ރާއްޖެ ކުޅިވަރު

ޕްރެމިއާ ލީގުގެ ކޯޗުންގެ ކިބައިން ގާޑިއޯލާ މައާފަށް އެދިއްޖެ

އިނގިރޭސި ޕްރެމިއާ ލީގުގެ ކޯޗުންގެ ކިބައިން ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗު ޕެޕް ގާޑިއޯލާ މައާފަށް އެދިއްޖެ އެވެ.

އޭނާ މިގޮތަށް އަމަލުކުރީ އަންނަ ސީޒަނުގައި ކޯޗުކޮށްދޭނީ ޕްރެމިއާ ލީގުގެ ކުލަބަކަށް ކަމަށް ބުނެފައިވަނިކޮށެވެ.

ގާޑިއޯލާ ޕްރެމިއާ ލީގަށް އަންނަން އުޅޭތީވެ އޭނާ ހޯދުމުގެ ރޭހަށް ޕްރެމިއާ ލީގުގެ ބޮޑެތި ކުލަބުތައް ވަނީ ވަދެފަ އެވެ. މީގެ ތެރޭގައި މެންޗެސްޓާގެ ދެ ޓީމު ކަމަށްވާ ސިޓީ އާއި ޔުނައިޓެޑް އަދި ޗެލްސީ ވެސް ހިމެނެ އެވެ. އަދި އާސެނަލް އަކީ ވެސް މި ލިސްޓުގެ ތަންކޮޅެއް ފަހަތުން ޖާގަ ލިބޭ ކުލަބެކެވެ. މިހެންވެ މި ކުލަބުތަކުގެ ކޯޗުންނަށް ވެސް ވަނީ މަގާމު ގެއްލިދާނެ ކަމުގެ ޕްރެޝަރު ކުރިއަށްވުރެ ބޮޑުވެފަ އެވެ.

ގާޑިއޯލާ ބުނީ އޭނާ ޕްރެމިއާ ލީގަށް އަންނާނެކަން އިއުލާނުކުރުމާއެކު އެއްވެސް ކޯޗަކަށް ނޭދެވޭ އަސަރެކޮށްފައިވާނަމަ މައާފަށް އެދޭ ކަމަށެވެ.
"އަހަރެންގެ ވިސްނުމެއްނޫން އެއްވެސް މީހަކަށް ޕްރެޝަރުކުރުމަކީ. އަހަންނަކީ ކޯޗެއްގެ ގޮތުގައި ވެސް އަދި އަހަރެން ކުޅުންތެރިއެއްގެ ގޮތުގައި ހުރި އިރު ވެސް އަހަރެންގެ ވަށައިގެންވާ ރައްޓެހިންނަށް އިހްތިރާމް ކުރާ މީހެއް،" ގާޑިއޯލާ ބުންޏެވެ.

އަންނަ ސީޒަނުގައި ގާޑިއޯލާ ދާނެ ވަކި ކުލަބެއް އޭނާ އިއުލާނުކުރާނީ ކޮންޓްރެކްޓްގައި ސޮއިކުރުމަށްފަހު އެވެ. ސްޕޭނުގެ ބާސެލޯނާގެ ކޯޗެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދި ގާޑިއޯލާ ބުނީ މިވަގުތު އޭނާ އިސްކަންދެނީ ބަޔާން މިއުނިކަށް ކާމިޔާބު ހޯދައިދިނުމަށް ކަމަށެވެ.