މުޅި ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ ބޯހިމެނުމުގެ މުއްދަތު މާލެ ސަރަހައްދުގައި އިތުރުކޮށްފި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލެ އަދި ހުޅުމާލޭގައި ބޯހިމެނުމުގެ މުއްދަތު އިތުރުކުރަން ނިންމީ މަސައްކަތަށް ބޭނުންވާ އެނިއުމަނޭޓަރުން ލިބުނު އަދަދު މަދުވެ މިހާރު ކަނޑައަޅާފައިވާ ތާރީހަށް މާލެ އާއި ހުޅުމާލޭގައި މަސައްކަތް ނިންމާނުލެވޭނެތީ ކަމަށެވެ.
މާލެ އާއި ހުޅުމާލޭގައި ބޯހިމެނުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަން ނިންމާފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.
ބޯހިމެނުމުގެ މަސައްކަތް މިދިޔަ އަންގާރަ ދުވަހު ފެށީ މިމަހުގެ 25 ވަނަ ދުވަހު އެ މަސައްކަތް ނިންމާ ގޮތަށެވެ.
ބޯހިމެނުމުގެ މަސައްކަތުގައި ތަންތަނަށް ގޮސްގެން މައުލޫމާތު އެއްކުރުމުގެ މަސައްކަތަށް 4،300 އެނިއުމަރޭޓާސް ހޯދާފައިވާއިރު މީގެތެރެއިން އަތޮޅުތަކުގައި 1،991 މީހުން އަދި މާލެ ސަރަހައްދުގައި 2،409 މީހުން ހަރަކާތްތެރިވާނެ އެވެ.
ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން އިރުއޮއްސި 6:00 އަށެވެ.
ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނު ކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހު އެވެ. ދާއިމީ ނަތީޖާ އިއުލާނު ކުރާނީ ގައުމީ ތަފާސްހިސާބުގެ ދުވަސް ކަމަށްވާ އޮކްޓޫބަރު 20 ވަނަ ދުވަހު އެވެ.
ބޯހިމެނުމުގައި އެއްކުރާ މައިގަނޑު މައުލޫމާތު
- އަންހެނުން، ދަރިންގެ އަދަދާއި ފުރަތަމަ ދަރިފުޅު ލިބުނު އުމުރު
- އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް
- ފުރަތަމަ ކައިވެނި ކުރި އުމުރު
- ދިރިއުޅޭ ތަނުގެ މައުލޫމާތު
- ދިރިއުޅޭ ތަނުގެ ބޮޑުމިން
- މީހުންގެ އުފަން ތާރީހު
- މީހުންގެ ތައުލީމީ ފެންވަރު
ބޯހިމެނުމުގެ ބުރާ ބޮޑު މަސައްކަތުގެ ވަގުތީ ނަތީޖާ އިއުލާނު ކުރަން ހަމަޖެހިފައިވަނީ ކުރިއަށް އޮކްޓޫބަރު ހަވަނަ ދުވަހު އެވެ. ދާއިމީ ނަތީޖާ އިއުލާނު ކުރާނީ ގައުމީ ތަފާސްހިސާބުގެ ދުވަސް ކަމަށްވާ އޮކްޓޫބަރު 20 ވަނަ ދުވަހު އެވެ. ރާއްޖޭގައި ރަސްމީ ސިފައެއްގައި އެންމެ ފުރަތަމަ ފުރަތަމަ ބޯހިމަނާފައިވަނީ 1911 ވަނަ އަހަރު އެވެ. ރާއްޖޭގައި އެންމެ ފަހުން ބޯހިމެނީ 2014 ވަނަ އަހަރު އެވެ. އެ އަހަރުގެ ނަތީޖާ ދައްކާ ގޮތުގައި އޭރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 420،071 މީހުންނެވެ.