ލައިފްސްޓައިލް

ސައޫދީ މީހަކު 53 މީހަކާ ކައިވެނިކުރީ "ހިތްހަމަޖެހުން ނުލިބޭތީ"

ސައޫދީ އަރަބިޔާގެ 63 އަހަރުގެ ފިރިހެނަކު މިހާތަނަށް ވަނީ 53 މީހަކާ ކައިވެނިކޮށްފަ އެވެ.

މިއީ އަމިއްލަ އެދުމުގެ ބޭނުމުގައި ނޫންކަމަށާއި ނަފުސުގެ ހަމަޖެހުމަށް ކުރާ ކަމެއް ކަމަށް އެމީހާ ބުންޏެވެ.

ސައޫދީ ޓީވީ އެމްބީސީއަށް ދިން އިންޓަވިއު އެއްގައި އަބޫ އަބްދުﷲ ނަމަކަށް ކިޔާ މި މީހާ ބުނި ގޮތުގައި މިހާރު އޭނާގެ އިނީ އެންމެ އަންބެކެވެ. އަދި އިތުރު ކައިވެންޏެއް ކުރުމުގެ ވިސްނުމެއް ނެތެވެ.

"ފުރަތަމަ ކައިވެނި ކުރިއިރު ވެސް އަހަރެންގެ ވިސްނުމެއް ނެތް އިތުރު މީހަކާ ކައިވެންޏެއް ކުރުމަކަށް. ސަބަބަކީ ފުރަތަމަ ކައިވެންޏާ މެދު ހިތްހަމަޖެހޭތީ އާއި އެ ކައިވެނިން ދަރިން ވެސް ލިބިފައިވާތީ. ނަމަވެސް ކައިވެންޏަށް އަހަރުތަކެއް ވީފަހުން މައްސަލަތައް ޖެހެން ފެށީ. އެހެންވެ އަހަރެންގެ ދޮށީ އަނބި ކައިރީ ބުނިން އިތުރު ކައިވެންޏެއް ކުރަން ނިންމައިފީމޭ. އޭރު އަހަރެންގެ އުމުރުން އެންމެ 23 އަހަރު،" އަބޫ އަބްދުﷲ ބުންޏެވެ.

އަބޫ އަބްދުﷲ ބުނި ގޮތުގައި ދެވަނަ ކައިވެނި ކުރިތާ މާގިނަ ދުވަހެއް ނުވަތަ ދޮށީ އަންބާއި ހަގު އަންބާ ދެމެދު މައްސަލަތައް ޖެހެން ފެށި އެވެ. ތިންވަނަ އަދި ހަތަރު ވަނަ މީހަކާ ކައިވެނިކުރަން އޭނާ ނިންމީ ދޮށީ ދެ އަނބިންގެ ހަނގުރާމަ ގަދަވެގެންނެވެ. އޭގެ ފަހުން އޭނާ އެއްވަނަ، ދެވަނަ އަދި ތިންވަނަ އަނބި ވެސް ވަރިކޮށްލީ އެވެ.

ޢަބްދުﷲގެ މި އިންޓަވިއު ސޯޝަލް މީޑިއާގައި ވައިރަލްވެ މިއީ ސައޫދީގައި އެންމެ ގިނަ މީހުން ފާއިތުވީ ދުވަސްތަކުގައި ބެލި ވީޑީއޯ އަށް ވަނީ ވެފަ އެވެ. ވީޑީއޯ ބެލި ބައެއް މީހުން އަބްދުﷲގެ ހިތްވަރަށް ތައުރީފުކުރިއިރު އަނެއް ބަޔަކު އޭނާއަށް ފާޑުކިޔާފައި ވެއެވެ.

އަރަބި ދުވަހު ނޫހެއް ކަމަށްވާ ސަބްގް ގައިވާ ޚަބަރެއް ބުނާ ގޮތުގައި އަބްދުﷲ މިހާ ގިނަ ކައިވެނިތައް ކުރީ އޭނާގެ ހަޔާތަށް އުފާވެރިކަން ގެނެސްދޭ ކަހަލަ އަންހެނަކު ހޯދުމުގެ ބޭނުމުގަ އެވެ. ހިތްހަމަޖެހޭ ކަހަލަ އަންބަކު ހޯދުމަށް އަބްދުﷲ ކުރަމުންދިޔަ މަސައްކަތުގެ ތެރޭގައި ހަތަރުވަނަ އަނބި ވެސް ވަރިކޮށް އަނެއްކާ އާ އަންހެނުން ތަކަކާ ކައިވެނި ކުރީ އެވެ.

"ރަނގަޅު އަންބަކު ހޯދުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރޭގައި އަހަރެން 53 މީހަކާ މިހާތަނަށް ކައިވެނި ކޮށްފިން. އަހަރެން ފުރަތަމަ ކައިވެންޏެއް ކުރީ އުމުރުން 20 އަހަރުގައި. އަހަރެންގެ ފުރަތަމަ އަނބިމީހާ އަހަންނަށް ވުރެ ހަ އަހަރު ދޮށީ،" އަބްދުﷲ ބުންޏެވެ.

އަބްދުﷲ ކިޔައިދިން ގޮތުގައި އޭނާއަށް އެންމެ ކުރު މުއްދަތަކަށް ކުރެވުނު ކައިވެނީގައި ވީ އެންމެ ރެއެކެވެ.

"ކޮންމެ ފިރިހެނަކު ވެސް އެދޭނެ އެއް އަންހެނަކާ ކައިވެނިކޮށް އެމީހާއާ އެކު އުފާވެރި ހަޔާތެއް ހޭދަކުރަން. އަހަރެންވެސް ބޭނުންވީ އެގޮތް. ނަމަވެސް އެއްވެސް ކައިވެންޏަކުން އަހަރެން ބޭނުންވާ ހަމަޖެހުމެއް ނުލިބޭ. އެއީ އަހަންނަށް ވުރެ ހަގު މީހަކާ ކައިވެނި ކުރިޔަސް ދޮށީ މީހަކާ ކައިވެނި ކުރިޔަސް ހަމަ އެކަން ދިމާވި ގޮތް. އަހަރެން ގިނައިން ކައިވެނިކޮށްފައި ހުންނާނީ ސައޫދީ އަންހެނުންނާ،" އަބްދުﷲ ބުންޏެވެ.

ބޭރު ގައުމުތަކަށް އަބްދުﷲ ކުރި ވިޔަފާރި ދަތުރުތަކުގައި އެ ގައުމު ތަކުން ދިމާވި ބައެއް އަންހެނުންނާ ވެސް ކައިވެނި ކުރި ކަމަށް އަބްދުﷲ ބުންޏެވެ.

"ވިޔަފާރި ދަތުރުތަކުގައި އަހަރެން ބައެއް ގައުމުތަކުގައި ތިން ހަތަރު މަސް މަޑުކުރަން. އެ މަޑުކުރާއިރު އަހަރެން އެ ގައުމުތަކުގެ މީހުންނާ ކައިވެނިކުރަން. އެއީ ފާފައަކަށް އަރައިގަތުމުން ރައްކާތެރިވުމަށް ކުރާ ކަމެއް،" އަބްދުﷲ ބުންޏެވެ.

ކިތަންމެ ގިނަ މީހުންނާ އަބްދުﷲ ކައިވެނި ކޮށްފައި ވިޔަސް އެއް ވަގުތެއްގައި އޭނާގެ ހަތަރު އަނބިންނަށް ވުރެ ގިނައިންނަށް ނުތިބެ އެވެ.