ނޭޕާލުގެ ކަތުމަންޑޫގައި މިހާރު ކުރިއަށްދާ ހަ ވަނަ ވިމެންސް ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިއަދު ޕާކިސްތާނާ ވާދަކުރި މެޗުން ވެސް ރާއްޖޭގެ ގައުމީ އަންހެން ޓީމު ބަލިވެއްޖެ އެވެ.
ކަތުމަންޑޫގެ ދަސްރަތު ސްޓޭޑިއަމްގައި މިއަދު މެންދުރު ފަހު ކުޅުނު މެޗުން ގައުމީ އަންހެން ޓީމު ބަލިވީ 0-7 އިންނެވެ. ގްރޫޕް ސްޓޭޖުން ދިވެހި ޓީމު ކެޓީ ޕޮއިންޓެއް ނުލިބި އިދިކޮޅަށް ގޯލެއް ވެސް ނުޖެހި އެވެ.
ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން އަންހެން ޓީމު ބަލިވީ 0-3 އިންނެވެ. ދެ ވަނަ މެޗުގައި އިންޑިއާ އިން ވަނީ 0-9 އިން ރާއްޖެ ބަލިކޮށްފަ އެވެ. މިއަދުގެ މެޗަށް ނުކުތްއިރު ޕާކިސްތާނާއި ރާއްޖެ އަށް އޮތީ ސެމީ ފައިނަލުގެ ފުރުސަތު ގެއްލިފަ އެވެ. މެޗަށް ދެޓީމު ވެސް ނުކުތީ ޕޮއިންޓެއް ހޯދައިގެން މުބާރާތް ނިންމާލުމަށެވެ.
މިއަދުގެ މެޗުގައި ޕާކިސްތާނުގެ ނާދިއާ ޚާން ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. އެޓީމުގެ އަނެއް ތިން ލަނޑު ޖެހީ އަންމޯލް ހީރާ އާއި ޖެމީ ރަމީން ފަރީދު އަދި ހަދީޖާ ކަޒްމީ އެވެ. ކަޒްމީ ގޯލު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.
ރާއްޖެ ހިމެނޭ ގްރޫޕުގެ އެއް ވަނަ ހޯދީ ބަންގްލަދޭޝް އެވެ. ނުވަ ޕޮއިންޓާ އެކު އެޓީމުން އެއް ވަނަ ކަށަވަރުކުރީ މިއަދު އިންޑިއާ 0-3 އިން ބަލިކޮށްގެންނެވެ. ދެ ވަނަ އަށް ދިޔަ އިންޑިއާ އަށް ލިބުނީ ހަ ޕޮއިންޓެވެ.
ތިން ޓީމު ހިމެނޭ އަނެއް ގްރޫޕުގެ އެއް ވަނަ ހަ ޕޮއިންޓާ އެކު ހޯދީ ނޭޕާލް އެވެ. ދެ ވަނަ އަށް ދިޔަ ބޫޓާނަށް ތިން ޕޮއިންޓް ލިބުނުއިރު ފުލަށް ދިޔަ ސްރީ ލަންކާ ވަނީ ގްރޫޕް ސްޓޭޖުގެ ދެ މެޗުން ވެސް ބަލިވެފަ އެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ދެ ވަނަ ސެމީގައި ވާދަކުރާނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާ އާއި ނޭޕާލް އެވެ. ސެމީގެ ދެ މެޗު ވެސް ކުޅޭނީ އަންނަ ހުކުރު ދުވަހު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.