ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކުރުމަށްފަހު ދިވެހި ސަރުކާރަށް އިންޒާރު ދީފި އެވެ.
އެ ކޯޓުގެ ވެބްސައިޓް ހެކްކުރުމަށްފަހު ވަނީ އިންޑިއާގެ ދިދައާއެކު ބަޔާނެއް އާންމުކޮށްފަ އެވެ.
އެ ބަޔާނުގައިވާ ގޮތުން ވެބްސައިޓް ހެކްކުރީ ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް އިންޑިއާއަށް އަމާޒުކޮށް ބޭއަދަބީ ބަސްތަކުން މަލާމާތްކޮށް ފުރައްސާރަ ކުރުމުންނެވެ.
ސަރުކާރުގެ ބައެއް އިސް އޮފިޝަލުންގެ ނަން ފާހަގަކޮށް އެ މީހުން ދެއްކި ވާހަކަތަކުގެ ސަބަބުން އެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމަށް އަސަރުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
ތާރީހުގައި ރާއްޖެއަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިފައިވާކަން މި ބަޔާނުގައި ވަނީ ހަނދާންކޮށްދީފަ އެވެ. އަދި އިންޑިއާގެ ސަގަފަތާ ބެހޭ ގޮތުން އިހުތިރާމު ކުޑަ ވާހަކަ ދެއްކުމަކީ މާޔޫސްވާ ކަމެއް ކަމަށް ބުނެފައިވެ އެވެ.
"މިއީ އިންޒާރެއްގެ ގޮތުގައި ބަލައި މިފަދަ ނަފުރަތުގެ ވާހަކަތަކާއި ނަސްލީ ތަފާތުކުރުންތައް ތަހައްމަލެއް ނުކުރެވޭނެ،" ހެކްކުރި މީހުން ބުނެފައިވެ އެވެ.
ހެކްކުރި މީހުން އިތުރަށް ބުނީ ރާއްޖޭގެ ސައިބާއަށް ބޮޑު ގެއްލުމެއް ދެވޭނެ ގާބިލުކަން އެބަހުރި ކަމަށާއި އިންޑިއާއާ ދެކޮޅަށްކުރާ މަސައްކަތް ވަގުތުން ހުއްޓާލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ލަކްޝަދީބްގައި ޓޫރިޒަމް ޕްރޮމޯޓް ކުރުމަށްޓަކައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެރަށަށް ވަޑައިގެން ނެންގެވި ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލްމީޑިއާގައި އާންމުކުރުމާ އެކު އިންޑިއާގެ ފަތުރުވެރިން ދެން ރާއްޖެއަށް ދިއުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ ރާއްޖެ ދައްކޮށްލުމުގެ ނިޔަތުގައި އިންޑިއާގެ ބައެއް ރައްޔިތުން ސޯޝަލްމީޑިއާގައި ޝުއޫރުފާޅުކުރި އެވެ.
އެއާއެކު ދިވެހި ސަރުކާރުގެ ބައެއް އިސްވެރިންނާއި ބައެއް އާންމު ދިވެހިން ވަނީ މޯދީ އާއި އިންޑިއާ ރައްޔިތުންނަށް ބޭއަދަބީ ބަސްތަކުން މަލާމާތްކޮށް ފުރައްސާރަކޮށްފަ އެވެ.
މައްސަލަ ހޫނުވީ ސަރުކާރުގެ އިސް އޮފިޝަލުންގެ ތެރޭގައި ހިމެނޭ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ޔޫތު މިނިސްޓްރީގެ މަރިޔަމް ޝިއުނާ އާއި، މަލްޝާ ޝަރީފާ އަދި އަބްދުﷲ މަހްޒޫމް މާޖިދު، މޯދީއަށް އަމާޒުކުރައްވާ ބޭނުންކުރި ބޭއަދަބީ ބަސްތަކެއްގެ ސަބަބުންނެވެ.