ޔުނައިޓެޑް ސްޓޭޓްސް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އިން 2.4 މިލިއަން ރުފިޔާގެ ހިލޭ އެހީގެ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާ އެކު ސޮއިކޮށްފި އެވެ.
އެ އެހީގެ ދަށުން، ބ. ގޮއިދޫގެ ކުޅިއާއި ޗަސްބިމާއި، ގޮއިދޫ، ފުޅަދޫ، ފެހެންދޫ ހިމެނޭ ގޮތަށް ފަރުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި ޔޫއެސްއެއިޑްއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އިކޯ-ޓޫރިޒަމްގެ މޮޑެލްއެއް ގާއިމުކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ ކުޅިފަލާ، ޗަސްބިން ފަދަ ގުދުރަތީ ވެއްޓާގުޅޭ މުނިފޫހިފިލުވުމުގެ އިންތިޒާމްތައް ގާއިމުކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ. އެފަދަ ތަންތަނުގެ ރީތިކަމަކީ އެ ސަރަހައްދުތަކަށް ފަތުރުވެރިން ޝައުގުވެރި ކުރުވާ ކަމެއް ކަމަށްވެސް މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ޔޫއެސް.އެއިޑްގެ ރާއްޖެ އަދި ސްރީލަންކާގެ މިޝަން ޑައިރެކްޓަރު ގެބްރިއެލް ގްރައު ވިދާޅުވީ ޔޫއެސްއެއިޑްގެ އަމާޒަކީ އެ އެހީގެ ދަށުން އެންވަޔަރަންމަންޓް މިނިސްޓްރީއާ އެކު މަސައްކަތްކޮށް ގުދުރަތީ ވެށި ހިމާޔަތްކުރުން ކަމަށެވެ.
ގެބްރިއެލް ވިދާޅުވި ގޮތުގައި ކުޅިފަލާ، ޗަސްބިން ރައްކާތެރިކުރުމކުން ގިނަ ފައިދާތަކެއް ލިބިގެންދާނެ އެވެ. އެގޮތުން އުދައެރުމުން ލިބޭ ގެއްލުންތަކުން ރައްކާތެރިކަން އިތުރުކޮށްދޭ ކަމަށް ގެބްރިއެލް ވިދާޅުވި އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި އެ އެހީ އަކީ ޔޫއެސްއެއިޑްގެ ކްލައިމެޓް އެޑަޕްޓޭޝަން ޕްރޮޖެކްޓްގެ ދަށުން މިއަހަރު ހަވާލުކުރި ހަތަރުވަނަ ހިލޭ އެހީ އެވެ. އެ މަސައްކަތަކީ ފަސް އަހަރުގެ މުއްދަތަށް ހިންގާ 10.5 މިލިއަން ޑޮލަރުގެ މަސައްކަތެކެވެ.