ގއ. މާމެންދޫގައި ގުރޫޕް މާރާމާރީއެއް ހިންގައި އެރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރި ކުޑަކުއްޖާ 18 އަހަރާއި ނުވަ މަހަަށް ކުޑަކުދިން ބަންދު ކުރާ މަރުކަޒެއްގައި ބަންދު ކުރުމަށް ހުކުމްކޮށްފި އެވެ.
ޖުވެނައިލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އެ ކުއްޖާ ބަންދު ކުުރުމުގެ އިތުރުން މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ދިވެހި ރުފިޔާ އުދައްޔުގެ ވާރިސުންނަށް ދިނުމަށާއި ވިދިވިދިގެން ދެ މަސް ދުވަސް ވަންދެން ރޯދަ ހިފުމަށްވެސް ހުކުމްކޮށްފަ އެވެ.
ދައުލަތުން މި ކުއްޖާގެ މައްޗަށް ކުރި ދެވަނަ ދައުވާ ވެސް ކުއްޖާގެ މައްޗަށް ސާބިތުވެފައިވާތީ އެ ކުށުގެ އަދަބެއްގެ ގޮތުގައިވެސް އޭނާ ހަ އަހަރާއި އަށް މަސްދުވަހަށް ބަންދުކުރުމަށް ހުކުމް ކުރި އެވެ. އެހެންކަމުން އޭނާ އަށް ޖުމްލަ 25 އަހަރުގެ ބަންދު ހުކުމެއް ވަނީ އައިސްފަ އެވެ.
މިކުއްޖާ އަށް މިއަދު އަދަބު ކަނޑައެޅި ނަމަވެސް ކުއްޖާގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުވާ ކަމަށް މިދިޔަ ސެޕްޓެމްބަރު 14 ވަނަ ދުވަހު ވަނީ ހުކުމްކޮށްފަ އެވެ. ކުޑަކުއްޖާގެ އަޑުއެހުންތައް ޖުވެނައިލް ކޯޓުގައި ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.
އުދައްޔު މަރުވީ ގއ. މާމެންދޫގައި މިދިޔަ އަހަރުގެ ފެބްރުއަރީ އަށްވަނަ ދުވަހު ހިންގި މާރާމާރީއެއްގައި ލިބުނު އަނިޔާތަކަކަށް ފަރުވާދެމުން ދަނިކޮށެވެ.
އުދައްޔުގެ މަރާ ގުޅިގެން ދައުލަތުން ދައުވާކޮށްފައިވަނީ މިއަދު ކުށް ސާބިތުވި ކުޑަކުއްޖާގެ އިތުރުން ގއ. މާމެންދޫ ރިހިފަރުދާގެ، އަހްމަދު ޝަމީމާއި، އެރަށު ބިލަތްމާގެ، ޝަރަފް ރަޝީދު އަދި ގުލްފާމުގެ، މުހައްމަދު މާޒިން އެވެ.
މި އެންމެންގެ މައްޗަށް ވެސް ދައުލަތުން އުފުލާފައިވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
އުދައްޔުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ބޮޑެތި މީހުންގެ ދައުވާތަކާ ގުޅިގެން ޝަރީއަތްތައް ކުރިއަށް ގެންދަނީ ކްރިމިނަލް ކޯޓުގަ އެެވެ. އެމީހުންގެ މައްސަލަ އޮތީ ހެކިބަސް ނެގުމުގެ މަރުޙަލާގަ އެވެ.