ފީފާގެ ބައިނަލްއަގްވާމީ ތާރީހާ ދިމާކޮށް ގައުމީ ފުޓްބޯޅަ ޓީމު މި މަހު ކުޅޭ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން މިއަދު ކްލަބް އޭދަފުއްޓާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެފި އެވެ.
އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ގައުމީ ފުޓްބޯޅަ ޓީމު މޮޅުވީ 3-0 އިންނެވެ.
އެކުވެރިކަމުގެ މެޗެއް ކުޅުމަށް ގައުމީ ޓީމު އޭދަފުއްޓަށް ދިޔައީ މިއަދު އެވެ. އެ މެޗަށް ފަހު ޓީމު މާދަމާ މާލެ އައުމަށް ހަމަޖެހިފައިވެ އެވެ. އަދި ހަފްތާ ބަންދުގައި އެކުވެރިކަމުގެ މެޗުތަކަށް ބްރޫނާއީ އަށް ފުރާނެ އެވެ.
އޭދަފުއްޓަށް ދިޔަ ގައުމީ ޓީމުގައި މިވަގުތު ޓީމާ އެކު ޕްރެކްޓިސްކުރާ ކުޅުންތެރިން ހިމެނެއެވެ. މީގެ އިތުރުން އޭދަފުށްޓަށް ނިސްބަތްވާ ހަތަރު ކުޅުންތެރިން ވެސް ޓީމާ އެކު އެރަށަށް ދިޔަ އެވެ. ގައުމީ ސްކޮޑުގައި ހިމެނޭ އޭދަފުށީގެ ކުޅުންތެރިންނަކީ އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުހައްމަދު (ހަމްޕު)، ހައިޝަމް ހަސަންގެ އިތުރުން ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ. މިއީ ނިޝާމް ގައުމީ ސްކޮޑުގައި ހިމެނުނު ފުރަތަމަ ފަހަރެވެ. އަނިޔާގެ ސަބަބުން ސެންޓޭ މިއަދުގެ މެޗުގައި ނުކުޅެ އެވެ.
މެޗުގެ ތިން ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ގޯލަކީ އޭދަފުށީގެ ޑިފެންޑަރު ހުސައިން ޝަރީފް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެވަނަ ލަނޑު އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) ޖެހިއިރު ފަހު ލަނޑު ޖެހީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.
މެޗުގެ ދެ ވަނަ ހާފުގައި އޭދަފުށީގެ ޓީމުން އިސްކަން ދިނީ ޑިފެންސަށެވެ. މެޗުގައި ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ކޯޗު ވަނީ ކުޅުމުގެ ފުރުސަތު ދީފަ އެވެ. ދެވަނަ ހާފުގައި ގޯލެއް ނުޖެހުނު ނަމަވެސް ބޯޅަ ހިފަހައްޓައިގެން މެޗުގެ ކޮންޓްރޯލް ހޯދީ ގައުމީ ޓީމުންނެވެ.
ފީފާ ރޭންކިންގައި ގުނާ އެކުވެރިކަމުގެ ދެ މެޗުގައި ރާއްޖެ ވާދަކުރާނީ ބްރޫނާއީ އާއި ލާއޯސްއާ އެވެ. މި ދެމެޗު ވެސް ކުޅޭނީ ބްރޫނާއީގަ އެވެ. މި ދެގައުމަކީ ވެސް ފީފާ ރޭންކިންގައި ރާއްޖެ އަށް ވުރެ ފަހަތުގައި އޮތް ދެ ގައުމެވެ. ރާއްޖެ 156 ވަނައިގައި އޮތްއިރު ލާއޯސް އޮތީ 183 ވަނައިގަ އެވެ. ބްރޫނާއީ އޮތީ 190 ވަނައިގަ އެވެ.
ރާއްޖޭން އެންމެ ފަހުން ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއް ކުޅުނީ މިދިޔަ މެއި މަހު އެވެ. ބަންގްލަދޭޝްއާ ދެކޮޅަށް މާލޭގައި ކުޅުނު އެ މެޗުން ރާއްޖެ ވަނީ 0-2 އިން މޮޅުވެފަ އެވެ.