ބުންޏެވެ.
"ހާއި." އިވާން ނިކަން ފުޅާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ޖީންސުގެ ޖީބަށް ދެ އަތް ކޮށްޕާލައިގެން އިވާން ހުރެފައި ކަނާއަތް ނަގައި މާޔަލްގެ ކޯތާފަތާއި ދަތްދޮޅިއާ ހިސާބުގައި ފިރުމާލިއެވެ. ވަގުތުން އިވާންގެ އަތްތިލައިގަ މާޔަލްއަށް ހިފާލެވުނެވެ. އެ ބީހިލުމާ ގަޔާނުވެވުނީއެވެ. އެހެންވިޔަސް އައިމީގެ ކުރިމަތީ އެ ޝުޢޫރުތައް ފާޅުވިޔަ ނުދީ ފަރުދާކުރިއެވެ.
"އާ ދެވިއްޖެ ދޯ ދަރިއާ... އިވާން ވެސް އެބަހުރިތަ." މާޔަލްގެ ފަހަތުން އާމާލްގެ އަޑު އިވުނެވެ.
"ދޮންބެ އެ ހުންނަނީ މެރީ ނުކުރެވިފަ. މިގެއިން މައްޔު ގެންދަން ކެތްމަދުވެފަ. ދޯ ދޮންބޭ." ގޭތެރެއަށް ވަން އައިމީ ބުނެލިއެވެ. އޭނާގެ ގަސްދަކީ ބޭބެއާ ދިމާކޮށްލުމެވެ. އާމާލް ހޭންފެށިއެވެ.
"ކޮންތާކަށް ދަނީ." މާޔަލްގެ ގާތަށް ޖެހިލައި އިވާން އަހާލިއެވެ.
"އަދި ނޭނގެ. ހިނގާލަން ނުކުންނަނީ. ނުކުމެފަ އެނގޭނީ." މާޔަލް ބުންޏެވެ.
"އަހަރެންނާއެކީ ބޭރަށް ދާނީ ކޮންއިރަކުން." އިވާން އަހާލިއެވެ. މަޑުމަޑުން މާޔަލްގެ އަތްތިލައިން ފެށިގެން މުލައްދަނޑިއާ ހަމައަށް އިވާންގެ އިނގިލިތަކުގެ ނުފުށުން ފިރުމާލިއެވެ.
މާޔަލްގެ ޚިޔާރު ކުރީ ހިމޭންކަމެވެ. އިވާން އެ އުޅޭ ގޮތް އޭނާއަށް އެއްގޮތަކަށް ވެސް ކަމަކު ނުދެއެވެ. އައިމީއަކީ އޭނާގެ ކޮއްކޮކަން އެނގުމުގެ މާކުރީން އެއީ މާޔަލްގެ ނުހަނު ގާތް ރަޙުމަތްތެރިއެކެވެ. އެ ދެމެދުގައި ހިނގާ ހުރިހާކަމެއް އިވާން ބަލާކަށް ނުޖެހޭނެއެވެ. އަދި އޭނާއަށް އެނގޭކަށް ވެސް ނުޖެހެއެވެ.
"އައިމީ... ނުކުންނަމާ." މާޔަލް ބުންޏެވެ. އެއާއެކު އާމާލްއާ ވާހަކަދައްކަން ހުރި އައިމީ ބަލާލާފައި ބޯޖަހާލިއެވެ.
ދެ އަންހެން ކުދީން މަގުމައްޗަށް ނުކުމެ ހިނގައިގަތެވެ. އިމާރާތުގެ ކުރިމަތީ މަގުގެ އަނެއްފަރާތުގައި ޕާކުކޮށްފައި ހުރި ސައިކަލު ކައިރީ އިވާން މަޑުކޮށްލައިގެން ހުއްޓެވެ. މާޔަލް ހިނގައިގަތީ އިވާންއަށް ބަލާލުމެއް ނެތިއެވެ. އެމީހުންނަށް ފާރަލަމުން އިވާން އަތުވެދާނެބާއޭ މާޔަލްގެ ހިތުގައި ސުވާލު އުފެދުނެވެ. އެއީ ކުރީން އިވާންއާ މެދު އޭނާއަށް ކުރެވުނު ހީއެއް ނޫނެވެ. އެފަދަ ކަމެއް އިވާން ކުރާނޭ ކުރީން ހިތަށް ވެސް ނާރައެވެ.
"ބީޗް ކައިރިއަށް ދަމާ." އައިމީ ޚިޔާލު ފާޅުކުރިއެވެ. މާޔަލް ބޯޖަހާލީއެވެ.
އެކިއެކި ވާހަކައިގަ ތިބެ އައިމީއާއެކު މާޔަލް އެރީ އަތިރިމަތީގައި ހުރި ކެފޭއަކަށެވެ. އޯޑަރު ދީފައި ދެ ކުދީން ހަމަޖެހިލިއެވެ. މޭޒުމަތީ އޮތް އައިމީގެ ވައަތްތިލައިގަ މާޔަލް ހިފާލިއެވެ. އެހިނދު އައިމީގެ ނަޒަރު މާޔަލްއާ އަމާޒުކޮށްލައިގެން އިނެވެ. ސީރިއަސް ބެލުމަކުންނެވެ.
"އައިމީ. އަހަރެން މިވާހަކަ ދައްކަން ބޭނުންވެފަ ހުންނަތާ ވަރަށް ދުވަސްވެއްޖެ. އެކަމަކު މިހާރު... މިހާރު ހިތަށް އަރަނީ އަހަންނަށް އައިމީއަށް ޓްރަސްޓް ކުރެވިދާނެބާއޭ. ކޮންމެގޮތެއް ވިޔަސް ތީ އިވާންގެ ކޮއްކޮ. އޭނާއަށް އެނގޭކަށް އަހަރެން ބޭނުމެއްނޫން. އެއްވެސް މީހަކަށް އެނގޭކަށް ބޭނުމެއްނޫން." މާޔަލް ވާހަކަދެއްކިއެވެ.
"ޔޫ ކެން ޓްރަސްޓް މީ. ދޮންބެއަށް މައްޔު ފެނުނީ މާފަހުން. އޭގެ މާނައަކީ އެ ހިސާބުން އަހަރެމެންގެ ރަޙުމަތްތެރިކަމަށް ނިމުން އައީ އޭތަ؟. އެހެންވެތަ މައްޔު އަހަންނަށް ނުގުޅަނީ. އަހަންނަށް ޓްރަސްޓް ނުކުރެވޭތީތަ؟." އައިމީގެ މޫނުން ހައިރާންކަން ފާޅުވޭވޭ ހުއްޓެވެ. މާޔަލް އޭނާއަށް އިތުބާރުނުކޮށްފާނޭ އައިމީ ހިތަކަށް ނާރައެވެ. އެ ވާހަކަތަކުން އޭނާ ދެރަވެސް ވެއްޖެއެވެ.
"އެހެނެއްނޫން. އަހަރެމެންގެ ދެމެދުގައި ދައްކާ ހުރިހާ ވާހަކައެއް އިވާންއާ ހަމައަށް ދާން ބޭނުންނުވަނީ. މި އެކުވެރިކަމުގެ މެދަށް އިވާން ވަންނާކަށް އަހަރެން ނޭދެން. އައިމީ ބުނެބަލަ. އޭނާއަށް ސިއްރު ކުރެވިދާނެތަ. އަހަރެން ކޮންމެފަދަ ވާހަކައެއް ދެއްކި ނަމަވެސް އިވާންގެ ކޮއްކޮގެ ބަދަލުގައި އަހަރެންގެ އެކުވެރިޔާގެ ގޮތުގައި އައިމީއަށް ހުރެވިދާނެތަ؟. އަހަރެން ދައްކާ ވާހަކައަކީ އަޑުއަހަން އުނދަގޫ ވާހަކައެއްކަމުގައި ވިޔަސް." ފުން ބެލުމަކުން އެކުވެރިޔާގެ ލޮލަށް މާޔަލް ބަލަން އިނދެ ބުންޏެވެ.
"ސިއްރުކުރާން ޖެހިއްޖެކަމެއް ސިއްރުކޮށްދޭނަން. ޔޫ ކޭން ޓްރަސްޓް މީ މައްޔު. އަހަރެން ވަރަށް ބިރުގަނޭ އެބަ. އެކަމަކު މައްޔުގެ ވާހަކަތައް އަހަރެން އަޑު އަހާނަން. ދޮންބެ ކައިރީ މިއިން އެއްވެސް ވާހަކައެއް ނުދައްކާނަން. ޕްރޮމިސް. މައްޔުގެ ކުރިމަތީ މިވަގުތު މިއިނީ ސްކޫލު ދުވަސްވަރުން ދަންނަ އެކުވެރިޔާ. އެންމެ އެއްކޮށް ހުރިހާކަމެއް ޝެއާކޮށް އުޅުނު އެކުވެރިޔާ. ސޯ ޑޯންޓް ވޮރީ. ޔޫ ކޭން ޓްރަސްޓް މީ." އައިމީ ބުންޏެވެ. (ނުނިމޭ)