މަރަން ނިޔާ ކަނޑައެޅި މިސުރުގެ ޒުވާނަކު އެ ހުކުމް ކުރި އަޑު އިވުމާއެކު ކޯޓު ތެރެއަށް މަރުވެގެން ވެއްޓިއްޖެ އެވެ.
މި ޒުވާން ފިރިހެން މީހާގެ މައްޗަށް ސާބިތުވީ އޭނާ އެންގޭޖްވެގެން އުޅުނު އަންހެނެއްގެ ބައްޕަ މަރާލިކަމުގެ ކުށް ކަމަށް މިސުރުގެ މީޑީއާތަކުން ބުނެ އެވެ.
މި މީހާ އޭނާގެ ވާން އުޅޭ ބަފައިކަލޭގެ މަރާލީ ކައިވެނިކުރަން އުޅުނު އަންހެން މީހާ އާއި އެ އަންހެން މީހާގެ މަންމަގެ ބައިވެރިވުމާ އެކުގައި ތިން މީހުން ރާވައިގެންނެވެ.
އެމީހާ އަށް ކުއްލިއަކަށް ހާޓް އެޓޭކް ޖެހުނީ ކޯޓުން އޭނާ މަރަން ހުކުމް ކުރި ވަގުތު އެވެ. ކޯޓުން ހުކުމް ކުރި ނަމަވެސް އޭނާއަށް މަރުގެ އަދަބު ދޭނީ މުފުތީގެ ހުއްދަ ލިބިގެންނެވެ.
ފިރިހެން މީހާ އޭނާގެ ވާން އުޅުނު ބަފައިކަލޭގެ މަރާލީ އޭނާގެ ލޯބިވެރިޔާ ދެއްކި ވާހަކަތަކެއްގެ ސަބަބުން އައި ރުޅިންނެވެ.
އަންހެން މީހާއަށް އޭނަގެ ބައްޕަ ޖިންސީ ގޯނާ ކުރާ ކަމަށް އެ އަންހެން މީހާ އޭނާ ކައިވެނިކުރަން އުޅުނު މީހާ ކައިރީގައި ބުނެފައިވާ ކަމަށް ވެއެވެ. މި ވާހަކަ އަހާފައި ފިރިހެން މީހާ އައި ރުޅިން ގޮސް އަންހެން މީހާގެ ބައްޕަ މަރާލީ އެވެ.
މަރާލާފައި އޮތް މީހާގެ ހަށިގަނޑު ފެނުނީ މީހުން ނޫޅޭ ހިސާބެއްގެ މަގުމައްޗަށް އެއްލާލާފައި އޮއްވަ އެވެ.