ބޭރު ކުޅިވަރު

ނިއުކާސަލް އަތުން އެއްވަރުވުމަކީ ބަލިވުމެއް: ވެންހާލް

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ނިއުކާސަލްއާ ބައްދަލުކޮށް 3-3އިން އެއްވަރުވުމަކީ މެންޗެސްޓާ ޔުނައިޓެޑުން ބަލިވުން ފަދަ ނަތީޖާއެއް ކަމަށް ކޯޗު ލުއިސް ވެންހާލް ބުނެފި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ނެދަލޭންޑްސްގެ ކޯޗު ބުނީ މެޗުގެ އެންމެ ފަހު ވަގުތުގައި ނިއުކާސަލް ގޯލު ޖެހީ އެފަދަ ވަގުތުތަކުގައި ވިސްނައިގެން ތިބުމަށް ކުޅުންތެރިންނަށް އެތައް ފަހަރަކު އޭނާ ވިސްނައިދީފައިވާ ކަމެއް ކަމަށެވެ.

"މިއީ ބަލިވުން ކަހަލަ ކަމެއް. ރެފްރީ ޕެނަލްޓީއެއް ދީފިއްޔާ އެކަން ދޫކޮށްލަން އެހަރެން ބުނެފައިވާނެ. ބޮޑަށް ގޯހީ ކާކުކަން އެފަދަ ނިންމުންތަކުން ދެނެގަންނަން އުނދަގުވާނެ. އެކަމަކު އެކަމާހެދި އުޅެން ހަދައިގެން މުޅި މެޗަށް އޭގެ އަސަރު ކުރޭ. މިއަދުވެސް އެހެންވި،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ޔުނައިޓެޑަށް ފަސޭހަކަމާއެކު ފަހެއް ނުވަތަ ހަ ގޯލު ޖެހެންވާނެ ކަމަށާއި ނަމަވެސް އެކަން ވެސް ނުކުރެވުނު ކަމަށެވެ.
މި މެޗުގައި ނުވަވަނަ މިނިޓްގައި ފުރަތަމަ ގޯލު ވޭން ރޫނީ ޖެހީ ޕެނަލްޓީއަކުންނެވެ. އެގެ ފަހުން ޖެސޭ ލިންގާޑު ލަނޑުޖަހައި ނަތީޖާ ފުޅާކޮށްދިނެވެ.

ނިއުކާސަލްއިން އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ 42 ވަނަ މިނިޓްގައި ޖޯޖީނިއޯ އެވެ. އަދި ޕެނަލްޓީއަކުން ދެ ވަނަ ލަނޑު ޖެހީ 67 ވަނަ މިނިޓްގައި އެލެގްޒެންޑާ މިޓްރޮވިޗެވެ. ވޭން ރޫނީ އިތުރު ލަނޑެއް ޖަހައި ޔުނައިޓެޑް މޮޅުކޮށްދީފައިވަނިކޮށް މެޗުގެ އިތުރު ވަގުތުގައި މެޗުގެ ނަތީޖާ ދެ ވަނަ ފަހަރަށް ހަމަހަމަކޮށްދިނީ ޕައުލް ޑަމެޓް އެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ 21 މެޗުން 34 ޕޮއިންޓާއެކު ހަ ވަނާގަ އެވެ. ނިއުކާސަލް އަށް ލިބިފައިވަނީ 18 ޕޮއިންޓާއެކު ޓޭބަލުގެ ފުލުން ތިން ވަނަ އެވެ.

ލީގުގައި މިރޭ ވަރުގަދަ މެޗުތަކެއް ކުޅޭނެ އެވެ. މިރޭ ދަންވަރު އެކެއް ޖަހާއިރު އާސެނަލް އާއި ލިވަޕޫލް ވާދަކުރާނެ އެވެ. އަދި ލެސްޓާ ސިޓީ އާއި ޓޮޓެންހަމް ވެސް ވާދަކުރާއިރު އެވަޓަން އާއި މެންޗެސްޓާ ސިޓީގެ މެޗު ފަށާނީ މިރޭ 12:45ގަ އެވެ.