މީރާ

ޖީއެސްޓީ، ގްރީން ޓެކްސް އަދި ވިތުހޯލްޑިން ޓެކްސް ނުދައްކާ މީހުންގެ ނަން ހާމަކުރަނީ

Sep 14, 2022

ޓެކްސް ފައިސާ އަދި ބަޔާން ހުށަނާޅާ މީހުންގެ ނަން ހާމަކުރާ އުސޫލުގެ ދަށުން، މިދިޔަ އަހަރުގެ ނިޔަލަށް ހިނގާފައިވާ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ ޖީއެސްޓީ، ގްރީން ޓެކްސް އަދި ވިތުހޯލްޑިން ޓެކްސް ބަޔާން ހުށަނާޅާ މީހުންނާއި ފައިސާ ނުދައްކާ މީހުންގެ ނަން ހާމަކުރަން މީރާއިން ނިންމައިފި އެވެ.

މީރާ އިން ބުނީ މި މީހުންގެ ނަން މިމަހު ހާމަކުރާނެ ކަމަށެވެ.

ޓެކުހާއި ޓެކުހަށް ނުވާ އެހެނިހެން ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރަން ނިންމާފައިވަނީ އަހަރުގެ އެކި މަސް މަހުގަ އެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަނާޅާ އަދި އިންކަމް ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން އަންނަ އޮކްޓޯބަރު މަހުގައި ހާމަކުރާނެ ކަމަށްވެސް މީރައިން ބުނެ އެވެ.

މީރާއިން ބުނީ ދައުލަތަށް ދައްކަންޖެހޭ އެކަމަކު ނުދައްކަ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް ވެސް މިހާރު އަޅަން ފަށައިފައިވާ ކަމަށެވެ.

އަދި މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ މީހުން އެ ބަޔާންތައް ހުށަހެޅުމަށާއި، ޓެކްސް ނުދައްކާ މީހުން ލަސްނުކޮށް، ޓެކްސް ދެއްކުމަށް ނުވަތަ މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.