ހަބަރު

ތައުބާވާނަން، މައާފުކޮށްދީ: ނާޒިމް

އެއްޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް އިއުތިރާފްވެފައިވާއިރު ކުރެވުނު ކުށަށް ތައުބާވާނެ ކަމަށް ގާނޫނީ ވަކީލް، ނާޒިމް އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.

ނާޒިމް މީގެ އިރުކޮޅެއް ކުރިން ތައުބާވެ، ރައްޔިތުންގެ ކިބައިން މައާފަށް އެދި ބަޔާނެއް ނެރެފައި މިވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ މައްސަލައިގައި މިއަދު ހުކުމް ކުރަން ތާވަލުކޮށްފައި ވަނިކޮށެވެ.

ނާޒިމް ނެރުނު ބަޔާނުގައި ވިދާޅުވީ ކުރެވުނު ކުށަށް ހިތާމަކުރާ ކަމަށެވެ. އަދި ކުށަށް އިއުތުރާފް ވަނީ އޭނާ އަކީ ބްލެކްމެއިލްގެ ޝިކާރައަކަށް ވެފައިވާ ވިކްޓިމްއަކަށް ވާހިނދު ކަމަށެވެ.

"އަޅުގަނޑު މި ކުށަށް އިއުތިރާފް މިވަނީ އަޅުގަނޑަކީ މިކަމުގައި ކުށްވެރިއަކަށްވުމުގެ އިތުރުން، މިކަމުގައި ބްލެކްމެއިލްކޮށް ފައިސާ އަތުލަން އުޅެ، އެ މައްސަލައިގައި އަޅުގަނޑަކީ ވިކްޓިމްއެއް...،" ނާޒިމްގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި ވިދާޅުވީ ކުށަށް އިއުތިރާފްވެ، ރާއްޖެއިން ފުރައިގެން ނުގޮސް ހުރީ އަންނާނެ އަދަބަކަށް ކުރިމަތިލާން ބޭނުންވާތީ ކަމަށެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާއަށް އިއުތިރާފްވެފައިވާތީ އޭނާގެ މައްޗަށް އެ މައްސަލަ ވަނީ ސާބިތުވެފަ އެވެ. އެ މައްސަލައިގެ ހުކުމް ކުރުން އޮންނާނީ މިއަދު ހަވީރު 4:30 ގައެވެ.

ނާޒިމު ކުށަށް އިއުތުރާފްވި ނަމަވެސް އަލަމްގީރްއާ އެކު އޭނާ ކަމަށް ބެލެވޭ މީހަކު ފެންނަ ވީޑިއޯއެއް ލީކުވުމުން އެއީ އޭނާ ނޫން ކަމަށް މީގެކުރިން ތަކުރާރުކޮށް ސޯޝަލް މީޑިއާގައި ނާޒިމް ވިދާޅުވެފައިވެ އެވެ.