ހައިކޯޓް

13 އަހަރުގެ ކުއްޖާ މަރައިލުމުގެ ދައުވާ ލިބޭ ކުއްޖާ ޖަލަށް ބަދަލުނުކުރި

ރަހީނުކޮށް މަރާލުމަށްފަހު ހުޅުމާލޭގެ ފަޅުތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ކުޑަކުއްޖާ ގޭބަންދަށް ބަދަލުކުރަން ޖުވެނައިލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ކ. ހިންމަފުށީ އައްސޭރި ޖަލުގައި ހުންނަ ކުޑަކުދިންގެ ޑިޓެންޝަން ސެންޓަރުގައި ހުއްޓައި ޖުވެނައިލް ކޯޓުން ގޭބަންދަށް ބަދަލުކުރަން އަމުުރުކުރީ އެ މައްސަލާގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ލިބޭ އުމުރުން 17 އަހަރުގެ ކުއްޖާ އެވެ. ޝަރުތުތަކަކާއެކު އެކުއްޖާ ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހު އެވެ.

ކޯޓުން ގޭބަންދަށް ބަދަލުކުރަން އަމުރުކުރީ، ކުއްޖާ ބަންދުކޮށްފައި ހުރި ޖަލަކީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މައުލޫމާތު ދީފައިވާތީ އެކަމަށް ރިއާޔަތްކުރުމަށްފަހު އެވެ.

އޭގެ ފަހުން ކުޑަކުދިން ބަންދުކުރުމަށް ކަރެކްޝަނަލް ސާވިސް އިން އާ ޑިސެންޝަން ސެންޓަރެއް ގާއިމްކުރި އެވެ. އެހެންކަމުން ދައުލަތުން ވަނީ ކުއްޖާ އެތަނަށް ބަދަލުކޮށްދިނުމަށް ޖުވެނައިލް ކޯޓުގައި އެދިފަ އެވެ. އެކަމަކު އެ ކޯޓުން ނިންމާފައި ވަނީ އެކުއްޖާ ގޭބަންދަށް ބަދަލުކުރަން ނިންމި ނިންމުމަށް ބަދަލެއް ގެންނަން ނުފެންނަ ކަމަށެވެ. އެ ނިންމުމާމެދު ހިތްހަމަނުޖެހެގެން ދައުލަތުން ވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ދައުލަތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމަށްފަހު ބުނެފައި ވަނީ ކުއްޖާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ހާލަތަށް ބަދަލު އައިސްފައި ނުވާ ކަމަށެވެ. ޝަރުތުތަކަކާއެކު ކުއްޖާ ގޭބަންދަށް ބަދަލުކުރި ނަމަވެސް ކުއްޖާގެ ފަރާތުން މުޖުތަމައަށް ނުރައްކާވުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އަދި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލް ވެސް އޮތް ކަމަށެވެ. އަދި މި މައްސަލައިގެ ބާވަތުން ވެސް ކުއްޖާގެ ބަންދަށް ލުއި ލިބިގެން ނުވާނެ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައި ވަނީ ކުއްޖާ ބަންދުން ދޫކޮށްލާފައި ނުވާ ކަމަށާއި އެކުއްޖާ އަދިވެސް ހުރީ ބަންދެއްގައި ކަން އެނގެން އެބަ އޮތެވެ. ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ގޭގައި ކުދިން ބަންދުކުރުވޭ ކަމަށާއި ގޭބަންދަކީ މި ގާނޫނުގެ ދަށުން ބަލައިގަނެވޭނެ ބަންދެއް ކަމަށެވެ.

އަދި އެކުއްޖާގެ މައްޗަށް މީހަކު މަރައިލުމުގެ ދައުވާ އުފުލާފައިވީ ނަމަވެސް، އަދި މުޖުތަމައަށް ކުއްޖާގެ ފަރާތުން ނުރައްކާ އޮތުމުގެ ފުރުސަތު އޮތް ނަމަވެސް އެކުއްޖާގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތްކުރާއިރު ގޭބަންދުގައި ބެހެއްޓުމަށް ގާނޫނުން ހުރަހެއް ނެތް ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

އެހެންކަމުން ޖުވެނައިލް ކޯޓުން އެކުއްޖާ ގޭބަންދަށް ބަދަލުކޮށްފައި ވަނީ ރަގަޅަށް ކަމަށް ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމަވާފަ އެވެ.

މި މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ، ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު ހުސެއިން ޝަހީދު އެވެ.

އުމުރުން 13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލުމަށްފަހު ފޮށިގަނޑަަކަށްލައި ހުޅުމާލޭގެ ދެވަނަ ފިޔަވައްސާ ދިމާލު މޫދަށް އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުގެ މެންދަމު ވަގުތެއްގަ އެވެ. ކުއްޖާގެ މަރާ ގުޅިގެން ފުލުހުން ހައްޔަރުކުރީ 17 އަހަރުގެ ކުޑަކުއްޖާގެ އިތުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހަތާވީސް އަހަރުގެ މީހާ އަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާނެވެ.

ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ވެސް ކުއްޖާގެ ދެ އެކުވެރިން ކަމަށްވެ އެވެ. އެ މީހުންގެ މައްޗަށް ދައުވާކުރީ މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު އެވެ.