އެސްޕަނިޔޯލްގެ ކުޅުންތެރިންނަށް ބިރު ދައްކާފައިވާތީވެ ބާސެލޯނާގެ ފޯވަޑް ލުއިސް ސުއަރޭޒް ދެ މެޗަށް ސަސްޕެންޑް ކުރި މައްސަލަ އިސްތިއުނާފުކޮށްގެން ބާސެލޯނާ އަށް ނާކާމިޔާބުވެއްޖެ އެވެ.
މިހެންވެ ސްޕެނިޝް ކަޕުގައި މިރޭ އެސްޕަނިޔޯލްއާއެކު ކުޅޭ މެޗާއި މުބާރާތުގެ ދެން އޮތް ބުރަށް ބާސެލޯނާ ގޮސްފިނަމަ ފުރަތަމަ ލެގުގެ މެޗުގައި އޭނާ އަށް ނުކުޅެވޭނެ އެވެ.
ސްޕެނިޝް ކަޕުގައި އެސްޕަނިޔޯލް އަތުން 4-1 އިން ބާސެލޯނާ މޮޅުވި މެޗަށް ފަހު ސުއަރޭޒް ވަނީ އެސްޕަނިޔޯލްގެ ދެ ކުޅުންތެރިއަކާ ޓަނަލް ތެރެއިން ދިމާކޮށްލައިފަ އެވެ. އެއީ މެޗުގައި އޭނާއަށް ނަސްލީ ގޮތުން ދިމާކުރުމާ ގުޅިގެންނެވެ. ސުއަރޭޒް ވަނީ މި ދެ ކުޅުންތެރިން އަންނަދެން ޓަނަލްގައި މަޑުކޮށްފަ އެވެ. އަދި ފަހުން ދެ ކުޅުންތެރިންނާ ދިމާކޮށް ހުތުރު ބަހުން މުހާތަބުކޮށްފައިވާ ކަމަށް މެޗުގެ ރެފްރީގެ ރިޕޯޓްގައިވެ އެވެ.
މި މައްސަލަ ބާސެލޯނާއިން އިސްތިއުނާފު ކުރީ ރެފްރީގެ ރިޕޯޓްގައިވާ ފަދަ އަމަލެއް ކުރި ކަމަށް ސުއަރޭޒް ދެކޮޅު ހަދާތީ އެވެ.