އަހުމަދު އުދައްޔު

އުދައްޔު މަރާލިކަން ކުޑަކުއްޖާގެ މައްޗަށް ސާބިތުވެއްޖެ

Sep 14, 2022

ގއ. މާމެންދޫގައި ގުރޫޕް މާރާމާރީއެއް ހިންގައި އެރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ އެވެ.

އުދައްޔު މަރާލި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ މިއަދު ކުށް ސާބިތުވި ކުޑަކުއްޖާގެ އިތުރުން ގއ. މާމެންދޫ ރިހިފަރުދާގެ، އަހްމަދު ޝަމީމާއި، އެރަށު ބިލަތްމާގެ، ޝަރަފް ރަޝީދު އަދި ގުލްފާމުގެ، މުހައްމަދު މާޒިން އެވެ.

މި އެންމެންގެ މައްޗަށްވެސް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

ކުޑަކުއްޖާގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ޖުވެނައިލް ކޯޓުގައި ސިއްރުކޮށްގެންނެވެ. ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ކަނޑައެޅީ މިއަދު އެވެ.

ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅުން ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ އެއްގޮތަަށް ކޯޓުން ކުރިއަށް ގެންދާނެ އެވެ.

އުދައްޔުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ބޮޑެތި މީހުންގެ ދައުވާތަކާ ގުޅިގެން ޝަރީއަތްތައް ކުރިއަށް ގެންދަނީ ކްރިމިނަލް ކޯޓުގައި އެބަ ކުރިއަށްދެއެވެ. އެމީހުންގެ މައްސަލަ އޮތީ ހެކިބަސް ނެގުމުގެ މަރުޙަލާގަ އެވެ.

އުދައްޔު މަރުވީ ގއ. މާމެންދޫގައި މިދިޔަ އަހަރުގެ ފެބްރުއަރީ އަށްވަނަ ދުވަހު ހިންގި މާރާމާރީއެއްގައި ލިބުނު އަނިޔާތަކަކަށް ފަރުވާދެމުން ދަނިކޮށެވެ.