ދިރާސީ އާ އަހަރު

75،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އަހަރު ފަށައިފި

ބޮޑު ޗުއްޓީއަކަށްފަހު، 75،000 އަށްވުރެ ގިނަ ދަރިވަރުންނާ އެކު މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގެ ސްކޫލްތަކުގައި ފަށައިފި އެވެ. ރާއްޖޭގެ 223 ސްކޫލެއްގެ ކިޔެވުން މިއަދު ފަށާފައިވާއިރު ހުރިހާ ސްކޫލަކުން ވެސް ދަރިވަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަރަކީ ދަރިވަރުންގެ އިތުރަށް ސްކޫލްތަކާއި އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ހާއްސަ އަހަރެކެވެ.
އާ މަންހަޖުގެ ދަށުން އެކުލަވާލި ކީސްޓޭޖް ދޭއްގެ ފޮތް ސްކޫލް ހުޅުވުމާ ހަމައަށް މިދިޔަ އަހަރަށް ވުރެ ފުރިހަމައަށް ތައްޔާރުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ކުރި އެވެ. ޕްރީ ސްކޫލްތަކުގެ ކިޔެވުން އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، އަތޮޅުތަކުގެ ޕްރީސްކޫލްތަކުގެ ފެންވަރު ރަނގަޅުކޮށް ވަސީލަތްތައް އިތުރަށް ތަރައްގީ ކުރުމަށް 25 މިލިއަން ރުފިޔާ އެ މިނިސްޓްރީން ހަރަދު ކުރިއެވެ.

މިއަހަރު މާލެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވުނު އެއް ކަމަކީ ކުދިންގެ ޔުނީފޯމަށް އައިސްފައިވާ ބަދަލުތަކެވެ. ގިނަ ސްކޫލްތަކެއްގެ ޔުނީފޯމަށް ބޮޑު ބަދަލެއް ވަނީ އައިސްފައެވެ.

ޔުނީފޯމް ބަދަލުކުރި ބައެއް ސްކޫލްތަކުގެ ތެރޭގައި އިސްކަންދަރު ސްކޫލް، ޖަމާލުއްދީން ސްކޫލް، އަހުމަދިއްޔާ ސްކޫލް އަދި ތާޖުއްދީން ސްކޫލް ހިމެނެއެވެ. ޖަމާލުއްދީން ސްކޫލުން އަލަށް ތައާރަފްކުރި ޔުނީފޯމުގައި ފިރިހެންކުދިންނަށް ހުރީ ނުލާއި ހުދުގެ ގޮޅިތަކެއް ހުރި ރީތި ގަމީހަކާއި ޓައިއެއްގެ އިތުރުން ކަޅު ފަޓުލޫނެކެވެ. އަންހެން ކުދިންނަށް ހުދު ގަމީހަކާއި، ނުލާއި ހުދުގެ ގޮޅި ޖެހި ސްކާޓަކާ އެކު ސްކާފް ޓައި އެކެވެ.

ސްކޫލްތަކުގެ ކިޔެވުން މިއަދު ފަށާފައިވާއިރު މިދިޔަ އަހަރާއި އަޅައި ބަލައި އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކާ މެދު ގިނަ ބެލެނިވެރިން ވަރަށް ހިތްހަމަ ޖެހެއެވެ. ބައެއް ބެލެނިވެރިން ބުނީ، މިއަހަރު އަލަށް ޗާޕުކުރި ފޮތްތައް ވެސް ރީތި ކަމަށާއި ސްކޫލް ހުޅުވުނު އިރު އެކަންކަން ވަރަށް ރަނގަޅަށް ހުރި ކަމަށެވެ. އަދި ސްކޫލްތަކުން ވެސް މިއަހަރުގެ ކިޔެވުން ފެށެންވާއިރަށް ގިނަ ތައްޔާރީތަކެއް ވެފައިވާ ކަން ފާހަގަކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ އަދި ކަންކަން ނިމިފައިވާ ގޮތަށް. ދަރުމަވަންތަ ސްކޫލަށް ބަލާއިރު ވެސް މިހުރީ ކުދިންނަށް އާ އިމާރާތް ވަރަށް ރީއްޗަށް ހަދާފަ. ފޮތް ތައް ވެސް އަޅުގަނޑުމެންނަށް ލިބިއްޖެ. ދެން މިއަދު ކިޔެވުން ނިމުނީމަ އިތުރަށް ބުނަން އެނގޭނީ،" ދަރުމަވަންތަ ސްކޫލްގެ ބެލެނިވެރިއަކު ބުންޏެވެ.

"ރަނގަޅު ހުރިހާ ކަމެއް ވެސް. ފޮތްތައް އެކަކަށް ހަމަޔަށް ލިބިއްޖެ. އަނެއް ކުއްޖާއަށް މިއަދު ފޮތް ލިބޭނެ ކަމަށް ސްކޫލުން އޮތީ ބުނެފަ،" އިސްކަންދަރު ސްކޫލުގެ ބެލެނިވެރިއަކު ބުންޏެވެ.

"އަދި ފޮތެއް ނުލިބޭ ބައެއް ކުދިންނަށް. އަޅުގަނޑުގެ ދަރިފުޅަށް މިއަދު ފޮތް ލިބޭނެ ކަމަށް ސްކޫލުން ބުނީ،" ލ. އިހައްދޫ ސްކޫލްގެ ބެލެނިވެރިއަކު ބުންޏެވެ.

މިއަހަރު ފާހަގަކޮށްލެވޭ އަނެއް ސަބަބަކީ، އެހެން އަހަރު ތަކާ އަޅާއ ބަލާއިރު މިއަހަރު ރާއްޖެއިން ބޭރުން ޓީޗަރުން ގެނެސްފައިވާ މިންވަރު ދަށް ވުމެވެ. މިއަހަރު މުޅި ރާއްޖޭގެ އެކިި ސްކޫލްތަކުގައި 4200 ދިވެހި ޓީޗަރުން ކިޔަވައިދޭނެ އެވެ. އަދި މުޅި ރާއްޖޭގެ ތައުލީމީ ދާއިރާގައި މިއަހަރު ކިޔަވައިދޭން ތިބޭނީ 2200 ބޭރުގެ ޓީޗަރުން ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ. މިއީ މިދިޔަ އަހަރު ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތްކުރި ބޭރު ޓީޗަރުން އަދަދަށްވުރެ ވަރަށް ބޮޑުތަން ދަށް އަދަދެކެވެ.

މި އަހަރުގެ ފުރަތަމަ ޓާމް ގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ 101 ދުވަހުއެވެ. އެއީ ޖެނުއަރީ 13 އިން ޖޫން ނުވައަކަށެވެ. އަދި ދެވަނަ ސެމިސްޓާ ގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ 99 ދުވަހު އެވެ. ދެވަނަ ސެމިސްޓާގެ ކިޔެވުން 19 ޖޫން ގައި ފަށާއިރު އެ ޓާމުގެ މިޑްޓާމް ބްރޭކް އަންނާނީ 11 ސެޕްޓެމްބަރު އިން 15 ސެޕްޓެމްބަރު އަށެވެ.

ދިރާސީ ކަލަންޑަރުގައިވާ ގޮތުން 2016 ވަނަ އަހަރުގެ ދިރާސީ އަހަރު ނިމޭނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.