ބޯހިމެނުން

ބޯހިމެނުމަށް މާލޭގައި އަދިވެސް މައުލޫމާތު އެއްކުރަނީ

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކް [(އެމްބީއެސް)ގެ މުވައްޒަފުން ބޭނުންކޮށްގެން އަދިވެސް މާލެ ސަރަހައްދުން ބޯހިމެނުމަށް ބޭނުންވާ މައުލޫމާތު އެއްކުރަމުންދާ ކަމަށް އެމްބީއެސްއިން ބުނެފި އެވެ.

ބޯހިމެނުމުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔައީ މިދިޔަ މަހުގެ 13 އިން 25 އަށެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރު މާލެއާއި ހުޅުމާލޭގައި މައުލޫމާތު ނުލިބޭ ބައެއް ތަންތަން ހުރުމުން އެމްބީއެސް އިން ނިންމީ މިދިޔަ މަހުގެ 26 އަދި 27 ވަނަ ދުވަހު މާލޭގައި މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރުމަށެވެ.

މާލެ ސަރަހައްދަށް ފަހުން އިތުރު ކުރި މުއްދަތުގެ ތެރޭގައި ވެސް 900 އަށް ވުރެ ގިނަ ތަންތަނުގެ މައުލޫމާތު އެއްކުރެވޭ ގޮތެއް ނުވި އެވެ. އެހެންވެ އެ މައުލޫމާތު ހިއްސާކުރުމަށް އެމްބީއެސް އިން އެދިފައިވެ އެވެ.

އަވަސްއިން މިއަދު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމްބީއެސްގެ ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން ވިދާޅުވީ ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކުރިން ހޯދި އެނިއުމަރޭޓަރުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އެކަމަކު މާލެ ސަރަހައްދުގައި މައުލޫމާތު ބޭނުންވާ ބައެއް ތަންތަން އަދިވެސް ހުރުމާ ގުޅިގެން އެމްބީއެސްގެ މުވައްޒަފުން ބޭނުންކޮށްގެން މާލޭގެ ބައެއް ތަންތަނުން މައުލޫމާތު އެއްކުރަމުންދާ ކަމަށެވެ.

"މައުލޫމާތު ނެގުމުގެ މަސައްކަތް އަޅުގަނޑުމެންގެ މުވައްޒަފުން އަދިވެސް އެބަކުރޭ. ތަޅުލާފައި ހުރުމުންނާއި މީހުންނާއި ދިމާނުވުމުގެ ސަބަބުން މައުލޫމާތު ނުނެގިހުރި އިމާރާތްތަކަށް ޒިޔާރާތްކޮށް މައުލޫމާތު އެއްކުރުމާއި ފޯނުންވެސް މީހުން ދިރިއުޅޭ ތަންތަނުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މާލޭގައި އެބަކުރިއަށްދޭ،" އައިޝަތު ވިދާޅުވި އެވެ.

އެމްބީއެސް އިން ކުރިން ނިންމީ ބޯހިމެނުމުގެ ވަގުތީ ނަތީޖާ މިމަހުގެ ހަވަނަ ދުވަހު އިއުލާންކުރުމަށެވެ. ނަމަވެސް މާލެއާއި ހުޅުމާލޭގެ ބައެއް ތަންތަނުން މައުލޫމާތު ނުލިބޭތީ ވަގުތީ ނަތީޖާ އިއުލާން ނުކުރާ ގޮތަށް މިހާރު ވަނީ ހަމަޖައްސާފަ އެވެ. އެކަމަކު ކުރިން އިއުލާންކޮށްފައިވާ ގޮތަށް ގައުމީ ތަފާސްހިސާބުގެ ދުވަސް ކަމަށްވާ އޮކްޓޫބަރު 20 ވަނަ ދުވަހު ބޯހިމެނުމުގެ ދާއިމީ ނަތީޖާ އިއުލާނު ކުރާ ގޮތަށް އަދިވެސް އޮތީ ނިންމާފަ އެވެ.

ބޯހިމެނިފައި ނުވާ ބައެއް ގޭބިސީތަކާއި، ރަޖިސްޓާ ކޮށްގެން ހިންގާ އިގްތިސާދީ މަސައްކަތްތައް ކުރާ ބައެއް ތަންތަނާއި، އިންޑަސްޓްރިއަލް ބޭނުންތަކަށް ބޭނުންކުރާ ބައެއް ރަށްރަށުގެ ކަމާ ގުޅޭ ފަރާތްތަކާ ގުޅޭނެ ގޮތެއް ނުވެގެން ބޯހިމެނުމަށް މައުލޫމާތު އެއްކުރެވިފައެއް ނުވެ އެވެ. އެހެންވެ އެފަދަ ތަންތަނާ ހަވާލުވެ ތިބި ފަރާތްތަކުން އެމްބީއެސްގެ ހޮޓްލައިން އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވެސް އެމްބީއެސްއިން އެދިފައިވެ އެވެ.

ބޯހިމެނުމަށް ތަންތަނަށް ގޮސްގެން މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައި 4،300 އެނިއުމަރޭޓާސް މަސައްކަތް ކޮށްފައިވާއިރު މީގެތެރެއިން އަތޮޅުތަކުގައި 1،991 މީހުން އަދި މާލެ ސަރަހައްދުގައި 2،409 މީހުން ހަރަކާތްތެރިވި އެވެ.

ރާއްޖޭގައި ރަސްމީ ސިފައެއްގައި އެންމެ ފުރަތަމަ ބޯހިމަނާފައިވަނީ 1911 ވަނަ އަހަރު އެވެ. ރާއްޖޭގައި އެންމެ ފަހުން ބޯހިމެނީ 2014 ވަނަ އަހަރު އެވެ.