ބޮލީވުޑް

ގިނަ އަހަރުތަކަކަށްފަހު އެކްޓްކުރަން ފަށާއިރު ނީލަމް ހާސްވެފައި

ނީލަމް ކޮތާރީ ބޮލީވުޑަށް ތައާރަފްވީ 1984ގައި ރިލީޒްކުރި "ޖަވާނީ" އިން ކަރަން ޝާހް އާއެކުގަ އެވެ. އޭގެ ފަހުން ވަރަށް ރީތި ގިނަ ފިލްމުތަކެއް ނީލަން ކުޅެފައި ވެއެވެ. ނީލަމް ކައިވެނިކޮށް، ފިލްމު ކުޅުން ހުއްޓާލާ ފަރުދާއިން ގެއްލުނީ ކެރިއަރުގެ އެންމެ އުހަށް ވާސިލު ވެވިފައި ވަނިކޮށެވެ.

މިހާރު އަނެއްކާވެސް މުޅިން އާ ފެށުމަކުން އެކްޓިންގެ މަސައްކަތް ފަށަން ނީލަމް ވަނީ ތައްޔާރުވެފަ އެވެ.

ނެޓްފްލިކްސްގެ "ފެބިއުލަސް ލިވްސް އޮފް ބޮލީވުޑް ވައިވްސް"ގައި ނީލަމް ވަނީ ސަންޖޭ ކަޕޫރުގެ އަންހެނުން މަހީޕް ކަޕޫރާއި ސުހައިލް ޚާންގެ ކުރީގެ އަނބިމީހާ ސީމާ ސާޖްދާ އާއި އަދި ޗަންކީ ޕާންޑޭގެ އަންހެނުން ބާވްނާ ޕާންޑޭއާ އެކު ބައިވެރިވެފަ އެވެ.

ނީލަމް މި ޝޯގައި ބައިވެރިވީ ފިރިމީހާ ސަމީރް ސޯނީގެ އަނބިމީހާގެ ހައިސިއްޔަތުންނެވެ.

މި ޝޯގައި ނީލަމް ބުނެފައިވާ ގޮތުގައި ނެޓްފްލިކްސް އަށް ޑައިރެކްޓަރު ޒޯޔާ އަޚްތަރު ތައްޔާރުކުރާ "މޭޑް އިން ހެވަން" ސީޒަން 2 އިން އޭނާ އެކްޓިން އަށް އެނބުރި އަންނާނެ އެވެ.

މި ޝޯގައި ނީލަމް ބުނި ގޮތުގައި ޒަމާން ގަނޑަކަށްފަހު ކެމެރާއަށް ކުރިމަތިލާއިރު އޭނާ ވަރަށް ހާސްވެ އެވެ. ނަމަވެސް މި ޝޯގައި އޭނާއާ އެކު ފިރިމީހާ ސަމީރް ވެސް ބައިވެރިވުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށް ނީލަމް ބުންޏެވެ.

"މޭޑް އިން ހެވަންގެ ސެޓަށް ދާން ފުރަތަމަ އަހަރެން ވަރަށް ޖެހިލުންވި. 'ފެބިއުލަސް ލިވްސް'ގެ ޝޫޓީންގައި އެހާ ހާސްނުވީ އޭގައި ދައްކަނީ އަހަރެންގެ ހަގީގީ ދިރިއުޅުން ކަމަށްވާތީ. އެކްޓްކުރަން ނުޖެހޭތީ. ނަމަވެސް ކެމެރާ ކުރިމައްޗަށް އަރާ އެކްޓްކުރަން ޖެހުމުން ހާސްވެގެން ހަލާކުނުވީ ކިރިޔާ،" ނީލަމް ބުންޏެވެ.

ނީލަމް ބުނި ގޮތުގައި އޭނާގެ ހާސްކަން ފެނިފައި ހަމަޖެހިލަން އެހީތެރިވީ ފިރިމީހާ އެވެ.

"އަހަރެންގެ ހާސްކަން ފިލުވައިލަ ދިނީ ސަމީރް. އެ ޝޫޓިންގްގައި ސަމީރް ވެސް ބައިވެރިވާތީ އަހަރެން ވަރަށް އުފާވޭ،" ނީލަމް ބުންޏެވެ.