މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންނަށް ހަމަލާދިން ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދު

Sep 15, 2022

ދިވެހި ފުލުހުންގެ ޑްރަގް އެންފޯސްޑް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ތިން ފުލުހަކަށް ހަމަލާ ދިނުމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި ހަ މީހުންގެ ތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ.

މާލޭގެ ނަން މަޝްހޫރު ގުރޫޕަކުން ފުލުހުންނަށް ހަމަލާދިނީ މިދިޔަ ހުކުރު ދުވަހު ހެނދުނު 11:50 ހާއިރު މަޖީދީ މަގުގައި ހުންނަ ޔޫރޯ ސްޓޯރް ކުރިމަތިން އެ މީހުންގެ ނުރަސްމީ ގަޑީގައި ހިނގާފައި ދަނިކޮށެވެ.

މި ހަމަލާއާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ހައްޔަރުކުރީ ހަ މީހުން ކަމަށް ފުލުހުން މިރޭ ބުނި ނަމަވެސް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި ރޭ ހައްޔަރުކުރީ ފަސް މީހުންނެވެ.

ފުލުހުން ބުނާ ހަ މީހުން ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން މިއަދު މުއްދަތު ދީފައިވާ ގޮތުގެ މައުލޫމާތު ވެސް ފުލުހުން މިރޭ ހިއްސާކޮށްފައިވެ އެވެ. އެގޮތުން ރޭ ހައްޔަރުކުރި 18 އަހަރުގެ މީހަކާއި، 19 އަހަރުގެ މީހަކާއި، 20 އަހަރުގެ ދެ މީހުންނާ އަދި 21 އަހަރުގެ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި 20 އަހަރުގެ އިތުރު މީހަކު 30 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށްވެސް ކޯޓުން އަމުރުކޮށްފައިވެ އެވެ.

ފުލުހުންނަށް ހަމަލާ ދީގެން ރޭ ހައްޔަރުކުރި މީހުންނާ އެކު މިމައްސަލައިގައި މިހާރު 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުންނަށް ހަމަލާ ދިން މައްސަލަ ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލާ މިމައްސަލައިގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެކުރިން ފުލުހުންނަށް އަންގަވާފައިވެ އެވެ.

ރާވައިގެން ހިންގާ ގޭންގް ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ މަސައްކަތްތައް މިފަދަ ހަމަލާއަކުން ހުއްޓާނުލައްވާނެ ކަމުގެ ޔަގީންކަންވެސް ސީޕީ ދެއްވަ އެވެ. ހަމަލާ ދިނުމުގައި ބައިވެރިވި އެންމެން ހޯދާ އަދަބު ދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އަނިޔާ ލިބުނު ފުލުހުންނަށް އޭޑީކޭގައި ފަރުވާ ދިން ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.