ބޯހިމެނުމުގެ މަސައްކަތުގައި މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ އެނިއުމަރޭޓަރުން، ބޯހިމެނުމުގެ މަސައްކަތަށް ހާއްސަ ވެސްޓް ބޭނުންކުރަން ފަށައިފި އެވެ.
މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ އެނިއުމަރޭޓަރުން މި ވެސްޓް ބޭނުންކުރަން ފަށާފައިވަނީ މިއަދު އެވެ.
ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދާ އިދާރާ -- މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނީ ވެސްޓްގެ އިތުރުން އެނިއުމަރޭޓަރެއްކަން އަންގައިދޭ ކާޑު ވެސް އެނިއުމަރޭޓަރުން ބޭނުންކުރާނެ ކަމަށެވެ.
ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދާ އިދާރާއިން ބުނީ އިތުރު ވެސްޓް ލިބުމުން، މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އެނިއުމަރޭޓަރުންވެސް ވެސްޓް ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މުޅި ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ ބޯހިމެނުމުގެ މުއްދަތު މާލެ ސަރަހައްދުގައި މިހާރު ވަނީ އިތުރުކޮށްފަ އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލެ އަދި ހުޅުމާލޭގައި ބޯހިމެނުމުގެ މުއްދަތު އިތުރުކުރަން ނިންމީ މަސައްކަތަށް ބޭނުންވާ އެނިއުމަނޭޓަރުން ލިބުނު އަދަދު މަދުވެ މިހާރު ކަނޑައަޅާފައިވާ ތާރީހަށް މާލެ އާއި ހުޅުމާލޭގައި މަސައްކަތް ނިންމާނުލެވޭނެތީ ކަމަށެވެ.
މާލެ އާއި ހުޅުމާލޭގައި ބޯހިމެނުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަން ނިންމާފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. ބޯހިމެނުމުގެ މަސައްކަތް މިދިޔަ އަންގާރަ ދުވަހު ފެށީ މިމަހުގެ 25 ވަނަ ދުވަހު އެ މަސައްކަތް ނިންމާ ގޮތަށެވެ.
ބޯހިމެނުމުގެ މަސައްކަތުގައި ތަންތަނަށް ގޮސްގެން މައުލޫމާތު އެއްކުރުމުގެ މަސައްކަތަށް 4،300 އެނިއުމަރޭޓާސް ހޯދާފައިވާއިރު މީގެތެރެއިން އަތޮޅުތަކުގައި 1،991 މީހުން އަދި މާލެ ސަރަހައްދުގައި 2،409 މީހުން ހަރަކާތްތެރިވާނެ އެވެ.
ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން އިރުއޮއްސި 6:00 އަށެވެ.
ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނު ކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހު އެވެ. ދާއިމީ ނަތީޖާ އިއުލާނު ކުރާނީ ގައުމީ ތަފާސްހިސާބުގެ ދުވަސް ކަމަށްވާ އޮކްޓޫބަރު 20 ވަނަ ދުވަހު އެވެ.
ރާއްޖޭގައި ރަސްމީ ސިފައެއްގައި އެންމެ ފުރަތަމަ ފުރަތަމަ ބޯހިމަނާފައިވަނީ 1911 ވަނަ އަހަރު އެވެ. ރާއްޖޭގައި އެންމެ ފަހުން ބޯހިމެނީ 2014 ވަނަ އަހަރު އެވެ. އެ އަހަރުގެ ނަތީޖާ ދައްކާ ގޮތުގައި އޭރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 420،071 މީހުންނެވެ.