އަހުމަދު އުދައްޔު

އުދައްޔުގެ މަރު: ކުޑަކުއްޖާ ގޭބަންދަށް ބަދަލުކޮށްފި

ގއ. މާމެންދޫގައި ގުރޫޕް މާރާމާރީއެއް ހިންގައި 17 އަހަރުގެ އަހްމަދު އުދައްޔު މަރާލި މައްސަލައިގައި ދައުވާ ލިބޭ ކުޑަ ކުއްޖާ ގޭބަންދަށް ބަދަލުކޮށްފި އެވެ.

ޖުވެނައިލް ކޯޓުން މިއަދު ބުނީ އެ ކުއްޖާގެ ބަންދަށް ލުއި ދީ، ގޭބަންދަށް ބަދަލުކޮށްފައި ވަނީ އައްސޭރި ޖަލުގައި ގާއިމްކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ އެކުދިން ބައިތިއްބަން އެކަށޭނަ ތަނެއް ނޫންކަމަށް އެޗްއާރްސީއެމުން ކަނޑައަޅާފައިވާތީ ކަމަށެވެ.

އެތަނަކީ ރާއްޖޭގެ ގާނޫނުތަކާއި އަދި ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ކުޑަކުދިން ބައިތިއްބާ ތަނެއް ކަމަށް އެޗްއާރްސީއެމުން ވަނީ ކަނޑައަޅާފަ އެވެ.

ޖުވެނައިލް ކޯޓުން އިތުރަށް ބުނެފައި ވަނީ ކުއްޖާގެ ބަންދަށް ލުއި ދޭން ނިންމާފައިވަނީ މައްސަލައިގެ ބާވަތައް ބަލައި ހަރުކަށި ޝަރުތުތަކަކާ ވެސް އެކީ ކަމަށެވެ. އެ ކޮންމެ 15 ދުވަހަކުން މި ނިންމުން މުރާޖައާ ކުރާނެ ކަމަށެވެ.

މި މައްސަލައިގައި އެ ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރެމުގެ ދައުވާ އެވެ.

މި މައްސަލައިގައި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓުގައި ދަނީ ޝަރީއަތް ހިންގަމުންނެވެ. އެއީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަހްމަދު ޝަމީމާއި، ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފް ރަޝީދު އަދި ގއ. މާމެންދޫ، ގުލްފާމުގެ، މުހައްމަދު މާޒިން އެވެ.

އެ ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރައިލުމުގައި ބައިވެރިވި ކަމުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.

ވަޅިން ތަކުރާރުކޮށް ހަމަލާދީ މިދިޔަ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހުގެ ރޭ އުދައްޔު މަރާލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި އުފެދުނު ހިޔާލުތަފާތުވުމެއްގެ ތެރެއިން މަރާމާރީ ހިންގުމަށްފަހު ކަމަށް މާމެންދޫ ބައެއް މީހުން ބުނެ އެވެ. އުދައްޔު އަށް ހަމަލާ ދިން ރޭ އޭނާއަށް ލިބުނު ބޮޑެތި ޒަހަމްތަކާއި ގުޅިގެން އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލި ހޮސްޕިޓަލަށް ވެސް ގެންދެވުނެވެ. ނަމަވެސް އޭރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.