ބޮލީވުޑް

ސަލްމާން ހޯސްޓްކުރާ "ބިގް ބޮސް 16"ގައި އެއްވެސް ގަވާއިދެއް ނެތް

ކަލާޒް ޗެނަލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ 16 ވަނަ ސީޒަން ފަށަން މިހާރު ވަނީ ތައްޔާރުވެފަ އެވެ.

ސަލްމާން ޚާން ހޯސްޓްކުރާ މި ޝޯގެ ޕްރޮމޯ މިހާރު ވަނީ ދައްކަން ފަށާފަ އެވެ.

މި ޕްރޮމޯގައި ސަލްމާން ބުނާ ގޮތުގައި މިފަހަރުގެ ސީޒަނުގައި ބައިވެރިވެ ބިގް ބޮސްގެ ގެއަށް ވަންނަ ބައިވެރިންނަށް އަމަލުކުރަން ޖެހޭ އެއްވެސް ގަވާއިދެއް ނޯންނާނެ އެވެ. މާނައަކީ އެމީހަކު ހިތަށް އެރި ގޮތަށް އުޅުމުގެ ފުރުސަތު ލިބުމެވެ.

ކަލާޒްގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުގައި ޕޯސްޓްކޮށްފައިވާ މި ޕްރޮމޯގައި ބުނާ ގޮތުގައި މިއީ އެއްވެސް ގަވާއިދެއް ހަމައެއް ލަމައެއް ނެތި ކުރިއަށް ދާނެ ޝޯ އެކެވެ. ޚުދް ސަލްމާން ވެސް ބުނީ ހަމަ މިކަހަލަ ވާހަކަ ތަކެކެވެ.

މި ހިނގާ ސެޕްޓެމްބަރު މަހުގެ މެދެއްހާ ހިސާބުގައި ލޯންޗުކުރަން ހަމަޖެހިފައިވާ "ބިގް ބޮސް 16"ގައި ބައިވެރިވާ މީހުންގެ ތެރެއިން ސްޓޭންޑްއަޕް ކޮމޭޑިއަން މުނައްވަރު ފާރޫގީ، ޕަންޖާބު ފިލްމީ ތަރި ކަނިކާ މަން އަދި މަޝްހޫރު ޓިކްޓޮކް ތަރި ފައިސޫ ޝައިޚް އަކީ ޔަގީންވާ ނަން ތަކެވެ.

"ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ"އިން މަޝްހޫރުވި ޓީވީ ބަތަލާ މުންމުމް ދައްތާ އާއި އިންޓަނެޓް ސެންސޭޝަން ޕޫނަމް ޕާންޑޭ ވެސް ޝޯގައި ބައިވެރިވާ ކަމަށް މި ޚަބަރުގައި ބުނެފައިވެ އެވެ.

މިފަހަރުގެ ސީޒަންގައި ސަލްމާނާއެކު ހޯސްޓްކުރުމުގައި ޝެހެނާޒް ގިލް ވެސް ބައިވެރިވާ ކަމަށް ވެއެވެ. ނަމަވެސް މިކަން އަދި އެއްވެސް ފަރާތަކުން ޔަގީން ކޮށެއް ނުދެ އެވެ.