އިޓަލީން ފީފާގެ އެވޯޑް ބޮއިކޮޓްކޮށްފި އެވެ.
ދުނިޔޭގެ ތަށި ތިން ފަހަރު ހޯދާފައިވާ ގައުމުން ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމާއަތުން ދޭ ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ އެވޯޑް ބޮއިކޮޓް ކުރީ ފިފާ ޑްރީމް ޓީމު ހޮވަން ނެގި އެންމެ މޮޅު ފަސް ކީޕަރުންގެ ތެރޭގައި އެ ގައުމުގެ ކީޕަރު ޖިއާން ލުއިޖީ ބުފޮން ނުހިމެނުމުންނެވެ.
ފީފާގެ އެވޯޑް ބޮއިކޮޓް ކުރުމުގެ ގޮތުން ފެޑަރޭޝަނުގެ އެދުމުގެ މަތިން މި ފަހަރުގެ އެވޯޑަށް ބުފޮން އާއި އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވޯޓުލާފައިވެ އެވެ.
ކޮންމެ ގައުމެއްގެ ވެސް ގައުމީ ކެޕްޓަނާއި ގައުމީ ކޯޗު އަދި ހޮވާލެވޭ ނޫސްވެރިންނަށް ވޯޓުލުމުގެ ފުރުސަތު ލިބޭ މި އެވޯޑަށް ވޯޓުނުލާން އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނުން ނިންމި ނަމަވެސް އެ ގައުމުގެ ނޫސްވެރިން ވޯޓުލާފައިވެ އެވެ.
ބުފޮން ބާކީވެ އެންމެ މޮޅު ފަސްކީޕަރުންގެ ގޮތުގައި ފީފާއިން ހޮވާފައިވަނީ ސްޕޭނާއި ޕޯޓޯގެ ކީޕަރު އިކާ ކަސިޔާސް އާއި ޗެލްސީ އާއި ބެލްޖިއަމްގެ ކީޕަރު ތިބައޫ ކޯޓުއާ އާއި ކޮލަމްބިއާ އާއި އާސެނަލްގެ ކީޕަރު ޑޭވިޑް އޮސްޕިނާ އާއި ޖަރުމަނާއި ބަޔާން މިއުނިކްގެ ކީޕަރު މެނުއަލް ނޯޔާ އާއި ބާސެލޯނާ އާއި ޗިލީގެ ކީޕަރު ކްލައުޑިއޯ ބްރާވޯ އެވެ. މީގެ ތެރެއިން އެންމެ މޮޅު ކީޕަރުގެ މަގާމު ލިބުނީ ނޯޔާ އަށެވެ.
ނަމަވެސް އިޓަލީގެ ފެޑަރޭޝަނުން ބުނީ އިޓަލީ އާއި ޔުވެންޓަސްގެ ކީޕަރު ބުފޮން އަށް އެންމެ މޮޅު ފަސް ކީޕަރުންގެ ތެރެއިން ޖާގަ ލިބެންވާނެ ކަމަށެވެ.