ޗެމްޕިއަންސް ލީގް

ޕީއެސްޖީ އާއި ރެއާލަށް މޮޅެއް، ޔުވެންޓަސް ބަލިވެއްޖެ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްޖީ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު ޔުވެންޓަސް ބަލިވެއްޖެ އެވެ.

ޕީއެސްޖީ އިން ރަށުން ބޭރުގައި 3-1 އިން މޮޅުވީ މެކަބީ ހައިފާ އަތުންނެވެ. ރެއާލް ވަނީ އަމިއްލަ ދަނޑުގައި އާރުބީ ލައިޕްޒިގް 2-0 އިން ބަލިކޮށްފަ އެވެ. ޔުވެންޓަސް އަމިއްލަ ދަނޑުގައި ބެންފީކާ އަތުން ބަލިވީ 2-1 އިންނެވެ.

މެކަބީ ހައިފާގެ ޔަރޮން ޗެރީ ވަނީ މެޗުގެ 24 ވަނަ މިނެޓުގައި ގޯލު ޖަހައި ޕީއެސްޖީ ހައިރާންކޮށްލާފަ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިއޮނަލް މެސީގެ ގޯލާ އެކު ޕީއެސްޖީ އިން ނަތީޖާ ހަމަހަމަކުރި އެވެ. ޕީއެސްޖީ އިން މެޗުގެ ނަތީޖާ އަނބުރާލީ ދެވަނަ ހާފުގަ އެވެ. މެޗުގެ 69 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭގެ ގޯލުން އެޓީމު ލީޑު ނެގިއިރު ފަހު ލަނޑު 88 ވަނަ މިނެޓުގައި ޖެހީ ނޭމާ އެވެ.

މެކަބީ ހައިފާ ކޮޅަށް ޖެހި ގޯލާ އެކު މެސީ ވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ތަފާތު 39 ޓީމު ކޮޅަށް ގޯލު ޖަހާފަ އެވެ. ކުރިން އެ ރެކޯޑް މެސީ ހިއްސާކުރީ ތަފާތު 38 ޓީމު ކޮޅަށް ގޯލު ޖެހި ކްރިސްޓިއާނޯ ރޮނާލްޑޯއާ އެވެ. އަނެއްކޮޅުން މެސީ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ 18 ސީޒަނުގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ޕީއެސްޖީ ހިމެނޭ ގްރޫޕުގައި ރޭ އަމިއްލަ ދަނޑުގައި ބެންފީކާ އަތުން ޔުވެންޓަސް ބަލިވުމުން ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ދިއުމުގެ ޕްރެޝަރާ އެޓީމު ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

މެޗުގެ ހަތަރުވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑު ނަގައިދިނީ އަކާޑިއަޒް މިލިކް އެވެ. ޔުވެންޓަސް އަށް ލިބުނު ޕެނަލްޓީއަކުން 43 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްދިނީ ޔާއޯ މާރިއޯ އެވެ. އެޓީމު މޮޅުވި ލަނޑު 55 ވަނަ މިނެޓުގައި ޖެހީ ނެރޭސް ކޮމްޕޯސް އެވެ.

މި ގްރޫޕުގެ އެއްވަނައިގައި އޮތް ޕީއެސްޖީ އާއި ދެ ވަނައިގައި އޮތް ބެންފީކާ އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. އޭގެ ފަހަތުގައި އޮތް ޔުވެންޓަސް އާއި މެކަބީ ހައިފާއަށް ޕޮއިންޓެއް ނުލިބެ އެވެ. އަނެއް ބުރަށް ދާން ބާކީ މެޗުތަކުން މޮޅުވުން ނޫން ގޮތެއް ޔުވެންޓަސް އަށް ނޯންނާނެ އެވެ.

ރެއާލް މެޑްރިޑް ރޭ މޮޅުވި މެޗުގެ ގޯލުތައް ފެނުނީ ފަހު 10 މިނެޓުގަ އެވެ. އެޓީމުގެ ފުރަތަމަ ގޯލު 80 ވަނަ މިނެޓުގައި ޖެހީ ފެޑެރިކޯ ވަލްވޭޑޭ އެވެ. މެޗުގެ އިތުރު ވަގުތުގައި އެޓީމަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މާކޯ އަސެންސިއޯ އެވެ.

ރެއާލުން މިވަނީ މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ދެ މެޗުން މޮޅުވެފަ އެވެ. މި ސީޒަނުގެ ކުރިން ގްރޫޕް ސްޓޭޖުގައި އެޓީމަށް ދެ މޮޅު ތަކުރާރުކުރެވުނީ 18-2017 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގަ އެވެ.

ރޭގެ މޮޅާ އެކު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ އަށް ވަނީ ޗެމްޕިއަންސް ލީގުގައި 100 މޮޅު ލިބިފަ އެވެ. އަންޗެލޮޓީ އަށް ވުރެ ގިނައިން ޗެމްޕިއަންސް ލީގުގައި މޮޅުވުމުގެ ރެކޯޑް އޮތީ މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކޯޗު ސާ އަލެކްސް ފާގަސަން އަތުގަ އެވެ. ފާގަސަން ވަނީ ޔުނައިޓެޑްގެ ދައުރުގައި ޗެމްޕިއަންސް ލީގުގެ 102 މެޗުން މޮޅުވެފަ އެވެ.

ރެއާލް ހިމެނޭ ގްރޫޕުގައި ރޭ ޝަކްތާ ޑޮނެސްކާއި ސެލްޓިކް ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި ގްރޫޕުގެ އެއްވަނައިގައި ރެއާލް ހަ ޕޮއިންޓާ އެކު އޮތްއިރު ޝަކްތާ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ތިންވަނައިގައި ޕޮއިންޓަކާ އެކު ސެލްޓިކް އޮތްއިރު ފުލުގައި އޮތް އާރުބީ ލައިޕްޒިގަށް ޕޮއިންޓެއް ނުލިބެ އެވެ.