(13 ސެޕްޓެމްބަރ 2022 އާ ގުޅޭ )
"ސިއްރުކުރާން ޖެހިއްޖެކަމެއް ސިއްރުކޮށްދޭނަން. ޔޫ ކޭން ޓްރަސްޓް މީ މައްޔު. އަހަރެން ވަރަށް ބިރުގަނޭ އެބަ. އެކަމަކު މައްޔުގެ ވާހަކަތައް އަހަރެން އަޑު އަހާނަން. ދޮންބެ ކައިރީ މިއިން އެއްވެސް ވާހަކައެއް ނުދައްކާނަން. ޕްރޮމިސް. މައްޔުގެ ކުރިމަތީ މިވަގުތު މިއިނީ ސްކޫލު ދުވަސްވަރުން ފެށިގެން މައްޔު ދަންނަ އެކުވެރިޔާ. އެންމެ އެއްކޮށް ހުރިހާކަމެއް ޝެއާކޮށް އުޅުނު އެކުވެރިޔާ. ސޯ ޑޯންޓް ވޮރީ. ޔޫ ކޭން ޓްރަސްޓް މީ." އައިމީ ބުންޏެވެ.
ތިރީ ތުންފަތުގައި މާޔަލްއަށް ދަތް އަޅާލެވުނެވެ. ހިނދުކޮޅަކަށް ހިމޭންވެ އޭނާ އިނެވެ. އެކުވެރިޔާއާ ވާހަކަނުދައްކާ ކަމެއް އޮޅުން ނުފިލާނޭކަން އޭނާއަށް ވެސް އެނގެއެވެ. ޟަމީރުގެ އަޑު މާޔަލް އެއްސެވެ. އޭނާގެ ޟަމީރު ބުނަނީ އައިމީއަށް އިތުބާރު ކުރުމަށެވެ. އައިމީއާ ބައްދަލުކުރާން ގަސްދުކުރި ހަޤީޤީ މަޤްޞަދައިގެން ކުރިޔަށް ދިއުމަށެވެ. މިހިސާބަށް އައުމަށްފަހު ފަހަތަށް ނުޖެހުމަށެވެ.
"މައްޔު... ކަމެއް ގޯސްވީތަ. ދޮންބެގެ ކަމެއްތަ؟. އެހެންވެތަ ދޮންބެ ކައިރީ ނުދައްކަން ތިބުނަނީ. ޕްލީޒް. އަހަރެން މި އިނީ ވަރަށް ހާސްވެފަ. ތިވެގެން އުޅޭ ގޮތެއް ކިޔާދީބަލަ." އައިމީ ބުންޏެވެ.
"އެއްވެސް މީހަކު އަހަރެންގެ ކައިރީ އެކްސިޑެންޓްގެ ވާހަކައެއް ނުދައްކާ. އަހަންނަށް ކަމެއްވެދާނެތީ އެންމެން ވެސް ބިރުގަންނަނީ. އެކަމާ ގުޅިގެން ސުވާލެއް ކޮށްފިނަމަ އިވާން ވެސް އިގްނޯ ކޮށްލަނީ." މާޔަލް ބުންޏެވެ.
"އެއީ މައްޔުއަށް ކެއާ ކުރާތީ. އަހަރެން ވެސް ބިރުގަނޭ މައްޔުއަށް ކަމެއްވެދާނެތީ. އެ ވާހަކަ ނުދައްކަނީ މައްޔުއަށް ކަމެއް ސިއްރުކުރާކަށްނޫން." އައިމީގެ ޚިޔާލު ހާމަކުރިއެވެ. އޯގާތެރިކަމާއެކު މާޔަލްއަށް ވިސްނައިދޭ ފަދަ ރާގެއްގައެވެ.
"އެންމެން ހީކުރާހާ ވީކް މީހެއްނޫން އަހަންނަކީ. އައިމީ... އަހަރެން އައިމީއާ މީޓުކުރާން ނިންމީ އެކްސިޑެންޓްގެ ވާހަކަ ދައްކަން. އައިމީއަށް އެނގޭ މިންވަރެއް ނިކން ކިޔާދީބަލަ. ޕްލީޒް... ޕްލީޒް އައިމީ. އެރޭ އެކްސިޑެންޓް ހިނގަން މެދުވެރިވީ ކީއްވެކަން އެނގިފަ އޮތްނަމަ އަހަންނަށް ކިޔާދީބަލަ." މާޔަލް އާދޭސް ކުރިއެވެ.
އައިމީގެ މޫނުމަތިން ނުތަނަވަސްކަން ފެންނަން ހުއްޓެވެ. އޭނާ ތިރީތުންފަތް ހަފަންފެށިއެވެ. ދެ ޚިޔާލެއްގައި އިން ފަދައެވެ. ކުރިމަތީ އިން މާޔަލްއަށް ބަލާލާފައި ނަޒަރު ވަކިކޮށްލިއެވެ.
"އެންމެ ރަނގަޅު." ޔަގީންނުވެ އިން ފަދަ ބެލުމަކުން މާޔަލްއަށް ބަލާލުމާއެކު އައިމީ ބުންޏެވެ. ވަގުތުން މާޔަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"މައްޔު ހަނދާން އެބަހުރިތަ އަހަރެންގެ ވެޑިން." އައިމީ އަހާލިއެވެ. އެއާއެކު މާޔަލް ވިސްނާލިއެވެ. ދެން މަޑުމަޑުން ދެ ފަރާތަށް ބޯހޫރާލިއެވެ.
"ދޮންތި މެރީކުރާން ހަމަޖެހިފަ އޮއްވާ އައިމީގެ ވެޑިން ކާޑު ލިބުނީ. އެވަރު ހަނދާން އެބަހުރި. އައިމީ ފަހުން އެ ދުވަހު ގުޅީމެންނު." މާޔަލް ބުންޏެވެ.
"އާން. މައްޔު ގުޅާފައި ކާޑުގެ ވާހަކަދެއްކި. ޕާޓީއާ ބެހޭ ގޮތުން އަހަރެމެން ވަރަށް ގިނައިރު ވާހަކަދައްކަން އެ ދުވަހު ތިބީން. އެކަމަކު އަހަރެން ކައިވެނި ކުރިއިރު މައްޔު އޮތީ ހޮސްޕިޓަލުގައި. ހުރިހާކަމެއް ހަމަޖެހި ނިމިފައި އޮތީ، އެހެންވެ ފަސްކުރެވެންނެތީ. އެހެންވެ މައްޔު މަރާ ހަނގުރާމަ ކުރަމުން ދަނިކޮށް ވެސް އަހަންނަށް މެރީ ކުރަން ޖެހުނީ." އައިމީ ބުންޏެވެ.
"އެކްސިޑެންޓް..." މާޔަލްއަށް ބުނެވުނެވެ.
"އެކްސިޑެންޓް ހިނގި ރޭ މައްޔު އިނީ އަހަންނާއެކު." އައިމީއަށް މިހެން ބުނެވުމާއެކު މާޔަލް ނުހަނު ބޮޑަށް ހާސްވިކަން އެ މޫނުން ފާޅުވެއްޖެއެވެ.
"ތިބުނީ... ކާރުގަ... އެރޭ ކާރުގަ އަހަންނާއެކު އައިމީ އިނިންތަ؟." މާޔަލް ހާސްވެފައި ސުވާލުކުރިއެވެ.
"ނޫން. އެކްސިޑެންޓް ހިނގީ ކިހިނެއްކަން އަހަރެންނަށް ބުނާކަށް ނޭނގެ. އެ ދުވަހާއި އެރޭ ކަންތައްވީގޮތް އަހަރެންނަށް ކިޔާދީފާނަން. އަހަރެން މެރީ ކުރަން އުޅޭތީ މަލްކޮ ދިން ޚިޔާލެއް އެއީ އެންމެން އެކީ ބޭރަށްދާން. ކަރޯކޭ ޖައްސަން އަހަރެމެން ދިޔައީ. ވަރަށް ވިއްސާރަ، މޫސުން ގޯސްކަން އެނގޭތީ މައްޔު ބުނީ ގޭގަ ކަމެއް ބާއްވަން ހިނގާށޭ. އެކަމަކު މަންމަމެންގެ ކުރިމަތީ މަޖަލެއްނުވާނޭކަން އަހަންނާއި މަލްކޮއަށް ވިސްނުނީ. މަލްކޮގެ ފްރެންޑުންކޮޅަކާ އަހަރެމެންގެ ބައެއް ފްރެންޑްސް ވެގެން އެރޭ މާލެއަށް އައީ. މައްޔުއާއި މަލްކޮ ހުޅުމާލެއިން އައީ ކާރުގަ. އަހަރެމެން އެރޭ އެ ކެފޭ ބަންދުކުރާންދެން ސަކަރާތް ޖަހަން ތިބިން. ވާރޭ ވެހޭތީ ގިނަބަޔަކު މަޑުކޮށްގެން ތިބީމަ އެރޭ ކެފޭ ބަންދުކުރީ ތަންކޮޅެއް ލަހުން. ވާރޭ ހުއްޓާލިޔަސް ވަރަށް ވައިގަދަވި. އެހެންވެ ހުޅުމާލެއަށް ތި ދެ މީހުން ފޮނުވާލަން އަހަރެމެން ބޭނުންނުވީ. މަލްކޮގެ ފްރެންޑެއް ބުނީ އެގެއަށް ހިނގާށޭ. އެރޭ އެގޭގެ އެންމެން ނިދާނީއޭ. އެކަމަކު މައްޔު ހުރީ ކަމަކާ ގަޔާނުވެފައި ހުރިހެން އެރޭ. އަހަރެން އެހީމާ ވެސް ނުބުނި. ފޯނެއް ކުރަންށޭ ކިޔާފަ މައްޔު ނުކުތީ ބޭރަށް. އެނބުރި އައިސްފަ މައްޔު ދެއްކީ ގެއަށްދާން ބޭނުންވާ ވާހަކަ. އަހަރެން އާދޭސްކުރީމަ މަޑުކުރާނަމޭ ބުނި އެކަމަކު އެންމެން މަލްކޮގެ ފްރެންޑްމެން ގެއަށް ދާން ނުކުތް ވަގުތު މައްޔު އަނެއްކާ ވެސް ދެކޮޅު ހެދީ. ބުނީ ގެއަށޭ ދާނީ. ދޮންބެއާ ދެމީހުން މައްސަލައެއް ޖެހުނީއޭ ހީވެ އަހަރެން ސުވާލު ވެސް ކުރީން. މައްޔު ބުނީ ނޫނެކޭ. ދެން ބުނީ ވަރަށް ބޮޑަށް ބޮލުގަ ރިއްސަނީއޭ. އެހާލުގަ އަދި އަމުދުން މައްޔު ދާން އަހަންނަށް އެއްބަހެއް ނުވެވޭނެ ދޯ. އެކަމަކު އަހަރެމެންގެ އަޑެއް މައްޔު ނޭހި. ކޮންމެހެން ވެސް އެރޭ މައްޔު ދާން ބޭނުންވާކަން ބުނާއިރު ސަބަބެއް އެއްފަހަރު ވެސް ނުބުނޭ. އެރޭ މަލްކޮއާއި އޭނާގެ ފްރެންޑުން ވެސް ތިބީމަ އަހަރެން ސުވާލުކުރުން ހުއްޓާލީ. ހިތަށް އެރީ އަނެއް ދުވަހު މައްޔުއާ ބައްދަލުވާނެތާއޭ. އެރޭ ވީ ކިހިނެއްތޯ އަހާނީ މައްޔުގެ ކައިރިޔަށް ގޮސްފައޭ. ދެ މީހުން އެކަނިތިބިއްޔާ މައްޔު އަހަންނަށް ކިޔާދެއޭ. ސަކަރާތް ބޮޑުވެފައި ހުރި މަލްކޮއަށް މައްޔުއަށް ބަދަލެއް އައިސްފިކަން ފާހަގަނުވިޔަސް އަހަންނަށް އަހަރެންގެ އެކުވެރިޔާ އެނގޭނެ ދޯ." އައިމީ ވާހަކަ ހުއްޓާލިއެވެ. މާނަވީ ފުން ނަޒަރަކުން މާޔަލްއަށް ބަލަން އޭނާ އިނެވެ. އެގޮތުގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު އަނެއްކާ ވެސް ވާހަކަދެއްކިއެވެ.
"އެރޭ މައްޔުއަށް ކިހިނެއްވީ؟. ކުޑަކޮށް ވެސް ހަނދާނެއް ނެތްތަ؟." އައިމީ އަހާލިއެވެ. އޭނާ ވެސް އެ ސުވާލުގެ ޖަވާބު އެނގެން ބޭނުންވެއެވެ. އެރޭ މާޔަލްއާ އެތައް ސުވާލެއް އައިމީ ކުރި ވިއްޔާއެވެ. ނަމަވެސް މާޔަލް އެއްވެސް ކަމެއް ހާމައެއް ނުކުރިއެވެ. އެކަނިމާއެކަނި ކާރަށް އަރައިގެން ދިޔައިރު މާޔަލް ހިފެހެއްޓުންނަމައޭ އައިމީގެ ހިތަށް ނާރާ ވަގުތެއް ނުދެއެވެ. އެރޭ އެމީހުންނާ ވަކިވެގެން މާޔަލް ދާން ދޫކޮށްލެވުނީތީ އެކަމާ އައިމީ ހިތާމަކުރެއެވެ. އެއްވެސް މީހަކު އޭނާއަށް އެއްޗެއް ނުބުނި ކަމުގައި ވިޔަސް އަމިއްލަ ނަފްސު ކުށްވެރި ކުރެވެއެވެ. އެކުވެރިޔާއާ މެދު ފަރުވާކުޑަކޮށްލެވުނީއޭ ހިތަށް އަރައެވެ.
"އަހަންނަށް ބުނާކަށް ނޭނގޭ އެރޭ ކާރުގައި އިނީ އަހަރެން އެކަނިކަމެއް. ދިޔައީ ކޮންތާކަށްކަމެއް... އިވާން އެރޭ ކޮބާބާއޭ ހިތަށް އަރާ. އެކަމާ ގުޅުން ހުރި އެއްވެސް ކަމެއް ހަނދާނެއްނެތް. އަބަދު ވިސްނެނީ... ހިތަށް އަރަނީ ކީއްވެބާއޭ އަހަރެން އެކްސިޑެންޓްގެ މަތިން ހަނދާންނެތެންވީ. ކީއްވެބާއޭ އަހަރެންގެ ޢާއިލާ މީހުންނާއި ލޯބިވެރިޔާއާއި އެކުވެރީންގެ މަތިން ހަނދާން ހުންނަންވީ." މާޔަލް ވާހަކަދެއްކިއެވެ.
"ތިކަމާ ކީކޭ ބުނާނީ." އައިމީއަށް ބުނެވުނެވެ.
"އިވާން އެ ރޭ ވީ ކޮންތާކުކަން އެނގޭތަ." މާޔަލް އަހާލިއެވެ.
"އެރޭ އަހަރެން ގެއިން ނުކުތްއިރު ގޭގަ އުޅޭ. އޮފީހުން އައި ގޮތަށް ކޮޓަރިން ނުނިކުމޭ. އެހެން ބުނީމަ މި ހަނދާންވީ. މަންމަ ދޮންބެއާ ދިމާކުރާތީ އަހަރެން އަޑުއެހިން މައްޔުގެ މޫނު ދެކެން ކޮންމެރެއަކު ދާ މީހާ ގެއިން ނުނިކުމެ އޮންނަނީ އެކަން ނިމުނީ ހެއްޔޭ. އަހަންނަށް އެނގޭ އެވަރުގެ ކަމެއް ވެއްޖެނަމަ މައްޔު ވަގުތުން އަހަރެން ކައިރީ ބުނާނެކަން. އެހެންނޫނަސް ދޮންބެ ހުންނަނީ މައްޔުއާ ހެދި މޮޔަވެފަ. އެއީ ހުރިގޮތަށް ހުރި ރޯމިއޯއެއް. އޭނާ މައްޔު ދޫކޮށްނުލާނެކަން ވަރަށް ޔަގީން. މަންމަގެ ވާހަކައަށް އަހަރެން އަޅާނުލީ އެހެންވެ. އެކަމަކު މިހާރު ހިތަށް އަރަނީ އަސްލު ވެސް ތި ދެމީހުން އޭރު އުޅުނީ ބޮޑު މައްސަލަގަނޑެއްގެ ތެރޭބާއޭ." އައިމީ ވެސް ސުވާލު އުފެދިއްޖެއެވެ.
"ނޭނގެ. އިވާން ބުނާ ގޮތުންނަމަ އަހަރެންގެ ނިންމުންކަމަށްވަނީ. އެކަނިދާން ބޭނުންވީ އަހަރެން. ސޮރީ އައިމީ... މިހެން ބުނަން ޖެހޭތީ. އެކަމަކު އަހަންނަށް އިވާނަށް އިތުބާރެއް ނުކުރެވޭ." މާޔޫސްކަމާއެކު މާޔަލް ބުނެލިއެވެ. އައިމީ ވަކި އެއްޗެއް ނުބުނެ އިނީއެވެ. އޭނާގެ ބޭބެއާއި މާޔަލްއަކީ ލޯބިވެރީންނަށް ވާއިރު އެ ދެމެދުގައި ހިނގާ ހުރިހާ ކަމެއް އޭނާއަށް ނޭނގޭނެކަން އައިމީ ޤަބޫލުކުރެއެވެ. ހަޤީޤަތް ނޭނގި އިނދެ ބޭބެ ދިފާއުކޮށް އެކުވެރިޔާ ދެރަކޮށްލުމުގެ ވިސްނުމެއް އައިމީގެ ނެތެވެ.
މާޔަލްއާއި އައިމީ އެނބުރި ގެއަށް އައީ އިރުއޮއްސެން އުޅެނިކޮށެވެ. ފިރިމީހާއަށް ގުޅައި އައިމީ ބަލާ އަންނަންދެން އޭނާ މާޔަލްމެން ގޭގައި މަޑުކޮށްގެން އިނެވެ. ދުވަސްތަކަކަށްފަހު އެ ދެމެދުގައި އޮތް ގުޅުން އަނެއްކާ ވެސް އިހު އޮތް ގާތްކަމަށް ބަދަލުވެއްޖެކަމުގެ އިޙްސާސް ދެ އަންހެންކުދީންނަށް ވެސް ކުރެވުނެވެ.
* * * * *
ހަބީބު ކާރު މަޑުކޮށްލުމާއެކު މިފަހަރު އައިރިކް ނަގައިގެންފިއެވެ. ދަތުރު ފެށީއްސުރެ އަތަށް ލައިގެން އިން ފޯނުން އަވަހަށް މާޔަލްއަށް އޭނާ ގުޅައިފިއެވެ. މަދު މިނެޓުކޮޅެއްގެ ތެރޭ ކާރުގެ ފަހަތު ދޮރުފަތް ހުޅުވިއްޖެއެވެ. އައިރިކް އެ ދިމާއަށް މޫނު އަނބުރާލިއެވެ. މާޔަލް ކާރަށް އެރުމުގެ މާކުރީން އޭނާއަށް ޚާއްޞަވެފައިވާ ވަސް އައިރިކްގެ ނޭފަތުގައި ޖެހިއްޖެއެވެ.
"ކާރުގަ ނުތިބެ ތަނަކަށް ދާން އޯކޭތަ." އައިރިކްއާ ކައިރިވެލަމުން މަޑުމަޑުން މާޔަލް ބުންޏެވެ.
"އެހާ މީހުން ގިނަ ތަނަކަށްނޫން." އައިރިކް ބުނެލިއެވެ. އޭނާގެ ހާލު މާޔަލްއަށް ވިސްނެއެވެ. ގެއިން ނުނިކުންނަން ހުރި އައިރިކް އޭނާއަށް ޓަކައި ވިޔަސް ހިތްވަރުކުރާތީ ފެނުމަކީ މާޔަލްއަށް އެކަމުން ތަފާތު އުފަލެއް ހާސިލުވަމުންދާ ކަމެކެވެ. އޭނާގެ ސަބަބުން އައިރިކްގެ ނުކުޅެދުންތެރިކަމަށް ފަސޭހަކަން ގެނެސްދެވޭކަމުގެ އިޝާރާތެކެވެ.
"ޕާކެއް އޯކޭތަ؟. އެތާ އެހާ މީހުންނެއް ނޯންނާނެ. އިށީނދެވޭނެހެން ގޮނޑި ހުންނާނެ. އެހާ ކައިރިއަކުނޫން ގޮނޑިތައް ހުންނާނީ." މާޔަލް ދާން ގަސްދުކުރާ މަންޒިލް އައިރިކްއަށް ސިފަކޮށްދިނެވެ.
އެންމެ ރަނގަޅު ކަމަށް އައިރިކް ބުންޏެވެ. ކާރު ދުއްވަން އިން ހަބީބަށް ދާންވީ މަގުތައް މާޔަލް ކިޔާދިނެވެ. ވަށައިގެން ހެދިފައި ހުރި ބޯގަސްތަކުގެ ސަބަބުން ޕާކުގެ ތެރެ ބޭރުން ދާ ބަޔަކަށް ނުފެންނާނެއެވެ. ކައިރީގަ އޮތް ޕާކިން ސަރަޙައްދަށް ހަބީބު ކާރު މަޑުކޮށްލިއެވެ. އައިރިކް އެނބުރި އަންނާނޭ އިރެއް ބުނަން ނޭނގޭތީ ހަބީބު ކައިރީ އޭނާ ގުޅާލީމާ އަންނަން ދިޔަޔަސް އެންމެ ރަނގަޅުކަމުގައި ބުންޏެވެ.
"އަޅުގަނޑު ކޮފީއެއް ބޯލަން މިތާ ކައިރިތަނެއްގަ މަޑުކޮށްލާނަން." ހަބީބު ބުންޏެވެ.
އައިރިކް ކާރުން ފައިބާ ދޮރުފަތް ލައްޕާލިއެވެ. ނަމަވެސް އޭނާ ކުރިޔަށް ފިޔަވަޅެއް ނޭޅިއެވެ. ހުރިގޮތަށް ހުރީއެވެ. އެވަގުތު ކާރުގެ އަނެއްފަރާތުން ފޭބި މާޔަލް ނިކަން އަވަހަށް އައިރިކްގެ ގާތަށް އަތުވެއްޖެއެވެ. އައިރިކްގެ މޫނަށް ބަލާލާފައި އޭނާގެ އަތަށް މާޔަލް ބަލާލިއެވެ. އަތުގައި ހިފައިގެން ހުރެ އައިރިކްއަށް ކުރިޔަށްދާންވީ މަގު ކިޔައިދޭން ފަސޭހަވާނޭކަން މާޔަލްއަށް އެނގެއެވެ. އެހެންވިޔަސް އެހާ ކުޑަކުޑަ ބީހުމަކުން ވެސް އޭނާގެ ހިތް އަވަސްވެގެން އަންނަ ގޮތް މާޔަލް ދެނަހުއްޓެވެ. ޖެހިލުންވަނީ އެ އިޚްސާސް ދެކެއެވެ.
"މާޔާ... މިތާ ތިބެނީތަ؟." އައިރިކް ބަލާލީ މާޔަލް ހުރި ދިމާއަށެވެ.
އައިރިކްގެ އަތްތިލައިގަ މާޔަލްގެ އަތްތިލަ ޖެހިލީ ހިނދުން އެ އަތްތިލަ އައިރިކްގެ އަތުގެ ތެރެއަށް ހެޔޮވަރުކޮށްލައި ބާރަށް ހިފަހައްޓާލިއެވެ. ދެ ޒުވާނުން ލަސް ހިނގުމެއްގައި އައިސް ޕާކަށް ވަނެވެ. ވާރޭ ނުވެހުނަސް އުޑުމަތީ ވިލާ ބޯކަމުން ތަރިއެއްހާ ހިސާބު ވެސް ނުފެނެއެވެ. ބީހިލާ ވައިރޯޅިތަކުގައިވަނީ ހީކަރުވާ ފަދަ ފިނިކަމެވެ. ޕާކުގެ ތެރެއަށް ވަނުމުން އެ ފިނިކަން ވަކިން ގަދަވެއްޖެކަން މާޔަލްއަށް އިޙްސާސް ކުރެވުނެވެ. ވަށައިގެން ގަސްތައް އޮތީމައެވެ. ހިނގަން ހަދާފައި އޮތް ހިމަ މަގު ފިޔަވައި ބިންގަނޑު އެކީ އޮތީ ކާޕެޓު ވިނައިން ފޮރުވިފައެވެ.
"މިތާ އިށީންނަމާ." ހިލަ ގޮނޑީގެ ކައިރީ މަޑުކޮށްލަމުން މާޔަލް ބުންޏެވެ. އަދި އައިރިކްގެ އަތަށް ދަމާލީ ގޮނޑި ހުރި ހިސާބު އަންގައިދޭށެވެ. ގުދުވެފައި ގޮނޑީގައި އަތް ޖެހުމުން އައިރިކް ނިކަން ފަސޭހަކަމާއެކު އިށީނދެއްޖެއެވެ. އޭނާގެ ކައިރީ މާޔަލް އިށީނެވެ.
"މީޓުކޮށްލަން ބޭނުންވީ ކީއްވެ؟." މާޔަލް ކުރީން ވާހަކަދެއްކިއެވެ.
"މިއަދު އެއްގޮތަކަށް ވެސް ދިމާނުވާނެކަން އެނގޭތީ. މިސްވެގެން. މާޔާ ކައިރީގަ ނެތިއްޔާ މިހާރު އެއްވެސް ކަމެއް ކުރާހިތެއް ނުވޭ. ކޮންއިރަކުން އަހަރެން ކައިރިއަށް އަންނާނީ. އަހަރެން މާޔާ ބޭނުމީ މުޅި އުމުރަށް." އައިރިކް ބުންޏެވެ.
"ރިކްއަށް އަހަރެން އެނގެޔޭ ހީވިޔަސް އަސްލު އަހަރެންނަކީ ކާކުކަމެއް ނޭނގެއެއްނު. އަހަންނަށް ބައެއް ފަހަރު ހީވާ އެއްޗެއް ބުނަންތަ." މާޔަލް ވާހަކަދެއްކިއެވެ. ވިސްނަމުން ފަރުވާތެރިކަމާއެކު ވާހަކަދައްކާ ފަދައިންނެވެ.
"ބުނެބަލަ." އައިރިކް މިހެން ބުނެ މާޔަލްގެ އަތުގައި ހިފާލިއެވެ. ކޮޅަށްތެދުވެ ގޮނޑީގެ ދެ ފަރާތަށް ފައި އެލުވާލައިގެން އޭނާ އިށީނީ ސީދާ މާޔަލްއާ ކުރިމަތިވާނޭ ހެންނެވެ. ނުވިތާކަށް އިހުނަށްވުރެ މާޔަލްއާ ގާތަށް ވެސް ޖެހިލައިފިއެވެ.
"ރިކް ލޯބިވާ ކުއްޖަކު ހުރިހެން ހީވަނީ. އެ ކުއްޖާއާ އަހަންނާ އެއްވަރު ކުރާން އުޅޭހެން ހީވަނީ. އަހަންނާ އޭނާގެ އެއްގޮތްކަމެއް ހުރީތަ؟. އަހަރެން ހުންނަ ސިފަ ނޭނގުނަސް އަހަރެން އުޅޭ އުޅުމުގައި މީހަކާ ވައްތަރުގޮތެއް ހުރީމަ ރިކްއަށް އެހެން ހީވެދާނެ. ބުނެބަލަ... ކާކުތަ އެއީ؟. އަހަންނަށް ހީވަނީ ރަނގަޅައް ދޯ." މާޔަލް އަހާލިއެވެ.
"މުޅި އުމުރުގަ އެމީހެއްދެކެ ލޯބިވީ އަންހެންކުއްޖާ އަހަންނަށް އޮޅޭނެތަ. އަހަރެން ލޯބިވާ މީހާ އިނީ އަހަރެންގެ ކުރިމަތީ. އެއީ އެހެން މީހެއްނޫން. މާޔާއަށް އެއީ ދެ މީހަކުހެން ހީވިޔަސް އަހަންނަށް އެއީ އެކެއް. އައިރިކްގެ ހުރި ހަމައެކަނި ލޯބިވެރިޔާ މާޔާއަކީ. އެކަމަކު މާޔާގެ ހުރި ހަމައެކަނި ލޯބިވެރިޔަކީ އައިރިކްއެއްނޫން." އައިރިކް ބުންޏެވެ. އޭނާ ހިފަހައްޓާލައިގެން އިން މާޔަލްގެ އަތްތިލަ ގެނެސް ތުންފަތުގައި ޖައްސާލިއެވެ. އެ އަތުގައި އޭނާ ބޮސްދިނެވެ.
"މާޔާގެ ހިތާ ސުވާލުކޮށްބަލަ. މާޔާ ލޯބިވަނީ ކާކުދެކެކަން އެނގޭނެ." އައިރިކް ބުންޏެވެ.
"ހަމަތެދެއް މިބުނީ. އަހަރެން ބައެއްފަހަރު ވަރަށް ކޮންފިއުޒްޑް ވޭ. ރިކް ދައްކާ ވާހަކަތައް ދޭހަކުރަން ދަތިވޭ. ކޮންމާނައެއްގައި ކީއްވެ ބުނި އެއްޗެއްކަން އަހަރެންގެ ސިކުނޑިއަށް ނުވިސްނޭތީ." މާޔަލް ބުންޏެވެ.
"އަހަރެމެން ދެ މީހުން އެކްސިޑެންޓްވުން އެއީ އިއްތިފާގެއްކަމަށް މާޔާއަށް ޤަބޫލުކުރެވޭތަ." އައިރިކް ސުވާލުކުރިއެވެ. ވަގުތުން މާޔަލްގެ ނިތަށް ރޫގިނަވެލިއެވެ. ދެބުމަ ކައިރިކޮށްލެވުނެވެ. ފުން ވިސްނުމަކަށް އޭނާ ގެއްލުނު ފަދައެވެ. (ނުނިމޭ)