ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގައި އާންމުންގެ ހިޔާލު ހޯދަން ޖެހޭނެ ކަމަށް އިދިކޮޅު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ސައީދު މިއަދު ވިދާޅުވީ މެންބަރުންގެ އަދަދަށް ބަދަލު ގެނައުމަކީ މެންބަރުންގެ ހައްގެއް ނޫން ކަމަށެވެ.
ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް އާންމު ވޯޓެއް ނަގަންވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަންވެސް ސައީދު ވަނީ ފާހަގަކުރައްވާފަ އެވެ.
މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ.
މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިދިކޮޅު މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވީ ގާސިމް އިބްރާހީމްގެ އިހުލާސްތެރިކަމެއް ހުރިނަމަ އެ ބިލު ހުށަހަޅުއްވާނީ ކޯލިޝަންގެ މަޝްވަރާއާ އެކު ކަމަށެވެ.
ގާސިމް އިބްރާހީމް ހުށަހެޅުއްވި އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 ކަމަށް ކަނޑައެޅުމަށެވެ. ގާނޫނުއަސާސީގެ ޖަދުވަލު ދޭއްގައި ހިމެނޭ އިދާރީ ދާއިރާތަކުގެ ތެރޭގައި 87 އިންތިހާބީ ދާއިރާ ކަނޑައެޅުމަށްފަހު އެއިން ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް މެންބަރު އިންތިހާބު ކުރުމަށް ގާސިމް އިބްރާހީމް ވަނީ އިސްލާހު ހުށަހަޅުއްވާފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ 2008 ވަނަ އަހަރުގެ ފަހުން މިހާތަނަށް ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކުގައި މެންބަރުންގެ އަދަދު އިތުރުވަމުން ގޮސްފައިވާ ކަމަށެވެ. އެގޮތުން 2009 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 77 ކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ 2014 ވަނަ އަހަރު އެ އަދަދު 85 އިތުރުވެ، މިހާރު އެ އަދަދު 87 އަށް އިތުރުވެފައިވާ ކަމަށެވެ.
"އާބަދީ އިތުރުވަމުން އަންނަ ނިސްބަތުން އެ އަދަދު އަންނަނީ ހުއްޓުމެއްނެތި އިތުރުވަމުން. މިއީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް،" މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާފައިވާ ގާސިމް ވިދާޅުވި އެވެ.
ސަރުކާރު ހިންގާ މައި ޕާޓީ އާއި ކޯލިޝަން ޕާޓްނަރުންނާއި އިދިކޮޅު މެންބަރުންވެސް އިސްލާހަށް ތާއީދުކުރެއްވުމަށް ގާސިމް އިބްރާހީމް އެދިވަޑައިގެންނެވި އެެވެ.
ގާނޫނު އަސާސީގައި މިހާރު ބަޔާންކޮށްފައިވާ ގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް މެންބަރަކު އިންތިހާބު ކުރަންޖެހެ އެވެ. އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީ 5000 އިތުރުވާ ނަމަ، އާބާދީގެ ފުރަތަމަ 5000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5000 މީހަކަށް މެންބަރެއް އިންތިހާބު ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.